އެމެރިކާ އަންހެން ފުޓުބޯޅަ ޓީމުގެ ދިފާއުގައި ސްނޫޕް ޑޯގް

އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ސްނޫޕް ޑޯގާއި އެ ގައުމުގެ އަންހެން ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ---

އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމު ކުޅުންތެރިންގެ މުސާރަ ބޮޑު ކުރުމަށް އެ ގައުމުގެ މަޝްހޫރު ލަވަކިއުންތެރިޔާ ސްނޫޕް ޑޯގް ގޮވާލައިފި އެވެ.

ވިދިވިދިގެން ދެވަނަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕުގެ ތަށި އެމެރިކާއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ދިފާއު ކުރި އިރު ހަމަ އެ ރޭ އެ ގައުމުގެ ފިރިހެން ޓީމު ވަނީ އުތުރު އެމެރިކާ ބައްރުގެ ގޯލްޑް ކަޕުގެ މުބާރާތުގެ ފައިނަލުން ބަލިވެފަ އެވެ. ފުޓުބޯޅައިގެ ރޮނގުން އަންހެނުންގެ ކާމިޔާބީ އެމެރިކާގައި ބޮޑުވެފައި ވާ އިރު އެ ގައުމުގެ އަންހެން ޓީމު ވަނީ މިހާތަނަށް ހަތަރު ފަހަރަކު ވޯލްޑް ކަޕު ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް ފިރިހެނުންގެ ފުޓުބޯޅައަށް އެގައުމުގައި ބޮޑު ހަރަދެއް ކުރާއިރު އަންހެނުންގެ ފުޓުބޯޅައަށް ކުރާ ހަރަދު މާ ބޮޑަށް ވެސް ކުޑަ އެވެ. އަދި މިއަހަރުގެ ވޯލްޑް ކަޕުގައި ވެސް އަންހެން ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށް އެގައުމުގެ ސަރުކާރަށް ވެސް ފާޑު ކިޔާފަ އެވެ.

އެގޮތުން އެ ޓީމުގެ ކެޕްޓަން މެގަން ރެޕިނޯ ވަނީ މުބާރާތުގެ މެޗުތަކުގައި އެމެރިކާގެ ގައުމީ ސަލާން ވެސް ނުކިޔައި ދޫކޮށްލާފަ އެވެ. މެގަން ބުނި ގޮތުގައި އެމެރިކާއިން އަންހެނުންގެ ފުޓުބޯޅަޔަށް ކުރާ އިހުތިރާމް ކުޑަ ވެފައި އެކަމަށް އެކަށީގެންވާ ހަރަދެއް ވެސް ނުކުރެ އެވެ.

އެ މައްސަލަ ބޮޑު ވެގެން މެގަން ވަނީ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ފާޅުގައި ބަސްބުނެފަ އެވެ. އޭނާ އޭރު ބުނީ މިފަހަރުގެ ތަށި އެމެރިކާގެ އަންހެން ޓީމަށް ލިބިއްޖެ ނަމަ އެގައުމުގެ ރިޔާސީ ގެކޮޅު ކަމަށްވާ ވައިޓް ހައުސްގެ ދައުވަތަށް ވެސް އޭނާ އިންކާރު ކުރާނެ ކަމަށެވެ.

ވޯލްޑް ކަޕުގެ ތަށްޓާ އެކު އެމެރިކާގެ އަންހެން ޓީމުން އެގައުމުގައި އުފާ ފާޅު ކުރަމުން އަންނަ އިރު އެ ޓީމުގެ ދިފާއުގައި މިފަހަރު ނުކުތީ ވަރަށް ވެސް ހީނުކުރާނެ ފަދަ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. ފުޓުބޯޅައަށް ނުހަނު ލޯބި ކުރާ އެމެރިކާގެ މަޝްހޫރު ރެޕް ލަވަ ކިއުންތެރިޔާ ސްނޫޕް ޑޯގް ވަނީ އެގައުމުގެ އަންހެން ޓީމުގެ ދިފާއުގައި ނުކުމެފަ އެވެ.

ދާދި ފަހަކުން ސްނޫޕް ޑޯގްގެ އިންސްޓަގުރާމުގައި އާންމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ އަންހެނުން ޓީމުގެ ކާމިޔާބީ ފިރިހެން ޓީމެއް ވުރެން އެތައް ގުނަޔަކަށް ބޮޑު ކަމަށެވެ. އެހެން ކަމުން އަންހެން ޓީމަށް ވެސް ފިރިހެން ޓީމާ އެއް ހަމައެއްްގެ މުސާރައެއް ދޭން ޖެހޭ ކަމަށެވެ.

"އަހަރެން ބޭނުން ވަނީ އަންހެން ޓީމުގެ ކާމިޔާބީއަށް ކޮންމެ ކުޅުންތެރިއަކަށް މަދުވެގެން 90،000 ޑޮލަރު ދޭން. މިހެން ބުންޏަސް ފިރިހެން ޓީމު އެވަރުގެ ކާމިޔާބީއެއް ހޯދައިފި ނަމަ ދޭނެ 500،000 ޑޮލަރު. މިކަން ބަދަލު ކުރަން އެބަ ޖެހޭ،" ސްނޫޕް ޑޯގް ބުންޏެވެ.

މިއަހަރުގެ ތެރޭގައި ޔުނައިޓެޑު ނޭޝަންސް އިން އާންމު ކުރި ދިރާސާއެއްގައި ވާގޮތުން ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީގެ މުސާރައާއި ބޯނަސް އެކަނި ވެސް 1600 ޕްރޮފެޝަނަލް އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ވުރެން ބޮޑު ކަމަށް ދައްކަ އެވެ.

comment ކޮމެންޓް