ރައީސްއާ ހިޔާލު ތަފާތުވެ، މެކްސިކޯގެ ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

މެކްސިކޯގެ ރައީސް އޮބްރަޑޯ (ވ) އަދި އިސްތިއުފާ ދެއްވި ވަޒީރު އުރްޒުއާ (ކ) --- ފޮޓޯ/ ގެޓީ

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަޑޯއާ ޚިޔާލު ތަފާތުވެ، އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭ ފިނޭންސް މިނިސްޓަރު ކާލޯސް އުރްޒުއާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިގްތިދާސީ މާހިރެއް ކަމުގައިވާ ކާލޯސް އުރްޒުއާ، މެކްސިކޯގެ މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ، މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮބްރަޑޯއަށް ފޮނުއްވި ސިޓީ ޓްވީޓުކުރައްވަމުންނެވެ.

އެ ސިޓީގައި އުރްޒުއާ ވިދާޅުވީ ރައީސް އޮބްރަޑޯގެ އިގްތިސާދީ ސިޔާސަތުގައި ހަމަނުޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރިކަމަށާއި، އިގްތިސާދީ ސިޔާސަތު ބިނާވާން ޖެހޭނީ ދިރާސާގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިގްތިސާދީ ސިޔާސަތު ބިނާވެ ތަންފީޒުކުރަން ޖެހޭނީ އެވިޑެންސްގެ މައްޗަށް އަދި އެ ސިޔާސަތުގެ ނަތީޖާއާ ކުރިމަތިލެވެން ޖެހޭނެ. އިގްތިސާދީ ސިޔާސަތު ވާންޖެހޭނީ ހައްދުފަހަނަ އެޅުމުން ދުރު އެއްޗަކަށް. އެއީ ކަނާތު ފިޔަ ނުވަތަ ވާތު ފިޔަ ވިޔަސް،" އޭނާ ވިދާޅުވި އެވެ.

މެކްސިކޯގެ ރައީސް އޮބްރަޑޯއަކީ ވާތު ފިޔައިގެ ސިޔާސަތުތަކާށް ތައީދުކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގަތީ އެގައުމުގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު އެވެ. އޭގެ ތެރޭގައި އިގްތިސާދީ ކުރިއެރުމާއި، ވަޒީފާގެ ގިނަ ފުރުސަތުތަކާއި އިޖްތިމާއީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވައުދުވެވަޑައިގަތެވެ.

ފިނޭންސް މިނިސްޓަރުގެ ކުއްލި އިސްތިއުފާއާއެކު، ހުސްވި މަގާމަށް އިންތިހާބުކުރި އާ ބޭފުޅަކީ އިގްތިސާދީ މާހިރު އަދި ވޯލްޑް ބޭންކުގައި ކުރިން މަސައްކަތްކުރެއްވި އަރްތޫރޯ ހެރޭރާ ގުޓެރޭޒް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް