ފުލުހުންނާ ދެކޮޅަށް ގާނޫނާ ހިލާފު ފިޔަވަޅެއް ނާޅާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ -- ފޮޓޯ / ރައީސް އޮފީސް

އަނިޔާއާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށާއި ނަމަވެސް އެއްވެސް ފުލުހަކާ ދެކޮޅަށް ގާނޫނާ ހިލާފު ފިޔަވަޅެއް ނާޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހަކު އާންމުންގެ މީހަކަށް އަނިޔާކުރި މައްސަލަ ސަމާލުކަމަށް އައިތާ 30 މިނެޓު ތެރޭ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަމަށް ފިޔަވަޅު އެޅުއްވި ކަމަށެވެ. އެ މައްސަލައިގެ ތަފްސީލު އާންމުންނަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުކުރައްވާފައިވާ ކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"ސަރުކާތުން އަނިޔާވެރިކަމާއި ނާއިންސާފު ބަލައެއް ނުގަންނާނެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާއިރު، އެއްވެސް އޮފިސަރަކާ ދެކޮޅަށްވެސް އިންސާފުން ބޭރުން ފިޔަވަޅެއް ނާޅާނަން،" އިމްރާން ވިދާޅުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި ހަތް ފުލުހަކު ސަސްޕެންޑް ކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި މ.އުޖާލާގެ ބަލާ ފާސްކުރިއިރު އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގަިއ ބުންޏެވެ.

ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ. އެ ކަމާ ގުޅުގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެފަދަ އަމަލުތަކަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑްއޮފް ކޮންޑަކްޓާއި ހިލާފު އަމަލުތަކެއް ކަމަށާއި ހާދިސާ ހިނގިރޭ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ތަހުގީގު ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް އަންގަވާފައި ކަމަށެވެ.

އަނިޔާގެ އަމަލު ހިންގީ ވަކި ފުލުހުން ތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓީތަކަކީ އެ ހާދިސާ އާއި ގުޅުން ހުރި ފޮޓޯތަކެއް ނޫން ކަމަށޤ ފުލުހުން ވަނީ ބުނެފައެވެ.

އޮފިސަރުންނަށް ފިޔަވަޅު އެޅުމުން ބައެއް ފުލުހުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް