އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް

ޑރ. ހުސައިން ނިޔާޒް ރާއްޖެއިން އައިރީނާ އަށް ކަނޑައަޅާ ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އެރުވުން --- ފޮޓޯ: ޓުވިޓާ

އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސައިފިއެވެ.

ޑރ. ނިޔާޒް ވަނީ އަބޫދާބީގައި ހުންނަ އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީގެ މައި އޮފީހުގައި، އެޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ފްރެންޗެސްކޯ ލަ ކަމޭރާއަށް ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އަރުވާފައެވެ.

އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ގައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.

މީގެ 10 އަހަރު ކުރިން އައިރީނާ އުފެދުނު ފަހުން އެޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް، އެޖަމިއްޔާއަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައަޅާފައެއް ނުވެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއް ކަނޑައެޅުމާއި ގުޅިގެން ޑރ ނިޔާޒަށް މަރުހަބާ ކިޔައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ނިޔާޒް އެޖަމިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ހަމަޖެހުމުން ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި އައިރީނާއާއިއެކު ގުޅިގެން އިތުރު މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ތަނބަކީވެސް "ކްލައިމެޓް ޑިޕްލޮމެސީ" އެވެ.

ޑރ. ނިޔާޒް އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް މިއަދު ހަމަޖެހިގެން ދިޔައިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އޮމާން އަށާއި ބަހްރައިނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށްވެސް ރުހުން ދީފައެވެ.

comment ކޮމެންޓް