މުސާރަ ބޮޑުކުރީ މުވައްޒަފުން އެހެން ކުންފުނިތަކަށް ދާތީ: އައިލެންޑް އޭވިއޭޝަން

ކޮމިޓީގެ ބައްދަލުވުމުގައި އައިއައިއޭގެ އެމްޑީ ރިޒްވީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފާޔާޒު މޫސާ

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރީ ވާދަވެރި ކުންފުނިތަކަށް ދާތީ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

އައިއައިއޭގެ ބޮޑެތި މަގާމުތަކުގައި ތިބި މުވައްޒިފުންގެ މުސާރަ ގަވައިދާ ހިލާފަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައިވާތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އެ ކުންފުނީގެ ވެރިން ހާޒިރު ކުރިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު މުވައްޒިފުންގެ މުސާރަ ކުޑަ ވެގެން ވަރަށް ގިނަ މުވައްޒިފުން ވަޒީފާއިން ވަކިވި ކަމަށެވެ. އެގޮތުން ވާދަވެރި ކުންފުނިތަކުން އެކުންފުނީގެ މުވައްޒިފުންނަށް ހުށަހެޅުންތައް ހުށަހަޅައި މުވައްޒިފުން އެ ކުންފުނިތަކަށް ބަދަލުވަމުން ދިޔަ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުދަނގުލަށް ވި އާ އޮޕަރޭޓާސް އުފެދިގެން އައި އިރު ކުންފުނީގެ ތެރޭގައި ތިބި ގިނަ ސްޓާފުން އެކި ދިމަ ދިމާއަށް [އެހެނިހެން ކުނފުނިތަކަށް] ގެންދިޔުމުން. އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވި،" މުސާރަ ބޮޑު ކުރަން ނިންމި ސަބަބު ހާމަ ކުރަމުން ރިޒްވީ ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީ ރިޒްވީ ވާހަކަ ދައްކަވަނީ: މުސާރައި ބޮޑު ކުރީ މުވައްޒިފުން އެހެން ކުންފުނިތަކަށް ދާތީ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޒްވީ ވިދާޅުވީ، އެންމެ ފަހުން މުސާރައިގެ އޮނިގަނޑު މުރާޖާ ކުރީ 2014 ގައި ކަމަށެވެ. އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓްގައި މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ. ރިޒްވީ ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވި އިރު ވެސް މުސާރައިގެ އޮނިގަނޑު ބަދަލު ކުރަން ނިންމައިފައިވާ ކަމަށެވެ.

ރިޒްވީ ވިދާޅުވީ، ވާދަވެރި ކުންފުނިތަކާ އަޅާ ބަލާއިރު އަދިވެސް އެ ކުންފުނީގެ މުސާރަ ކުޑަ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ތެރޭގައި ޗާޓަޑް އެކައުންޓަންޓަކަށް ލިބެމުން މި އަންނަނީ 16،000 ރުފިޔާ އެންމެ ދަށްވެގެން. އެކަމަކު މިހާރު މާކެޓުގައި 16،000 ރުފިޔާ އަށް ޗާޓަޑް އެކައުންޓެންޓެއް ކުންފުނީގައި ރީޓައިންއެއް ނުކުރެވޭނެ،" ރިޒްވީ ވިދާޅުވިއެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލު ކޮމިޓީގެ މެމްބަރުންނާ ސިއްރު ލިޔުމެއްގެ ގޮތުގައި ހިއްސާ ކުރިއެވެ. ރިޒްވީގެ އެދުމުގެ މަތިން ކޮމިޓީން ނިންމީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ އަދަދުތައް ނޫސްވެރިންނާ ހިއްސާ ނުކޮށް ސިއްރު ކުރުމަށެވެ.

ރިޒްވީ ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ބަދަލު ގެނައީ ހަމަ އެކަނި ސީނިއާ މުވައްޒިފުންގެ މުސާރަ ނޫން ކަމަށާއި އެހެން މުވައްޒިފުންގެ މުސާރަ ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ގޮތުން އައިއޭގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި މުވައްޒިފުންގެ މުސާރަ 86،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދު މުސާރައަކަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސް މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ރިޒްވީ އެ ވާހަކަތައް ދޮގު ކުރެއްވި އެވެ.

"ކުންފުނީގެ އެމްޑީގެ މުސާރަ 2009 އިން ފެށިގެން ބޮޑެއް ނުކުރަން. އަޅުގަނޑުގެ ޕާސަނަލް އެޖެންޑާއެއްގެ ދަށުން އެއްލައްކަ ރުފިޔާ ލިބޭ ކަމަށް [ޝޯޝަލް މީޑިއާގައި] ދައުރުވަމުންދިޔައީ. އަޅުގަނޑަށް މިހާނަތަނައް ވެސް އެ މުސާރަ ލިބިފައި ނުވޭ،" ރިޒްވީ ވިދާޅިވިއެވެ.

ކުންފުނީގައި 23 މަތިންދާބޯޓެއް ގެންގުޅޭ އިރު، އޭގެ ތެރެއިން ޑޮމެސްޓިކަށް ބޭނުންކުރަނީ 10 ބޯޓް ކަމަށް ރިޒްވީ ވިދާޅިވިއެވެ. އޭގެ ތެރެއިން އަށް މަތިންދާބޯޓަކީ ކުންފުނީގެ އަމިއްލަ މަތިންދާ ބޯޓެވެ. ސީޕްލޭންގެ ގޮތުގައި 11 ބޯޓު ބޭނުން ކުރަމުން އަންނަ އިރު، ހަ ބޯޓަކީ ކުންފުނީގެ އަމިއްލަ ބޯޓު ކަމަށް ވެސް ރިޒްވީ ވިދާޅުވިއެވެ.

ކުންފުނީގައި މިހާރު ތިބި މުވައްޒިފުންގެ އަދަދަކީ. 12،47 އެވެ.

comment ކޮމެންޓް