ސަރުކާރުގެ ތިން މަޝްރޫއެއްގެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާވި ކަމުގެ ތުހުމަތު

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓަކަށް ސަރުކާރުގެ ތިން ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާތަކެއް ވަދެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން، އޭސީސީގެ ވެރިން ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގައި ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް ބަލައި ދިރާސާކުރިއިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވި ކަމަށެވެ.

އެއާ އެކު ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ބޭންކް އެކުންޓްތަކެއްގެ ތަފްސީލް ހޯދަން މަސައްކަތް ކުރި ކަމަށް މުއްވިޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެ މައުލޫމާތު ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިފަހުން ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއްގެ ތަފްސީލްތައް ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް ބެލިއިރު ޝައްކުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ބަލަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެގޮތުން ޝައްކުވާ ކަންތައްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ރައީސް ޔާމީންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރުމާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ އެކު އެކައުންޓުން މުއާމަލާތްކޮށްފައިވުން ހިމެނެ އެވެ.

"އޭގެ ފަހުގެ މަރުހަލާއެއްގައި އެކައުންޓްތަކުގެ ތަފްސީލް ލިބިގެން ދިޔައިރު އަޅުގަނޑަށް އެނގިގެން މިދިޔައީ، އިތުރު ފައިންޑިންގްސްތަކެއް އޭގެ ތެރެއިން. އެ ދިރާސާތެރޭގައި މިހާތަނަށް އަޅުގަނޑުމެން ވަރަށް ބައިވަރު ޑޮކިއުމަންޓްތަކާއި ވަރަށް ގިނަ ބޭންކް ސްޓޭޓްމަންޓްތަކާ މި އެއްޗިހި މިހާތަނަށް ކުރި ތަހުގީގުން ފާހަގަކުރެވިފައިވާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައި ހުރި ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާގެ ޓްރާންސެކްޝަންތަކެއް ހިނގާފައި ހުރިކަމާއި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ އެކައުންޓްތަކަށް ހިނގާފައި ހުރި ފައިސާތަކެއް ހުރީމާ ތަފްސީލް ހޯދުމަށް ވެސް ދަތިއެބަހުރި. އެއާއެކު ދައުލަތުގެ ތަފާތު ތިން ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ލިންކްވާ ފައިސާތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެ ތިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އެބަދަން،" މުއައްވިޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކައުންޓަށް ސަރުކާރުގެ ޕްރޮޖެކްޓްތަކަކާ ގުޅޭ ފައިސާތަކެއް ވަތް ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ މައްސަލައިގެ ތަފްސީލް އޭނާ ހާމައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް ވިދާޅުވީ، އެއީ ކޮން ޕްރޮޖެކްޓްތަކެއްގެ ފައިސާކަން ލިޔުމުން މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 158 ފަރާތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، އޭގެއިން އެއްވެސް ފަރާތަކަށް ދައުވާ ކުރަން ކޯޓަށް ފޮނުވިކަން އެނގިފައިނުވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެމްއެމްޕީއާރުސީއިން ރަށްތައް ދޫކުރުގައި އިޖުރާއަތްތައް އިސްފަސްކޮށްފައި ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން ހުއްދަ ދޫކުރުމުގެ ކުރިން ބައެއް ފަޅުރަށްތައް އަމިއްލަ ފަރާތްތަކާ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ގާނޫނާ ހިލާފަށް ދީފައިވާ 67 ރަށެއްގެ މައްސަލައެއް އޭސީސީއިން ބެލި ކަމަށެވެ.

comment ކޮމެންޓް