ރޮހިންގާ މުސްލިމުން އެނބުރި ގައުމަށް ދިއުމުގެ ހައްގު ދޭންޖެހޭ: އދ.

ހާލުގައި ޖައްސާފައިވާ ރޮހިންގްޔާ މުސްލިމުން

ޖެނީވާ (ޖުލައި 11): ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ވަރަށް ނިކަމެތި ހާލަތެއްގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން އެނބުރި ގައުމަށް ދެވޭފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް މިޔަންމާއިން ފަސްޖެހޭކަމަށް އދ. އިން ބުނެފިއެވެ.

ޖެނީވާގައި ކުރިއަށް ދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ 41 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އދ. ގެ ޑެޕިއުޓީ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ކޭޓް ގިލްމޯ ވިދާޅުވީ ވަޒަނުން ބޭރުކޮށްލުމުގެ ސަބަބުން ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ވަގުތީގޮތުން ތިބެން ޖެހިފައިވާ ރޮހިންގާ މުސްލިމުން އެނބުރި ގައުމަށް ދެވޭނެ މާހައުލެއް ތަނަވަސްކޮށްދިނުމަށް މިޔަންމާ ސަރުކާރުން ވައުދުވިނަމަވެސް އެ ވައުދާ އެއްގޮތަށް މިޔަންމާ ސަރުކާރުން އަމަލުނުކުރާ ކަމުގައެވެ.

ރޮހިންގާ މުސްލިމުންނަކީ އަމިއްލަ ވަޒަނެއް ނެތް (ސްޓޭޓްލެސް) ބަޔަކަށް ހަދާފައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަކީ މިޔަންމާއިން ކުރަންޖެހޭ ކަމެއް ކަމަށާ އެކަން ކުރަން މިޔަންމާ ސަރުކާރަށް މަޖުބޫރުކުރުމަކީ އދ. އިން ކުރަން ޖެހޭނެ ކަމެއް ކަމަށް ގިލްމޯ ވިދާޅުވެފައިވެއެވެ.

2017 ވަނަ އަހަރު މިޔަންމާ ސިފައިން އެ ގައުމުގެ ބައިމަދު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށްޓަކައި 900،000 އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެ ރައްކާތެރިކަމާއި ހިމާޔަތް ހޯދާފައި ވެއެވެ. ނަމަވެސް ރޮހިންގާއިންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގި މިޔަންމާ ސިފައިންނާއި އެ ގައުމުގެ ހަރުކަށި ބުޑިސްޓުންގެ މައްޗަށް ދައުވާކޮށް ރޮހިންގާ މީހުންނަށް އިންސާފު ހޯދައި ދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް މާ ބޮޑުކަމެއް ކުރެވިފައެއް ނުވެއެވެ.

މި މައްސަލާގައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައިވެސް އދ. އަށް މާ ބޮޑުކަމެއް ކުރެވިފައެއް ނުވެއެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުންވެސް ރޮހިންގާ މީހުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ރޮހިންގާ ރެފިއުޖީންގެ 900،000 އެއްހާ ރެފިއުޖީން ދިގު މުއްދަތަކަށް ބެލެހެއްޓުމަކީ ބަންގްލަދޭޝްއަށް އުފުލޭނެ ބުރައެއް ނޫންކަމަށް އދ. އިން ވެސް ދެކެއެވެ. ނަމަވެސް ރޮހިންގާއިންނަށް ރަށްވެހިކަމުގެ ހައްގު ދިނުމަށް މިޔަންމާއިން ދެކޮޅު ހަދާ މައްސަލަ އެ ގައުމަށް ފިއްތުންތައް ކުރިމަތިކޮށްގެން ހައްލުކުރުމުގައި އދ. ވަނީ ނާކާމިޔާބުވެފައެވެ.

ރަށްވެހިކަމުގެ ހައްގު ނުދެނީސް ރޮހިންގާ ރެފިއުޖީންވެސް ގެންދަނީ އަނބުރާ މިޔަންމާއަށް ދިއުމަށް ދެކޮޅު ހަދަމުންނެވެ.

2017 ވަނަ އަހަރު މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގައި ރޮހިންގާ މުސްލިމުންގެ 25،000 އަށް ވުރެ ގިނަ މީހުން މަރާލައި، 18،000 އަށް ވުރެ ގިނަ އަންހެނުން ރޭޕްކުރިއިރު އަނިޔާކޮށް ޒަޚަމްކޮށްލި މީހުންގެ އަދަދު ލައްކައަކަށް ވުރެ ގިނަ ކަމަށް އދ. އިން ބުނެއެވެ.

މީގެ އިތުރުން ރޮހިންގާއިންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހައި އަންދާލުމުގެ ސަބަބުން އެތައް ހާސް ބަޔަކު ފިހިގެންވެސް މަރުވިއެވެ..

(ނޫސްއެޖެންސީތައް)

comment ކޮމެންޓް