މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއެކު ގިނަ ހިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަލަށް ޑިޒައިންކޮށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތާއެކު އެ ސިއްހީ މަރުކަޒުތަކުގެ ދަރަޖަ އެކެއްގެ ހޮސްޕިޓަލަށް ބަދަލުވެގެންދާނެއެވެ.

"އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލުތަކުގެ ސަބަބުން މާލެއަށް ހިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެ. އެކަމުގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް ކުރާ ހަރަދު ކުޑަވާނެ. އޭގެ ހެޔޮ ނަތީޖާ ފެނިގެންދާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ހިދުމަތް ބަދަލުކުރުމުން އެތަންތަނުން ލިބެން ހުންނާނެ ހިދުމަތްތައް

* އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް

* ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް

* ހޭނައްތާ ޑޮކްޓަރުގެ ހިދުމަތް

* އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތް އަދި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް

* އެމެންޖެންސީ ރޫމް، މައިނާ، އެކްސްރޭ، ލޭބާ ރޫމް އަދި އަލްޓްރާ ސައުންޑްގެ ހިދުމަތް.

ދަތުގެ ހާއްސަ ފަރުވާގެ ހިދުމަތްދޭން ފެށުމާއެކު ޑައިލަސިސްގެ ހިދުމަތްވެސް ދޭން ފަށާނެއެވެ. އަދި އޭގެ އިތުރުން ފިޒިއޮތެރަޕީ ހިދުމަތްދޭން ފެށުމާއެކު ސްކޭންގެ ހިދުމަތް ވެސް ފެށޭނެއެވެ.

އެ ހޮސްޕިޓަލުގައި ޖުމްޕަ 35 އެނދު ހުންނާނެއެވެ. އަދި ހަ ޕްރައިވެޓް ރޫމް ހުންނާނެއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ހިދުމަތްތަކުގެ އިތުރަށް ޕަބްލިކް ހެލްތުގެ މަސައްކަތް ހަރުދަނާކުރުމަށް ވެކްސިން ސްޓޯ ކުރާ ކޮޓަރިއަކާ ކޮންފަރެންސް ހޯލެއް އިމާރާތްކުރާނެކަމަށެވެ.

comment ކޮމެންޓް