އޭސީސީއަށް ހަމަޖައްސަން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒުއާ އެކު 12 ބޭފުޅެއްގެ ނަން

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް: -- ސަން ފައިލް ފޮޓޯ

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ނަމާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ހަމަޖައްސަން ރައީސްއަށް ފެންނަ 12 ނަމެއް ދިރާސާކުރުމަށް މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު ހަމަވަނީ، އަންނަ ސެޕްޓެމްބަރު، 9 ވަނަ ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައި ރިޔާސަތުން މަޖިލީހުގެ ތަޅުމަށް އިއްވި ސިޓީގައިވާ ގޮތުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލީ 65 ފަރާތުގެ ތެރެއިން 12 ނަމެއް ރައީސް އޮފީހުން ވަނީ ޝޯޓްލިޓްކޮށް ދިރާސާކުރުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި އޭސީސީގައި މިހާރު ތިއްބެވި އެއްވެސް ބޭފުޅެއްގެ ނަމެއް ނުހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަމަކީ، ކުރިން އޮޑިޓް ޖެނެރަލަކަށް ހުންނެވި ގދ. ތިނަދޫ، ބުރޫމް، ނިޔާޒް އިބްރާހިމްގެ ނަންފުޅެވެ.

ރައީސް ފޮނުއްވި ނަންފުޅުތައް:

1. ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ

2. އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ

3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް

4. އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654

5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު

6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ

7. މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ

8. އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366

9. މަރިޔަމް އަހުމަދު. ގ. ޓުރަސްޓްހޯމް

10. ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ

11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ

12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި

މި ނަންތަކުގެ އިތުރުން ދެން އޭސީސީގެ މެންބަރުކަމަށް ކުރިމަތިލީ އެހެން ފަރާތްތަކުގެ ނަންތައް ވެސް މަޖިލީހުގެ ސަމާލުކަމަށް ރައީސް ވަނީ ސިޓީއާ އެކު ފޮނުއްވައިފަ އެވެ. ރައީސް އެދިވަޑައިގަތީ، ފަސް ބޭފުޅެއްގެ ނަން ދިރާސާކޮށް ކޮމިޝަންގެ މެންބަރުކަމަށް ފާސްކޮށްދެއްވުމަށެވެ.

އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމެވި އެވެ.

އޭސީސީގައި ތިއްބަވަނީ ޖުމްލަ ފަސްމެންބަރުން އެވެ. އޭގެ ތެރެއިން އޭސީސީގެ ރައީސްއަކަށް ހުންނެވި ހަސަން ލުތުފީ ވަނީ މިފަހުން ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. މިހާރު ތިއްބެވި ބޭފުޅުން އެ ކޮމިޝަނަށް ހަމަޖެއްސީ، ސެޕްޓެމްބަރު 2014ގަ އެވެ.

comment ކޮމެންޓް