ދެކުނު ކޮރެއާގެ މީހަކު އުތުރު ކޮރެއާއަށް ބަދަލުވެއްޖެ

އުތުރު ކޮރެއާގެ މީޑިއާއަކުން ވަނީ އެގައުމުގެ އޮފިޝަލުން ޗޯ އިން ގަކްއަށް މަރުހަބާ ކިޔާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުކޮށްފައި -- ފޮޓޯ:

ސޯލް (ޖުލައި 8): ދެކުނު ކޮރެއާގެ މީހަކު އުތުރު ކޮރެއާއަށް ދިރިއުޅުން ބަދަލުކޮށްފި ކަމަށް އުތުރުގެ މީޑިއާތަކުން ބުނެފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާތަކުގައިވާ ގޮތުން 73 އަހަރުގެ ޗޯ އިން-ގަކް ދެން ދިރިއުޅޭނީ އެގައުމުގަ އެވެ. އަދި އޭނާ މަސައްކަތް ކުރާނީ ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރުމާ ބެހޭ މައްސަލަތުގަ އެވެ.

އުތުރުގެ ޕްރޮޕަގަންޑާ ނޫހަކުން ވަނީ އެގައުމުގެ އޮފިޝަލުން ޗޯއަށް މަރުހަބާ ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނސްޓްރީން ބުނި ގޮތުގައި އުތުރު ކޮރެއާއަށް ބަދަލުވުމަށް ޗޯ ހުއްދައަށް އެދިފައި ނުވެ އެވެ. އަދި ދެކުނު ކޮރެއާގެ މީހަކު އެގޮތަށް އުތުރު ކޮރެއާއަށް ބަދަލުވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ޗޯ އަކީ އުތުރު ކޮރެއާއަށް ބަދަލުވި ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ދެ ޑިޕްލެމްޓުންގެ ދަރިއެކެވެ. އެގޮތުން ޗޯގެ ބައްޕަ ވަނީ 1960ގެ އަހަރުތަކުގައި ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރުކަން ކުރައްވާފަ އެވެ. ނަމަވެސް 1970ގެ އަހަރުތަކުގައި އޭނާ އެމެރިކާއަށް ބަދަލުވުމަށް ފަހު، ދެކުނުގައި އޮތް އަސްކަރީ ލީޑަރު ޕާކް ޖުން ހީގެ ވެރިކަމަށް ފާޑު ވިދާޅުވާން ފެއްޓެވި އެވެ. އަދި 1986ގައި އޭނާގެ އަނބިކަނބަލުންނާ އެކު އުތުރު ކޮރެއާއަށް ބަދަލުވި އެވެ. އޭރު ދެކުނު ކޮރެއާގައި އެދެމަފިރިންގެ ފަސް ކުދިން ތިއްބެވެ. ނަމަވެސް 1989ގައި ޗޯގެ ބައްޕަ ވަނީ މަރުވެފަ އެވެ. އަދި 2016 ވަނަ އަހަރު އޭނާގެ މަންމަ ވަނީ މަރުވެފަ އެވެ.

އެއާއިލާ އަކީ އޭގެ ކުރިން ވެސް އުތުރު ކޮރެއާއާ ގުޅުން އޮތް އާއިލާއެކެވެ. އެގޮތުން ޗޯ އިން-ގަކްގެ ކާފަ ވަނީ އުތުރު ކޮރެއާގެ ބާނީ ކިމް އިލް ސަންގްގެ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

ދެކުނު ކޮރެއާގެ މީޑިއާތަކުގައިވާ ގޮތުން އެއާއިލީ ގުޅުންތަކުގެ ސަބަބުން ޗޯ އެގައުމުގެ ދިރިއުޅެމުން އައީ "ގައުމަށް ގައްދާރުވި މީހެއްގެ ދަރިއެއް"ގެ ލޭބަލާ އެއްކޮށެވެ. އަދި އޭނާ އެކި ފަހަރު އެކި ވަޒީފާތައް އަދާކޮށްފައިވާ ކަމަށާއި، 2016އާ ޖެހެންދެން އޭނާ ދިރިއުޅެމުން ދިޔައީ މަންމަ ފޮނުވި ފައިސާއިން ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާގެ ނޫހަކުން ޗޯއާ ހަވާލާދީ ބުނެފައިވާ ގޮތުން އޭނާ އެގައުމަށް ބަދަލުވާން ނިންމީ އޭނާގެ މަންމަ އާއި ބައްޕަގެ ވަސިއްޔަތާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް