ހައްޖު ކޯޕަރޭޝަނަށް އެޖެންޓުން ކަނޑައަޅައިފި

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަނުގެ މަސައްކަތްތަކާއި ހިދުމަތްތައް މާކެޓުކޮށް ފުޅާ ކުރުމަށް އެޖެންޓުންނާ އެކު ސޮއިކޮށްފި އެވެ.

މިއަދު އެކޯޕަރޭޝަނުން ވަނީ ބ. ތުޅާދޫ، ފ. ނިލަންދޫ، ލ.އިސްދޫ، ބ. އޭދަފުށި، ރ. އިނގުރައިދޫ އަދި ތ. ވޭމަންޑޫ ދާއިރާއަށް އައްޔަން ކުރި އެޖެންޓުންނާ އެކު ސޮއިކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ އެ ކޯޕަރޭޝަނުގެ ހިދުމަތްތައް މާކެޓު ކުރުމަށް އެޖެންޓުން ހަމަހެއްސީ ރައްޔިތުންނަށް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކާއި މަޢުލޫމާތު ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

އޭޖެންޓުން އައްޔަންކުރެވިފައި ވަނީ ހުޅުވާލެވިގެން އިއުލާން ކުރުމަށްފަހު އެވެ. މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ދެން އެހެން ހުރިހައި އިންތިހާބީ ދާއިރާތަކަކުން އޭޖެންޓުން އައްޔަންކުރުމަށް ނިންމަވާފައިވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ އޭޖެންޓުންނަށް އެއްވެސް ސިފައެއްގައި ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ. އަދި އޭޖެންޓުން އައްޔަންކުރުމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި ކޯޕަރޭޝަންގެ ޚިދުމަތްތައް ބޭނުންކުރުމުގައި މިހާރަށް ވުރެ ބޮޑަށް އާންމުންނަށް ފަސޭހަވެގެންދާނެ ކަމަށް އެމްޑީ ހާމިދު ވިދާޅުވި އެވެ.

comment ކޮމެންޓް