އައިއޯއައިޖީގެ ބިޑު ހޯދުމުގައި ދެ ވަޒީރުންގެ "ޑިޕްލޮމެސީ"ގެ ހިއްސާ ބޮޑު

ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް --- ފޮޓޯ// ޔޫތް މިނިސްޓަރީ

ރާއްޖެއިން 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްއަށް ކުރާ ބިޑު ކާމިޔާބު ކުރުމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްގެ ބައިނަލް އަގުވާމީ ގުޅުންތަކުގެ ހުނަރަކީ އެންމެ މުހިއްމު ދައުރެއް އަދާ ކުރާނެ އެއް ކަމެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ޕްރިއޮރިޓީ ކަމުގައިވާ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ދިވެހި ފަސްގަނޑުގައި ބޭއްވުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތައް ގައުމުތަކެއްގެ ކުޅިވަރާ ބެހޭ އިސްފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދީ، ރާއްޖޭގައި އެކަން ކުރުމަށް ބޭނުންވާނެ ވަސީލަތްތަކާ ކަންކަން ސަރުކާރުން ވަނީ ވަރަށް ގާތުން ބަލައިފަ އެވެ.

އަދި އެކަންކަން ބެލުމަށްފަހު އައިއޯއައިޖީއަށް ރާއްޖެއިން ބިޑު ކުރަން ނިންމުމާ ގުޅިގެން މިދިޔަ ހަފްތާގައި އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބިޑު ކާމިޔާބު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރައީސްގެ ހާއްސަ ދެ މަންދޫބުންގެ ގޮތުގައި އަދުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް މިވަގުތު އަންނަނީ ގޭމްސްގައި ވާދަ ކުރާ ބައެއް ގައުމުތަކަށް ޒިޔާރަތްކޮށް އެގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން އެ ދެބޭފުޅުން އިއްޔެ ވަނީ ސީޝެލްސްއަށް ޒިޔާރަތްކޮށް އެގައުމުގެ ރައީސް ޑެނީ ފޯރ އަދި އެގައުމުގެ ކުޅިވަރުގެ އިސްފަރާތްތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ރާއްޖެއަކީ އިންޑިއަން އޯޝަން އައިލެންޑުގެ ގައުމުތަކުގެ ތެރޭގައި އެހެނިހެން ގައުމުތަކާ ވަކިން ދުރުގައި އޮންނަ ގައުމެއް ކަމުން އެ ގައުމުތަކާ މީގެ ކުރިން ރާއްޖޭގެ ސަރުކާރުން މާ ބޮޑެތު ގުޅުންތަކެއް ބަދަހިވެފައެއް ނެތެވެ. އަދި ގޭމްސްގައި ދެން ތިބި ގައުމުތަކަކީ ގުޅުންތައް ވަރުގަދަ ގައުމުތަކަކަށް ވެފައި މީގެ ކުރިން މި ގޭމްސް ބާއްވާފައި ތިބި ގައުމުތަކެވެ.

ނަމަވެސް ރާއްޖެއަށް އެގައުމުތަކުގެ ރުހުން ހޯދުން މިވަނީ ފަސޭހަ ކަމަކަށް ވެފަ އެވެ. ސަބަބަކީ ރައީސްގެ ދެ މަންދޫބުންގެ "ޑިޕްލޮމެސީ" އެވެ. ޝާހިދުއާއި މަހްލޫފް އަކީ މީގެ ކުރިން ވެސް ގިނަ ގައުމުތަކަކަށް ރަސްމީ ޒިޔާރަތްތައް ކުރައްވައި ގިނަ ބޮޑެތި ފައިދާތަކެއް ރާއްޖެއަށް ހޯދައިދީފައި ތިއްބެވި ދެ ބޭފުޅުންނެވެ.

އަދި މި ދެބޭފުޅުން ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ވެސް ވަނީ ކާމިޔާބު ދަތުރުފުޅަކަށް ހައްދަވައިފަ އެވެ. އެގޮތުން އެ ގައުމުގެ ރައީސް ވަނީ އައިއޯއައިޖީގެ ބިޑު ރާއްޖެއަށް ކާމިޔާބު ކުރުމުގައި ތާއިދު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން އެ ދެބޭފުޅުން ވަނީ އެގައުމުގެ ގައުމީ ޓީވީއަށް ވެސް މައުލޫމާތު ދީފަ އެވެ. އެ ބޭފުޅުން ވިދާޅުވީ ސީޝެލްސްއާއި ރާއްޖެއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި ކުރިއަށް އޮތްތާ ދެގައުމުގެ ގުޅުން އިތުރު ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސީޝެލްސްގެ އިތުރުން އަންނަ ފަހަރުގެ އެ މުބާރާތް ބާއްވަން ބިޑު ކޮށްފައިވާ ކޮމޮރޯސްގެ އިތުރުން މޮރިޝަސްއަށް ވެސް މި ދަތުރުފުޅުގައި ދެ ވަޒީރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް