އެއާކޯން މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ޕްރޮގްރާމެއް

ރެފްރިޖިރެންޓް ޑްރަައިވިން ލައިސަންސް ސެޓިފިކޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެގޮތުން ޕްރޮގްރާމެއް މޯލްޑިވްސް ޕޮލީޓެކްނީކްގައި އިއްޔެ ފަށައިފިއެވެ.

ޖުމްލަ 12 ބައިވެރިންނާއެކު ފެށި އެ ޕްރޮގްރާމް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދަނީ އެންވަޔަރަމަންޓް މިނިސްޓްރީއި ޕޮލިޓެކްނިކް ގުޅިގެންނެވެ.

އެ ޕްރޮގްރާމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އެޗްސީއެފްސީ ފޭސްއައުޓްކުރުމުގެ ޓާގެޓް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކޭޝަން ޕްރޮގްރާމެކެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ "ސަން" އަށް މައުލާމާތު ދެއްވަމުން ވިދާޅުވީ އެ ޕްރޮގްރާމްގައި ކިޔަވައިދޭނީ ޔޫއެން އެންވަޔަރަމަންޓް އޭޖެންސީއިން ކަނޑައަޅަފައިވާ ކަރިކިއުލަމްއަކަށް ކަމަށެވެ.

" މީގެ ކުރިންވެސް ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގް ކޯސްތައް ކުރިއަށް ގެންގޮސްފައިވާނީ ޕޮލިޓެކްނިކުން. އެހެންވެ މިފަހަރުވެސް އަޅުގަނޑުމެން މި ކޯސްތައްކުރިއަށް ގެންދިއުމުގެ މެދުވެރިއަކަށްވީ. ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާނަން،" ނާސިރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން އަލަށް ދުނިޔޭގެ މާކެޓުގައި ތައާރަފު ކުރަމުންދާ ފްލޭމަބަލް ރެފްރިޖެރެންޓް އެކުލެވޭ އެއަރ ކަންޑިޝަނަރ އަދި ރެފްރިޖެރޭޓަރސް އިންސްޓޯލް، މެއިންޓެއިން، އަދި ސާވިސް ކުރާނެ ގޮތުގެ ޓްރެއިނިންގ ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އަލަށް އުފެދޭ ފްލޭމަބަލް އަދި ޖައްވު ހޫނުވުމަށް މެދުވެރިކުރުވާ ގޭސްތަކުގެ މައުލޫމާތު ދީ އެފަދަ ގޭސްތައް ގެންގުޅުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް