ކޮންޓެއިނާ އުފުލާ އެންމެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު ޗައިނާއިން ޔޫރަޕަށް

ކޮންޓެއިނާ އުފުލާ ދުނިޔޭގެ އެންމެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު އިއްޔެ ވަނީ ފަށާފަ -- ފޮޓޯ: ސެމްސަންގް ހެވީ އިންޑަސްޓްރީސް

ކޮންޓެއިނާ އުފުލަން ބަނދެފައިވާ ދުނިޔޭގެ އެންމެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު އިއްޔެ ޗައިނާއިން ޔޫރަޕަށް ދާން ދަތުރު ފަށައިފި އެވެ.

ސުވިޒަލޭންޑުގެ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީއަށް ނިސްބަތްވާ އެބޯޓު ބަނދެފައި ވަނީ ދެކުނު ކޮރެއާގެ ސެމްސަންގް ގުރޫޕުގެ ސެމްސަންގް ހެވީ އިންޑަސްޓްރީސްއިންނެވެ.

އެމްއެސްސީ ގުލްސޫންގެ ނަން ދީފައިވާ އެބޯޓުގެ ދިގު މިނުގައި 400 މީޓަރު ހުންނަ އިރު ފުޅާ މިނުގައި 62 މީޓަރު ހުރެ އެވެ. އަދި އެބޯޓުން 23،756 ކޮންޓެއިނަރު އެއް ފަހަރާ ގެންދެވޭނެ އެވެ.

ކޮންޓެއިނާ އުފުލާ ދުނިޔޭގެ އެންމެ ބޯޓު ބަނދެފައި ވަނީ ސެމްސަންގުން -- ފޮޓޯ: ޒިންހުއާ

އެބޯޓުގެ ފުރަތަމަ ދަތުރުގައި ގެންދަނީ ދަގަނޑާއި ފަރުނީޗަރާއި ކެމިކަލެވެ. އަދި ބޯޓު ސްޕެއިން، ޕޮލެންޑް، ރަޝިއާ އަދި ނެދަލޭންޑްސްގެ ބަނދަރުތަކުގައި މަޑު ކުރާނެ ކަމަށް ޗައިނާގެ ޒިންހުގާއިވެ އެވެ.

އެމްއެސްސީން ބުނި ގޮތުގައި އެފަދަ އިތުރު ފަސް ބޯޓު އަދި ބަންނާނެ އެވެ.

ސެމްސަންގުން ބުނާ ގޮތުގައި އެބޯޓުގައި ވަނީ ތިމާވެއްޓާ ރަށްޓެހި، ޒަމާނީ ސްމާޓް ޝިޕް ސިސްޓަމެއް ހަރުކޮށްފަ އެވެ. އަދި އޭގައި ވަނީ ބޯޓުން ސަލްފާ އޮކްސައިޑްސް ބޭރުވާ މިންވަރު މަދު ކުރުމަށްޓަކައި އެގްޒޯސްޓް ގޭސް ކްލީނިން ސިސްޓަމެއް ހަރުކޮށްފަ އެވެ.

comment ކޮމެންޓް