ޔާމީނާއި އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ 11:30 ގައެވެ. އަދި އާޒިމާގެ އަޑުއެހުން އޮންނާނީ ހެނދުނު 9:30 ގައެވެ.

ރައީސް ޔާމީނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރި ކަމަށެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކުރައްވައި އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިން ވަނީ ފަށާފައެވެ. ނަމަވެސް އާޒިމާގެ ޝަރީއަތް އަދި ނުފަށައެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

comment ކޮމެންޓް