ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރެވޭނެ ދައުވާއެއް ނޯންނާނެ: އަދުރޭ

މިރޭ ރާއްޖެވަޑައިގެން އަދުރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައި އޮތް ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ސާބިތުވާނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ދޮޅު މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނު ކޯޓަށް ހާޒިރުކުރާނެކަން މާކުރިން ވެސް އެނގޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ ރައީސް ޔާމީންގެ މައްޗަށް ސާބިރުކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ. އަދި ކޯޓަށް ހާޒިރުވާން ފޮނުވައިފިއްޔާ ކޯޓަށް ވަޑައިގަންނަވާނެ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުރިމަތިކުރައްވާ ކޮންމެ ސުވާލަކަށް ވެސް ވަރަށް ސާބިތުކަމާ އެކު ޖަވާބުދެއްވާ ދިފާއުވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން އިދިކޮޅުގައި މަސައްކަތް ކުރާތީ ކަމަށެވެ.

"އެއީ މި ސަރުކާރަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާ އެމްބަސީގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި އިރުވެސް ސަރުކާރުން އެކަން ހާމަނުކުރީތީ އަދުރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެނޫންވެސް ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފަދަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލުކުރާ ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް ވެސް ހީނަރުކަމެއް އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެންކަމުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

comment ކޮމެންޓް