ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އޭނާ ނިޔާވީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ، ޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މިއަދު ހަވީރު 17:25 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ އެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ސިމެންތި ބަސްތާ ވެއްޓިފައި ވަނީ އޭނާގެ ބޮލަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މިއަދު މީހަކު ނިޔާވެފައިވާއިރު، މި މަހުގެ ހަ ވަނަ ދުވަހު ހަމަ އެ އިމާރާތުގައި ހަދަމުން ދިޔަ ލިފްޓެއްގެ ކޭބަލް ކަނޑައިގެން ވެއްޓި ލިފްޓުގައި ހުރި ބިދޭސީ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ އަންހެން ކުއްޖަކު ވެސް ވަނީ ނިޔާވެފައެވެ.
އެ މައްސަލައިގައި ޖިނާއީ ދައުވާކޮށް، ޝަރީއަތް ފެށިގެން ކުރިއަށް އެބަދެއެވެ.