ލުތުފީ ކަރެކްޝަނާ ހަވާލުކޮށް ފިލި މައްސަލައިގެ ތަހުގީގު ފަށައިފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުން މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކޮށްފި އެވެ.

ލަންކާ އެމްބަސީއާ އަމިއްލައަށް ހަވާލުވިތާ، ދެ މަހެއްހާ ދުވަސް ފަހުން، ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނައީ، ކޮލަމްބޯއިން ރާއްޖެ އައި އެމިރޭޓްސްގެ އީކޭ-653 ފްލައިޓުން މިރޭ 9:30 އެހާކަންހާއިރު އެވެ.

އޭނާ އެއާޕޯޓުން ބާލައިގެން ގެނެސް، ފުލުހުންގެ ކާރެއްގައި ވަނީ ވަގުތުން ސިފައިންގެ މައިމަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ގެނެސްފަ އެވެ.

ފުލުހުން ބުނީ، އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު، މިރޭ 11:03 އެހާކަންހާއިރު ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސަސްއާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ލުތުފީ ފިލައިގެން އުޅޭ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކަރެކްޝަންސް އިން ވެސް ބުނީ، މިރެއިން ފެށިގެން ލުތުފީގެ ހުކުމުގެ މުއްދަތު މިރޭ އޭނާއާ ހަވާލުވި ވަގުތުން ފެށިގެން ގުނަން ފަށާފައިވާ ކަމަށެވެ.

ސްރީލަންކާ ހަނގުރާމަކުރި ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ ލުތުފީ މެެރުމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.

އެ ހުކުމުން ތަންފީޒުކުރަން ބާކީ ހަތަރު ވަރަކަށް އަހަރު އަދި އެބައޮތެވެ.

comment ކޮމެންޓް