ވަކީލުންގެ ބޭނުމެއް ނެތް، ވަޒީފާއެއްވެސް ނެތް!

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮންމެ އަހަރުކުވެސް 200 އަށްވުރެ ގިނަ ކުދިން މުޅިން އަލަށް ވަކީލުކަން ކިޔަވައި ހުވާކުރެ އެވެ. ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އަދި އިސްލާމިކް ޔުނިވަސިޓީގެ އިތުރުން އަމިއްލަ ކޮލެޖްތަކުންވެސް ވަކީލުކަން ކިޔަވައިގެން ނުކުންނަ ކުދިން ރެކޯޑް އަދަދަކަށް ގިނަ އެވެ. އެކަމަކު އެ ވަކީލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާ ނުލިބުމެވެ. އެ މީހުން ބާކީވެފައި ތިބެން ޖެހުމެވެ.

"ކިޔަވާ ނިމިއްޖެ 2015 ގައި ނިމުނު ގޮތަށް އެއްވެސް ތާކުން ވަޒީފާއެއް ނުލިބި އުޅެން މި ޖެހެނީ. މިހާރު 50 އަށްވުރެ ގިނަ ތަނަށް ވަޒީފާއަށް އެޕްލައިވެސް ކޮށްފިން. ގިނަ ފަހަރު ވަޒީފާއަށް ލާއިރު އޮންނަނީ ވަކި މީހަކަށް އެ ހަމަ ޖެހިފަ." އިސްލާމިކް ޔުނިވަސިޓީއިން 2015 އަހަރު ވަކީލުކަން ކިޔެވި ކުއްޖަކު ކިޔައިދިނެވެ.

އޭނާ އަދިވެސް ހުރީ ވަޒީފާއެއް ނުލިބި އެވެ. އެއީ އެ ވަކީލުގެ އެކަނި ހާލަތެއް ނޫނެވެ. ވަޒީފާ ނުލި ތިބި އެތައް ވަކީލުންނެއް އެބަތިއްބެވެ. ވަޒީފާ ނުލިބި ވަކީލުކަން ކިޔަވައިގެން އޮފީސްތަކުގެ އެޑްމިނިސްޓްރޭޓިވް ވަޒީފާގައިވެސް އުޅަން ޖެހިފައިވެ އެވެ. ސުވާލަކީ ވަކީލުކަން ކިޔަވައިގެން ވަޒީފާ ނުލިބެނީ ކީއްވެ ހެއްޔެވެ؟ މިވަރަކަށް މި މީހުން ބާކީ މިވަނީ ކީއްވެ ހެއްޔެވެ؟

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަގީގަތުގައި ގިނަ ވަކީލުން ބޭނުންވަނީ ސަރުކާރު، ނުވަތަ ދައުލަތުގެ ވުޒާރާއަކުން ވަޒީފާ. ޕީޖީ އޮފީސް ނުވަތަ އޭޖީ އޮފީހުގައި މަސައްކަތް ކުރަން. އެކަމަކު އެތަންތަނުގައި ނޯވޭ ޖާގައެއް ގިނަ ފަހަރު. އަސްލު މަސައްކަތް ކުރަން ކެރޭ މީހެއް ނަމަ ވަޒީފާއަކަށް ނުދިޔަސް ވަކި ވަކި ކޭސްތައް ނަގައިގެން އާމްދަނީ ލިބޭނެ،" ކޭސްތައް ވަކިން ނަގައިގެން އުޅޭ ވަކީލަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭ އެތައް ބަޔަކު އަދި ސިވިލް މައްސަލަތަކުގައިވެސް ވަކީލުން ބޭނުންވެފައިވާ އެތައް ބަޔަކު އެބައްތިއްބެވެ. އެހެންވީމަ އެއް ކޭސްގައި ނުކުންނައިރަށް ދެވަނަ ކޭސްއެއް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އެ ވަކީލު ބުންޏެވެ.

ރާއްޖޭގައި ކިޔަވާ ވަކީލުންގެ ފެންވަރެއް ނެތް؟

ރާއްޖޭގެ ކޮލެޖް އަދި ޔުނިވަސިޓީ ތަކުގައި ކިޔަވައިގެން ނުކުންނަ ވަކީލުން ބުނާ ގޮތުން އެމީހުން ކިޔަވައިގެން ނުކުތް ނަމަވެސް މާބޮޑު އިހުތިރާމެއް އެމީހުންނަކަށް ނުލިބެ އެވެ. ތަނަކަށް ވަޒީފާއަށް ލިޔަސް ރާއްޖޭގައި ކިޔެވީމަ ފެންވަރެއް ނެތް ކަމަށް ބުނެ ވަޒީފާ ނުދޭ ޕްރައިވެޓް ލޯ ފާމްތައްވެސް ހުންނަ ކަމަށް ވަކީލަކު ބުންޏެވެ.

"ފުރުސަތެއް ނުދޭ. ނުދީ މިބުނަނީ ރާއްޖޭގައޭ ކިޔަވައިގެން ތިހުރީ. އެއްޗެއް ނޭންގޭނެއޭ. މިއީ ރާއްޖޭގެ މަޝްހޫރު ލޯޔަރުން ބުނެފައި ހުރި އެއްޗެހި." ނެޝަނަލް ޔުނިވަސިޓީގައި ގާނޫނީ ވަކީލުކަން ކިޔަވައިގެން ހުރި ވަކީލަކު ވިދާޅުވި އެވެ.

ވަކީލުންނަށް ވަޒީފާ ނުލިބޭ މައްސަލައާ ބެހޭ ގޮތުން މިހާރު ބާ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ވޭތުވެ ހަތަރު ފަސް އަހަރެއްގެ ތެރޭގައި މެޝިނަކުން އުފައްދާ ސްޕީޑުގައި އެހާ ބައިވަރު ގާނޫނީވަކީލުން ޕްރޮފެޝަނަށް އިތުރުވެގެން ދިޔަ ކަމަށެވެ.

"ނަތީޖާއަކަށް ވެގެން ދިޔައީ އެތައް ގާނޫނީވަކީލުންނެއް އަޅުގަނޑަށް އެސްޓިމޭޓްކުރާއިރު 300 ނުވަތަ 400 އަށްވުރެ ގިނަ ގާނޫނީވަކީލުން ތަމްރީނު ކުރެވި ގްރެޖުއޭޓްވެފަ ހުއްދަ ލިބި. ވަޒީފާއެއް ނުލިބި އަބަތިބި." ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ވަޒީފާ ނުލިބިގެން ގާނޫނީ ވަކީލުން އުޅެންޖެހޭ ސަބަބު ބަލަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ލޯ ސުކޫލުތަކުގައި ގާނޫނު ކިޔަވައި ދެނީ އެންމެ ރަނގަޅަށްތޯ ބަލަން ޖެހޭ ކަމަށް ސުއޫދު ސުވާލު އުފެއްދެވި އެވެ.

11 ސެޕްޓެމްބަރ 2017: 56 ގާނޫނީ ވަކީލަކު ސަސްޕެންޑުކުރުމާ ގުޅިގެން ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގާނޫނީ ފަންނު ހަރުދަނާ ކުރެވޭނީ ގާނޫނީ ތައުލީމު ހަރުދަނާ ކުރެވިގެން. ގާނޫނީ ތައުލީމު ހަރުދަނާ ކުރެވޭނީ ރާއްޖޭގައި ލޯ ސުކޫލުތައް ހަރުދަނާ ކުރެވިގެން" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ގައުމީ ޔުނިވަސިޓީގައި އަދިވެސް ކިޔަވައިދެމުން ދަނީ މީގެ 20 އަހަރު ކުރިން އެކުލަވާލި ލޯ މުގައްރިރަށް ކަމަށެވެ. އެޔާ، މިހާރު ރާއްޖޭގައި ޕްރެކްޓިސް ކުރަމުންދާ ގާނޫނީ ނިޒާމު އޮތް ފެންވަރާ އެއްވެސް ގުޅުމެއް ނެތް ކަަމަށްވެސް ސުއޫދު ވިދާޅުވި އެވެ. އެހެން އެކަން އޮތުމުން މިހާރު ގާނޫނީ ނިޒާމުގައި ހިނގަމުންދާ ކަންތައްތައް ލޯ ސުކޫލުގައި ކިޔަވާ ކުދިންނަށް ފަހުމް ނުވާ ކަމަށް ސުއޫދު ދެކިވަޑައިގަންނަވަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުން ނަތީޖާއަކީ، ވަޒީފާ ނުލިބި އުޅެން ޖެހޭ ވަކީލުން ގިނަވުމެވެ.

އެހެންވީމަ ވަކީލުންނަށް ވަޒީފާ ނުލިބޭ ސަބަބު ދެނެގަނެ އިތުރަށް ތަމްރީނުކުރަން ހުރިނަމަ އެކަންވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ނުވަތަ ރާއްޖޭގައި ކިޔަވައިގެން ނުކުންނަ ކުދިންވީމާ ވަޒީފާ ނުދެނީތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެހެން ސަބަބެއްވެސް އެބަ އޮތެވެ. ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓްތަކުގައި ޝަރީއަތް ކުރާ އުސޫލުގެ ސަބަބުން ވަކީލުންގެ ބޭނުން އޮންނަނީ މުޅިންހެން ކެނޑިފަ އެވެ. ކޯޓުގެ ކޭސްއެއް މޮޅުވާން ބޭނުންވަނީ މޮޅު ވަކީލެއް ނޫނެވެ. އޭގެ ބަދަލުގައި މައްސަލަ ބައްލަވާ ގާޒީ ގާތްގުޅުމެއް އޮންނަ ވަކީލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން، ވަކީލުންގެ ބޭނުން އޮންނަނީ ރާއްޖޭގެ ޝަރީއަތްތަކުގައި މުޅިންހެން ކެނޑިފަ އެވެ.

"މިފަހަކަށް އައިސް ވަކީލްކަމުގެ ޕްރޮފެޝަންގެ ބޭނުން ނެތް ވަރަށް ކަންކަން މި އޮތީ ގޮސްފައި. އެއީ ގާޒީ ކޭސްއެއް ނިންމަވަނީ އެއްގޮތަކަށް ވެސް ވަކީލުގޮސް ޝަރީއަތުގައި ދައްކާ ނުގުތާ ތަކަށް ބަލާފައެއް ނޫން. އޭގެ ބަދަލުގައި ގާޒީ ޑީލް ހަދައިގެން ކޭސްއެއް ވިންކޮށްލާ ވަކީލެއް ބޭނުންވަނީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭގެ ސަބަބުން ނަތީޖާއަކަށް ވަނީ، ވަކީލުންނަކީ ބޭނުމެއް ނެތް ބައެއްގެ ގޮތުގައި މީހުންނަށް ވިސްނުމެވެ. އިންސާފު ލިބެނީ ގާނޫނުގެ ތެރެއިން ވަކީލުން ޝަރީއަތުގައި ދައްކަވާ އާގިއުމަންޓަކުން ނޫންކަން ގަބޫލުކުރެވުމެވެ. އެހެން ވީމާ، ވަކީލުންނަކީ މުހިންމު ބަޔަކަށް ނުވެ އެވެ. މީހުން ކޭސްތައް ދެނީ ވަކި ވަކީލުންތަކަކަށެވެ.

އުންމީދަކީ ބާ ކައުންސިލް

މިޙާރު ވަކީލުންގެ ހުރިހާވެސް އުންމީދަކީ އަލަށް އުފަންވި ބާ ކައުންސިލެވެ. ވަކީލުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ވަޒީފާ ނުލިބި މާޔޫސްވެފައި ތިބި ވަކީލުންވެސް އިންތިޒާރުގައި ތިބީ ބާ ކައުންސިލާ އެކު އެދެވޭ ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އަދި ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރު ވަމުންނެވެ.

މަޝްހޫރު ވަކީލުންގެ ތެރެއިން 18 ވަކީލަކު ވަނީ އެކި މަގާމުތަކަށް ކުރިމަތިލާފަ އެވެ.

"ވަރަށް ބޮޑަށް އުންމީދު ކުރަން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވާލެވި މަސައްކަތް ފެށުނީމަ ލީގަލް ޕްރޮފެޝަނަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް. ވަޒީފާ ނުލިބިގެން މިއުޅެންޖެހޭ އުޅުން ނިމުމަކަށް އަންނާނެ ކަމަށް." ވަކީލަކު ބުންޏެވެ.

ބާ ކައުންސިލުގެ ގާނޫނުގައި ވަކީލުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ބާ ކައުންސިލުން އަދާ ކުރަންޖެހޭ ދައުރާ ބެހޭ ގިނަ ބައިތަކެއް ހިމަނާފައިވެ އެވެ. ވަކީލުންގެ އުންމީދަކީ ވަކީލުންނާ މެދު މީގެ ކުރިން ވެފައިއޮތް އިހުމާލު ތަކުރާރު ނުވެ، އުޖާލާ ދުވަސްތަކެއް ފެނުމެވެ. ފެންވަރު ރަނގަޅު ތައުލީމަކާއެކު ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިއުމެވެ. ވަކީލުން ބާކީވެފައި އޮތް އޮތުމަށް ނިމުމެއް އައުމެވެ.

comment ކޮމެންޓް