މިހާރު ކުރިއަށް ދާ ދިިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ރޭ އީގަލްސްއާއި މާޒިޔާ ބައްދަލު ކުރި މެޗު އެއްވަރު ވުމުން ދަ ގްރާންޑޭއަށް އެއްވަނައިގައި އޮވެ އެއް މަހުގެ ބްރޭކަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެ އެވެ.
މި ފަހަރުގެ މުބާރާތަށް ހުރިހާ ގޮތަކުން ވެސް އެންމެ ތައްޔާރު ވި މާޒިޔާއާއި އީގަލްސް ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު މާޒިޔާ އެއްވެސް މެޗަކުން ބަލި ނުވެ އައުމުގެ ސިލްސިލާ ދެމެހެއްޓުނު ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލުގެ ދެވަނައިގައެވެ. މި ފަހަރުގެ ލީގަށް މުޅިން އަލަށް ކޮލިފައި ވި ދަ ގްރާންޑޭ 12 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އިރު މާޒިޔާއަށް ކުޅުނު ފަސް މެޗުން ލިބެނީ 11 ޕޮއިންޓެވެ.
ލީގުގެ ފުރަތަމަ ބުރުގެ ކުޅުމުގައި ބާކީ ހަތަރު މެޗު އޮތް އިރު ބާކީ ހުރި މެޗުތައް އޮންނާނީ މި މަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްއަށް ފަހު އެވެ. އެ މުބާރާތުގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ބައިވެރި ވާ އިރު އެ ގޭމްސް ކުރިއަށް ދާނީ މި މަހުގެ 18 އިން 28 ގެ ނިޔަލަށެވެ.
ވަރުގަދަ ސްކޮޑަކާ އެކު މާޒިޔާއިން ރޭގެ މެޗަށް ނުކުތް ނަމަވެސް އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ކުޅެފައެއް ނުވެއެވެ. ނަމަވެސް ކުރީ މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައި ނުވާ މުހައްމަދު އިރުފާން (އިރޭ) ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.
ރޭގެ މެޗުގައި ފުރަތަމައަށް ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު (އިއްބެ) ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމަށް ލީޑު ނަގައި ދިން އިރު އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ މެދަކާ ހަމައިން އީގަލްސްއިން ވަނީ މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ މާޒިޔާގެ ގޯލަށް ނުރައްކާ ކުރާން ފަށައިފައެވެ. އެގޮތުން އީގަލްސްގެ ކުރިއަށް ކުޅޭ މުހައްމަދު ނާއިމް ވަނީ މާޒިޔާގެ އޭރިއާ ތެރޭގައި ހުރެ ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލައިފައެވެ. އެހެން ނަމަވެސް މާޒިޔާގެ ކީޕަރު އޮވޭސް އަޒީޒީ ވަނީ އެ ބޯޅަ މަތަ ކޮށްފައެވެ.
ޖުމްލަ ގޮތެއްގައި ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ދާދި އެއްވަރަކަށް ހަމަލާތައް އުފެއްދި އިރު ލިބުނު ފުރުސަތުގެ ފައިދާ އެންމެ ރަނގަޅަށް ނެގީ އީގަލްސްއިންނެވެ. އެގޮތުން އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަކްރޯފް ވަނީ 78 ވަނަ މިނެޓުގައި ގޯލެއް ޖަހައި އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އައިއޯއައިޖީގެ ބަންދަށް ފަހު ލީގުގެ ކުޅުން އަލުން ފަށަން ހަމަޖެހިފައި ވަނީ އޮގަސްޓް 3 ގައެވެ.