މިޔަންމާގެ ރާހިން ސްޓޭޓުގައި އިންޑިއާއިން 250 ގެ އަޅާދީފި

އިންޑިއާއިން ވަނީ ރާހިން ސްޓޭޓުގައި 250 ގެ އަޅާދީފަ -- ފޮޓޯ: ސީއެންއޭ

ނޭޕީޑޯ (ޖުލައި 9): މިޔަންމާގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ހާއްސަކޮށް އިންޑިއާއިން ރާހިން ސްޓޭޓުގައި 250 ގެ އަޅާ، އެގެތައް މިޔަންމާ ސަރުކާރާ ހަވާލުކޮށްފި އެވެ.

އިންޑިއާއިން އެގެތައް އަޅާފައި ވަނީ 2017 ވަނަ އަހަރު މިޔަންމާއާ އެކު ހެދި ރާހިން ސްޓޭޓް ޑެވެލޮޕްމެންޓް ޕްރޮގްރާމް (އާރުއެސްޑީޕީ)ގެ ދަށުންނެވެ. އިގުތިސާދީ ގޮތުންނާއި އިޖުތިމާއި ގޮތުން އެސްޓޭޓް ކުރިއެރުވުމަށް، ފަސް އަހަރުގެ މުއްދަތަށް ހަދާފައިވާ އެ އެއްބަސްވުމުގެ އަގު 25 މިލިއަން ޑޮލަރަށް އަރަ އެވެ.

އެޕްރޮޖެކްޓުގެ ދަށުން އިންޑިއާއިން ގެތައް އަޅާފައި ވަނީ ރާހިން ސްޓޭޓުގެ ތިން އަވަށެއްގަ އެވެ. އަދި ގެތައް ދޭނެ މީހުންގެ ތެރޭގައި ހިންދޫންނާއި ރޮހިންގާ މުސްލިމުންނާއި ރާހިން ސްޓޭޓުގެ ރައްޔިތުން ހިމެނޭ ކަމަށާއި މިމަހަށް ފަހު އެމީހުންނަށް އާ ގެތަކަށް ބަދަލުވެވޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އާރުއެސްޑީޕީގެ ދަށުން އިންޑިއާއިން އިތުރު 750 ގެ މިޔަންމާގައި އަޅާދޭނެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓު ނިމޭނެ ތާރީހެއް އަދި ހާމަކޮށްފައި ނުވެ އެވެ.

މުސްލިމުންގެ އާބާދީ ބޮޑު ރާހިން ސްޓޭޓުގައި މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ކުރިއަށްގެންދިޔަ އަނިޔާވެރި އަމަލުތަކާ ގުޅިގެން 750،000އަށް ވުރެ ގިނަ މީހުން އެގައުމު ދޫކޮށް ގޮސްފައިވެ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި މިޔަންމާ ސިފައިން ވަނީ މުސްލިމުން މަރައި، އަނިޔާކޮށް، އެމީހުންގެ ގެތަކުގައި ރޯކޮށްފަ އެވެ.

comment ކޮމެންޓް