ބޭރުގެ އުޅަނދުތަކަށް މަސްވެރިކަމުގެ ހުއްދަ ނުދިނުމަށް ލާޒިމްކުރާ އާ ބިލެއް

އަތުލައިގަތް ބޭރުގެ ހަތަރު މަސްބޯޓު ހުޅުމާލޭގައި-- ފޮޓޯ: އެމްއެންޑީއެފް

ބޭރުގެ އުޅަނދުތަކަށް މަސްވެރިކަމުގެ ހުއްދަ ނުދިނުމަށް ލާޒިމްކުރާ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ނުކުރެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެެވެ.

އެ ބިލް ރައީސް އޮފީހަށް ފޮނުވީ އަންގާރަ ދުވަހުއެވެ. މިހާރު އަމަލުކުރަމުންދަނީ 1987 ވަނަ މަސްވެރިކަމާ ބެގޭގޮތުން ފާސްކޮށްފައިވާ ގާނޫނާއި ގަވައިދު ތަކެެވެ. އަދި އެ ބިލް ފާސްކުރުމުން 32 އަހަރުވީ ގާނޫނު އުވިގެންދާނެއެވެ.

މަސްވެރިކަމުގެ އާ ބިލް ޑްރާފްޓްކޮށް ތައްޔާރުކުރީ ފިޝަރީޒް މިނިސްޓްރީންނެވެ.

އާ ބިލްގައި ދިވެހި މަސްވެރި އުޅަނދުތަކުން ސީދާ ބޭރުގެ ގައުމުތަކަށް ވިއްކޭނެ އިޖުތާއުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެކަން ކުރެވޭނީ ރާއްޖެއާ ވަކި މުއާހަދާތަކެއް ހަދާފައިވާ ގައުމުތަކާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކުރިން ހުއްދަ ނުނަގައި އެފަދަ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަދެވޭނެކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ މިއީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެތަންތަން ބެލެހެއްޓުމާ ބެހޭ އުސޫލު ކަނޑައެޅުމުގެ ގޮތުން އެކުލަވާލި ބިލެއް ކަމަށެވެ.

އެ ބިލްގައި ރާއްޖޭގެ މަސްވެރިން ރާއްޖޭގެ ކަނޑުތަކުގެ ބޭރުން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށްވެސް ވަނީ ބާރުއަޅައިފައެވެ.

ބިލުގައި ހިމެނޭ އިތުރު ކަންތައްތައް

  • އެކުއަ ކަލްޗ ސިނާއަތް ތަރައްގީކުރުން
  • މަސްވެރިންނަށް ފަސޭހަކޮށްދިނުމަށް އޮފްޝޯ ޕްލެޓްފޯމެއް ގާއިމްކުރުން
  • ރާއްޖޭގައި ކުރިން މަނާ މަސްވެރިކަމުގެ ބާވަތްތައް
  • މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދައި މުރާޖާކުރެވޭނެ ގޮތްތައް
comment ކޮމެންޓް