ޔާމީން ރަޝީދަށް ހަމަލާ ނުދޭ މީހުނަށް މަރުގެ ދައުވާ ކުރުމުން ދައުވާ ބާތިލް ކޮށްދޭން އެދެފި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި: ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިނުވާ މީހުނަށް މަރުގެ ދައުވާ ކުރުމުން ދައުވާ ބާތިލް ކޮށްދޭން އެދެފި ---

ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ މީހުނަށް ވެސް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާތީ އެމީހުންނަށް އުފުލި ދައުވާ ބާތިލް ކޮށްދިނުމަށް އެދެފި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

އެގޮތުން އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، އޭނާގެ މުވައްކިލުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު ދައުލަތުން ހުށަހެޅި ދައުވާގައި އިސްމާއިލް ރަޝީދު މީހަކު މެރުމަށް ކޮށްފައިވާ އެއްވެސް ކަމެއް ބުނެފައި ނުވާ ކަމަށެވެ. ހަމައެކަނި އިސްމާއިލް ރަޝީދު ކުރި ކަމަކަށް ބުނެފައިވަނީ ސައުކަލުގައި މީހަކު އުފުލުން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އެހެން ކަމުން މީހަކަށް ހަމަލާދީ މަރާލުގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނުކުރެވޭނެ ކަން މައުމޫން ހަމީދު ފާހަގަ ކުރެއްވި އެވެ.

އިސްމާއިލް ރަޝީދުގެ އިތުރުން ހުސައިން ޒިޔާދުގެ ވަކީލު އަބްދުﷲ ޝާއިރު ވެސް ވިދާޅުވީ އޭނާގެ މުވައްކިލު، ޔާމީން ރަޝީދަށް ހަމަލާ ދިން ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށާއި ޒިޔާދު ކުރީ 'މަޝްވަރާ' ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޚުލާސާއިން އެނގެން އޮންނަ ކަމަށެވެ.

އެހެން ނަމަވެސް ގާޒީ އަލީ ރަޝީދު ހުސައިން އެކަމާ ގުޅިގެން އެއްޗެއް ވިދާޅެއްނުވެއެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ މިއަދުގެ އަޑު އެހުމަކީ ދައުލަތުން ހުށަހެޅި 34 ހެކިންގެ ތެރެއިން ޔާމީން ރަޝީދު މަރާލާފައި އޮތްތަނަށް ދިޔަ ހަތަރު ފުލުހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

ހެކިބަސް ނެގުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް ކުރިން އެކަން އެނގިފައި ނެތުމުން ދިފާއީ ވަކީލުން ވަނީ ހެކިބަސް ނެގުމަށް އެހެން ދުވަހަކަށް ތާވަލު ކޮށްދިނުމަށް އެދިފަ އެވެ. އަދި މިއަދު ހާޒިރު ވެފައިވަނީ ހަތަރު ފުލުހުންގެ ތެރެއިން ދެ ފުލުހުން ކަމަށް ދައުލަތުން ބުނެފައިވާތީ ދެން އަންނަ އަޑު އެހުމަކަށް ހަތަރު ފުލުހުން ވެސް ގެނައުމަށް އިސްމާއީލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު އެދިވަޑައިގަތެވެ.

ދިފާއީ ވަކީލުން އެދިވަޑައިގަތް ގޮތަށް އެ މައްސަލައިގަ މިއަދު ހެކިބަސް ނުނަގައި އަންނަ ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ކުރިއަށް، އަށް އަޑުއެހުމެއް ބާއްވާނެ ތާރީޚު އިއުލާނު ކޮށް އެ އެ ތާވަލަށް އަޑުއެހުންތައް ކުރިއަށް ގެންދެވިއްޖެ ނަމަ އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ހުކުމް ކުރައްވާނެ ކަމަށް ގާޒީ އަލީ ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ރަޝީދު މަރާލައިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އިސްމާއިލް ރަޝީދާއި އިސްމާއީލް ހައިޝަމް ރަޝީދު އަދި އަހުމަދު ޒިހާން އިސްމާއީލެވެ.

comment ކޮމެންޓް