އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ނެގެހެއްޓުމުގެ މަސައްކަތް ޔޫރަޕުން ފަށައިފި

ޔޫރަޕްގެ ޚާރިޖީ ވަޒީރު މޮގިރިނީ އާއި އީރާންގެ ޚާރިޖީ ވަޒީރު ޑރ. ޖަވާދު ޒަރީފް

ބްރަސަލްސް (ޖުލައި 10) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރުމަށް އީރާނުން ނިންމި އާދަޔާ ޚިލާފު ނިންމުންތަކާ ގުޅިގެން ނިއުކްލިޔާ އެއްބަސްވުން ބޭކާރު އެއްޗަކަށް ވެ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ދިމާއަށް އީރާން މިސްރާބު ޖަހާފާނެތީ އެއެއްބަސްވުން ސަލާމަތް ކުރުމުގެ މަސައްކަތް ޔޫރަޕުގެ ބޮޑެތި ބާރުތަކުން ފަށައިފިއެވެ.

މިކަމަށްޓަކައި ޔޫރަޕުގެ ބޮޑު ތިންބާރު ކަމަށްވާ ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުން ވަނީ އީރާނާއެކު ހާއްސަ ބައްދަލުވުމަކަށް ގޮވާލާފައެވެ. މިގޮވާލުމާއެކު ޔޫރަޕްގެ ބޮޑުތިން ބާރާ އަދި އީރާނާ ގުޅައިގެން މި ބައްދަލުވުން ބާއްވާނެ ތާރީޚަކާއި ބައްދަލުވުމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީ ގެ އޮފީހުން ވަނީ ފަށާފައެވެ.

ނިއުކްލިޔާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލުކުރާ މިންވަރު ކުޑަކުރުމުގެ ގޮތުން މިހަފްތާގެ ކުރީކޮޅު އީރާނުން ނިންމި ނިންމުންތަކުގެ ތެރޭގައި ހިމެނެނީ ނިއުކްލިޔާ އެއްބަސްވުމުގައި ހުއްދަދޭ މިންވަރު ކަމަށްވާ 3 އިންސައްތައަށްވުރެ މައްޗަށް ޔޫރޭނިއަމް ފައްކާކުރަން ފެށުމާއި ފައްކާކޮށްފައިވާ ޔޫރޭނިއަމް ގެ ސްޓޮކް އިތުރުކުރުމާއި އީރާނުގެ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރު ކަމަށްވާ "އަރަކް" ނިއުކްލިޔާ ރިއެކްޓަރުގެ މަސައްކަތް އަލުން ފެށުމެވެ. މި އާދަޔާ ޚިލާފު ނިންމުންތައް އީރާނުން ނިންމީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދީ ނިއުކްލިޔާ އެއްބަސްވުމުން އީރާނަށް ލިބެންޖެހޭ އިގްތިސާދީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ޔޫރަޕްގެ ބާރުތައް ފޭލްވެފައިވާތީ އެބާރުތަކަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ހާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ވަނީ އެނިންމުންތައް އީރާނުން ނިންމީ ނިއުކްލިޔާ އެއްބަސްވުން ރޫޅާލުމުގެ ނިޔަތުގައި ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދީ އެއެއްބަސްވުމުގައި އީރާނަށް ލިބެންޖެހޭނެކަމަށް ބުނާ އިގްތިސާދީ ހައްގުތައް ޔޫރަޕުން ހިމާޔަތް ކޮށްދީފިނަމަ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ނިންމި ނިންމުންތައް ބަދަލުކުރާނެ ކަމުގެ އިޝާރާތެއްވެސް ޒަރީފް ވަނީ ދެއްވާފައެވެ.

ޔޫރަޕްގެ އިއްތިޙާދާއި ޔޫރަޕްގެ ބޮޑު ތިންބާރުންވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޕާސް ކުރުމަށްފަހު އީރާނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ދާދިފަހުން ގާއިމް ކޮށްފައެވެ. ނަމަވެސް އެނިޒާމުގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ. "އިންސްޓެކްސް" ގެ ނަމުގައި އުފައްދާފައިވާ އެ ނިޒާމުގެ މަސައްކަތް ފެށުމުން އެ ނިޒާމުގެ ތެރެއިން އެމެރިކާގެ ޑޮލަރާ ނުލައި އީރާނާއެކު ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ހިންގުމުގެ ފުރުސަތު ޔޫރަޕްގެ އިއްތިހާދަށް ލިބިގެންދާނެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދިނުމުގައި ދުނިޔޭގެ އެހެން ބާރުތައް ފޭލްވާނަމަ ނިއުކްލިޔާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލުކުރާ މިންވަރު ކޮންމެ 2 މަހަކުން އިތުރަށް ދަށްކުރާނެކަމުގެ އިންޒާރުވެސް އީރާނުން މިހާރުވަނީ ދީފައެވެ. މިގޮތުން ޔޫރޭނިޔަމް ފައްކަކުރާ މިންވަރު 20 އިންސައްތައަށް މައްޗަށް ގެންދާނެކަން އީރާނުންވަނީ ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު