އެޗްޑީސީގެ ދަރަނި 14 ބިލިއަންގައި، ދެއްކޭނެ ގޮތެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި އެޗްޑީސީގެ އިސްވެރިން: އެޗްޑީސީގެ ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ބުނެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުގެ އަދަދު 14 ބިލިއަނަށް އަރާ ކަމަށާއި ނަމަވެސް ލިބޭ އާމްދަނީއިން ލޯން ދެއްކުމުގެ ގާބިލްކަން ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ރާއްޖެ އާއި ބޭރުގެ ގައުމުތަކުގެ ބޭންކްތަކުން ނަގާފައިވާ ލޯނުގެ އަދަދު 14 ބިލިއަނަށް އަރާ ކަމަށެވެ.

ލޯނުތަކުގެ ތެރެއިން ޗައިނާ ނުވަތަ ޗައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯނުގެ އަދަދު 9.9 ބިލިއަން ރުފިޔާއަށް އަރާ ކަން އާތިފް ފާހަގަ ކުރެއްވި އެވެ. އޭގެތެރޭގައި ގިނައީ ހައުސިން ޕްރޮޖެކްޓްތަކާއި އެއާޕޯޓް ލިންކް ރޯޑް ހެދުމަށް ނަގާފައިވާ ލޯން ކަމަށް އާތިފް ވިދާޅުވި އެވެ.

"އެޗްޑީސީގަ ޖުމްލަ ލޯނު އަދަދު ގޮތުގައި ލޯން ބަރޯވިން އެބައުޅޭ ގާތް ގަޑަކަށް 14 ބިލިއަން ރުފިޔާ. އެއީ އެޗްޑީސީން ހިންގާ އެކި އެކި މަޝްރޫއުތަކަށް ނަގާފައި ހުރި ލޯނުތައް،" އާތިފް ވިދާޅުވި އެވެ.

އެޗްޑީސީން ނަގާފައިވާ ލޯންތަކަށް މިހާރު ފައިސާ ދައްކަމުން ދަނީ ސަރުކާރުންކަން ފާހަގަކޮށް އާތިފް ވިދާޅުވީ، އެ ކުންފުންޏަށް އާމްދަނީ އެއް ލިބި ލޯން ދެއްކޭނެ ގޮތެއް ވަންދެން ސަރުކާރު ބަޖެޓުން ލޯނު ދައްކައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެއިން ލޯނަކަށް ފައިދާ ނުދެއްކިއްޖެ ހާލަތެއްގައި އޭގެ ބުރަ ސަރުކާރަށް އުފުލަން ޖެހޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.

"މި ލޯނުތަކަކީ ހާއްސަކޮށް 7000 ހައުސިން ލޯން އާއި ލިންކް ރޯޑް ލޯނާއި މި ލޯންތަކަކީ މިވަގުތު އޭގެން ޑިވޮލޮޕް ކުރެވޭ ޕްރޮޕަޓީސްތަކުން އެޗްޑީސީއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބެމުންދާނެ ޕްރޮޖެކްޓްތަކަށް ނުވާތީވެ އެޗްޑީސީން ރިކުއެސްޓް ކޮށްފައިވާނީ ސަރުކާރުގައި އެޗްޑީސީން މި ޕްރޮޖެކްޓްތަކަށް އާމްދަނީ ލިބެން ފައްޓަންދެން އެ ލޯންތަކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުގެ ބަޖެޓުން ދައްކާ ގޮތަށް،" އާތިފް ވިދާޅުވި އެވެ.

comment ކޮމެންޓް