ހާއްސަ އެހީއަށް ބޭނުންވާ މީހަކު ސިއްހީ މަރުކަޒެއްގެ ވަޅުގަނޑަކަށް ވެއްޓި އަނިޔާވެއްޖެ

ށ. ފޯކައިދޫ---

ށ. ފޯކައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު އެ ރަށު ސިއްހީ މަރުކަޒުގެ ވަޅުގަނޑަކަށް ވެއްޓި އަނިޔާވެއްޖެ އެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަހުމަދު އަންވަރު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ 08:30 ގައި ކަމަށެވެ.

"މިރަށު ސިއްހީ މަރުކަޒުގައި ހުންނާނެ ދެ ގޭޓް އެ ދެ ގޭޓް އާންމުކޮށް މީހުން ބޭނުންކުރާނީ. ދެން ހާއްސަ އެހީއަށް ބޭނުންވާ މީހާ މިއައީ ހޮސްޕިޓަލްގެ ބިއްދޮތް ފަރާތުން. އެއީ މީހުން ވަންނަ ސަރަހައްދެއް ވެސް ނޫން،. އަނދިރިކޮށް އޮންނާނީ ދެން އޭނާ އެތަނުް ވަދެއުޅެނިކޮށް ސެޕްޓިކް ޓޭންކް ހަދަން ވެގެން ކޮނެފައި އޮތް ތިން ފޫޓުގެ ވަޅުގަނޑަކަށް ވެއްޓުނީ." އަންވަރު ވިދާޅުވި އެވެ.

އެރަށު ސިއްހީ މަރުކަޒުން އެކްސްރޭ ނުނެގޭތީ އަނިޔާވި މީހާއަށް ސީދާ ލިބުނު ގެއްލުން ނޭނގޭ ކަމަށް އަންވަރު ވިދާޅުވި އެވެ.

"އެކަމަކު ޑޮކްޓަރު ވިދާޅުވީ ފައިގެ ކުޑަހުޅާއި އަދި އަތުގެ ކުޑަހުޅު ނެއްޓިފައިވާ ކަމަށް." އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު އޭނާއަށް އާސަންދަ ހަމަޖައްސައިދީ، އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފައިވާ ކަމަށެވެ.

comment ކޮމެންޓް