އޮޑިޓް ރިޕޯޓުން ފެންނަ ވަގުން ހިފައި ހައްޔަރު ކުރަންޖެހޭ: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު --- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލް އެކުލަވާލާ އޮޑިޓް ރިޕޯޓުން ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވާ މީހުން ފާޅުގައި ފެންނަން ހުންނަ އިރު އެމީހުން ހައްޔަރުކޮށް ފިޔަވަޅު އެޅެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ބައެއް އޮޑިޓް ރިޕޯޓުތަކާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ސިޔާމް މިއަދު ވިދާޅުވީ ރާއްޖޭގައި އޮޑިޓްކޮށްގެން ނެރޭ ރިޕޯޓުތަކާ މެދު ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމަށެވެ. އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް ރިޕޯޓުތައް ރަނގަޅަށް ތައްޔާރުކުރާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އޮޑިޓް ރިޕޯޓުގައި ކަނޑައެޅިގެން ހިޔާނާތްތެރިވެފައިވާ ފައިސާ އޮތަސް އެޅޭ ފިޔަވަޅެއް ނެތް ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުގައި ކަނޑައެޅިގެން ވަގަށް ނަގާފައި ހުރި ފައިސާ އޮތަސް އަދި އޮޑިޓް ރިޕޯޓަކީ އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ ފެންވަރު އެއްޗަކަށް ވިޔަސް އޮޑިޓް ރިޕޯޓެއް އެބަ ހަދާ." ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ދައުލަތުގެ އަދި ރައްޔިތުންގެ ފައިސާއަށް ފާޅުގައި ހިޔާނާތްތެރިވެފައިވާ ފަރާތްތައް އޮޑިޓް ރިޕޯޓުން ފެންނަން އޮތަސް އަޅާ ފިޔަވަޅެއް ނެތް ކަމަށެވެ.

އެތައް މިލިއަން ބިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ ވާހަކަ އެކި ސަރުކާރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ފެނިފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހިޔާނާތްވި މީހުންނާ މެދު ފިޔަވަޅެއް އެޅިފައި ހުރީ ކޮން ސަރުކާރަކުންތޯ ސިޔާމް ސުވާލު އުފެއްދެވި އެވެ.

އޮޑިޓަ ޖެނެރަލްއެއް ބަހައްޓައިގެން އޮޑިޓަ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް މުސާރަ ދީގެން ވަނީ ފައިދާތޯ ގެއްލުންތޯ ބަލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވަނީ އެ އޮޑިޓް ރިޕޯޓުގައި ވައްކަން ކޮށްފައި ހުރި މީހުން ހޯދައި އެ ފައިސާ މި ގައުމަށް ހޯދައިދޭން." ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އޭނާގެ ދާއިރާގެ ރައްޔިތުން މަޖިލީހަށް އޭނާ އިންތިހާބު ކުރަމުން އެދިލެއްވީ ވައްކަން ނުކުރުމަށް ކަމަށެވެ. އަދި އެހެން ދާއިރާތަކުގެ މީހުން ވެސް މެމްބަރުން އިންތިހާބުކޮށްފައި ތިބޭނީ އެ ސަބަބާ އެކު ކަމަށް ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް