ޖަލްސާ ބާއްވަން އުމަރަށް ކާނިވާ ސަރަހައްދު ދީފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، "ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު"ގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ޕްލޭނިން މިނިސްޓްރީ އިން ހުއްދަ ދީފި އެވެ.

އުމަރު ޖަލްސާ ބާއްވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރާ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް، އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ޖަލަށް ލާފައި ވާތީ އެކަމުގެ އުފަލުގަ އެވެ.

އެ ޖަލްސާ ބާއްވަން ކުރިން ހަމަޖައްސައިފައި އޮތީ މި ރެޔެވެ. ނަމަވެސް މި ހަފްތާގައި ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރެއް ކުރިއަށް ދާތީ އުމަރުގެ ޖަލްސާ ވަނީ މި މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

ޖަލްސާ ބާއްވަން ހުއްދަ ދީ ޕްލޭނިން މިނިސްޓްރީ އިން އުމަރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް ހަމަލެއް ނުހިންގުމަށާއި ހަމަނުޖެހުމެއްގައި ލިބޭ ގެއްލުމުގެ ޒިންމާ އުމަރު ނަންގަވަން ވާނެ ކަމަށެވެ.

އުމަރު ގަބޫލުކުރާ ގޮތުގައި އެއީ ލުތުފީ ގެންނަން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އެވެ. ލުތުފީ މެއި މަހުގެ ފުރަތަމަ ދުވަހު ލަންކާ އެމްބަސީއަށް ވަދެ އަމާން ދިން ކަން ސަރުކާރުން ސިއްރުކޮށްގެން އުޅެނިކޮށް އެކަން ފަޅާއަރުވާލީ އުމަރެވެ.

އުމަރު ވިދާޅުވީ ލުތުފީ އެމްބަސީއަށް ވަދެ އަމާން ދޭން ޖެހުނީ ވެސް ހޯމް މިނިސްޓަރު ކަމުގައި އޭނާ ހުރި އިރު ކުރި މަސައްކަތުގެ ސަބަބުން، އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އޭނާ ފިލި މައްސަލައިގެ ތަހުގީގު ވެސް މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް