މުވައްޒަފުންނާ މެދު އޭސީސީއިން ކުރި ތުހުމަތުތައް ބީއެމްއެލްއިން ކުށްވެރިކޮށްފި

އެއާޕޯޓްގައި ޑޮލަރު ގަތުމަށް ބީއެމްއެލް އިން ގާއިމްކޮށްފައިވާ ކައުންޓަރު --- ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ގައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފުންނަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދެއްކި ވާހަކަތައް އެ ބޭންކުން މިއަދު ކުށްވެރިކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭސީސީއިން އިއްޔެ ދިން މައުލޫމާތުތަކުގައި އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އެންޑޯސްކޮށްފައިވާ އެމްއެމްޕީއާރުސީގެ ޗެކްތައް ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ދިޔައީ، އެމްއެމްޕީއާރުސީގެ ބޯޑުން އެެކުލަވާލާފައިވާ ބޯޑް ރިޒޮލިއުޝަނަކާ ހިލާފަށް ކަމަށެވެ. އަދި ބޭންކާ އެ ރިޒޮލިއުޝަން ހިއްސާކޮށްފައި ވަނިކޮށް އެކަން ކުރީ ކީއްވެގެންކަން ސާފުކުރުމަށް ބޭންކްގެ ޗެކް ކުލަޔަރަންސްގައި މަސައްކަތް ކުރާ 38 މުވައްޒަފަކާ ސުވާލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދުދެމުން ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަހުގީގު ފުރިހަމަނުވަނީސް، އަދި ބޭންކުން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރަމުން ދަނިކޮށް އެ ހިޔާނާތުގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާކަމަށް ދޭހަވާގޮތަށް އޭސީސީއިން ވާހަކަ ދައްކާފައި ވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބޭންކުން ބުނީ އެފަދަ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކުގެ ސަބަބުން ބޭންކްގެ ކުރިމަގަށް ހުރަސްއެޅި ބޭންކްގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ.

"މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލް އަޤުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބޭންކްގެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައި ވާނީ، އެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމަށް އެންޑޯސްކޮށް، އެމްއެމްޕީއާރުސީއިން ބޭންކަށް ހުށަހެޅުމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ، މި ޗެކްތައް ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައިވަނީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ގާނޫނާ އެއްގޮތް ވާ ގޮތަށް ކަމަށެވެ.

އެކަމުގައި އެއްވެސް ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ބޭންކްގެ އެއްވެސް މުވައްޒަފަކު ހިންގާފައި ނުވާކަން އެމްއެމްއޭއިންނާއި ބޭންކުން މިހާތަނަށް ކުރި ހާއްސަ އިންޓާނަލް އޮޑިޓުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

"މި ގާނޫނަށް އަމަލުކުރަން ފެށިފަހުން ބޭންކަށް އެންޑޯރސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށްވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައް ވަކި ތަފާތުކުރުމެއްނެތިއެވެ. ދިވެހިރާއްޖޭގެ އެހެނިހެން ބޭންކުތަކުންވެސް، އެންޑޯރސްކޮށްފައިވާ ޗެކްތައް ޖަމާކުރާ އުސޫލުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ގާނޫނުގައިވާ ގޮތުން ޗެކްއެންޑޯސްކުރުމުގައި ކުންފުނީގެ ބޯޑް ރިޒޮލިއުޝަންއެއް ބޭނުމެއް ނުވެ އެވެ. ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ ނަމަ، ޗެކް އެންޑޯސްމަންޓް ބޭންކުން އެޕްރޫވް ކުރެ އެވެ. ނަމަވެސް ބޮޑު ހިޔާނާތަށް ފަހު ޗެކް އެންޑޯސްކުރުން ހުއްޓާލި އެވެ.

ބޭންކުން ބުނީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާ ގުޅިގެން ކުރާ ތަހްގީގުތަކަށް ކުރިޔަށްއޮތްތާނގައިވެސް ފުރިހަމައަށް އެ ބޭންކުން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެ ތަހުގީގު އަވަހަށް ނިންމައި ހަގީގަތް ހާމަކުރުމަށް ވެސް ބޭންކުން ގޮވާލި އެވެ.

"މިބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަހްގީގު ނިންމައި، މި ބޭންކުގެ ބައިވެރިވުން މި ހިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުމެވެ،" ބަޔާނުގައިވެ އެވެ.

comment ކޮމެންޓް