މަޖިލީހުގައި ގުރުއާންގެ އާޔަތްތައް ކިޔަވާއިރު ސަމާލުވުމަށް ނަޝީދު އެދިވަޑައިގެންފި

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު: މަޖިލީހުގެ ތަޅުމުގައި ގުރާއާން ވިދާޅުވާއިރު ސަމާލުވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމުގައި މެންބަރުން ގުރުއާނުގެ އާޔަތާއި މާނަ ވިދާޅުވާއިރު ސައްހަކޮށް އެކަން ކުރަން އޮންނަ ގޮތަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ ކުށްވެރިން ބަދަލުކުރުމަށް ރާއްޖެ އާއި އިންޑިއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުއާހަދާއަށް މަޖިލީހުގެ ރުހުން ދިނުމާ ގުޅޭ ގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް، ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެއްކިވި ވާހަކަފުޅާ ގުޅިގެންނެވެ.

ކުށްވެރިން ބަދަލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ދެކޮޅުކަން ފާހަގަކޮށް ސަލީމް ވިދާޅުވީ، އަބަދު ވެސް ނަސާރާއިންނާއި ޔަހޫދީންގެ ވިސްނުން ހުންނާނީ ގޯސްކޮށް ކަމަށާއި އެ މީހުންގެ އުސޫލުތަކައް ތަބާނުވާ ހިނދަކު އެ މީހުން އިސްލާމުންނަށް ރަނގަޅަކަށް ކަމެއް ނުކުރާނެ ކަމަށެވެ.

އެގޮތުން ސަލީމް މިސާލް ނެންގެވީ ބަގަރާ ސޫރަތުގެ 120 ވަނަ އަޔާތުންނެވެ. އެ އާޔަތުގެ ފުރަތަމަ ބައި ވިދާޅުވުމަށް ފަހު އޭގެ މާނަ ވެސް ސަލީމް ވަނީ ވިދާޅުވެދެއްވައިފަ އެވެ.

"ޔަހޫދީންނާއި ނަސޯރާއިން ކަލޭގެފާނަކަށް ހެވެއް ނޭދޭނެއޭ ކަލޭގެފާނު އެ މީހުންގެ މިއްލަތަށް އެމީހުންގެ އުސޫލައް އެމީހުންގެ ދީނަށް ތަބާވެއްޖައުމައް ދާން ދެން،" އެ އާޔަތުގެ މާނަ ކުރައްވަމުން ސަލީމް ވިދާޅުވި އެވެ.

ބަގަރާ ސޫރަތުގެ 120 އާޔަތާއި އޭގެ މާނަ ---

މަޖިލީހުގައި އާންމު ގޮތެއްގައި ގުރުއާނާއި ހަދީޘް ވިދާޅުވެލައްވާ ސަލީމްގެ ވާހަކަ ނިންމަވާލެއްވުމުން ނަޝީދު ވިދާޅުވީ، ސަލީމް ވިދާޅުވެ ދެއްވި އާޔަތާއި އޭގެ މާނަ ވަގުތުން ވަގުތަށް ބެލޭނެ ގޮތެއް ނެތް ކަމަށާއި އެހެން ނަމަވެސް ގުރުއާންގެ އާޔަތާއި އޭގެ މާނަ ވިދާޅުވެދެއްވީ ރަނގަޅަށް ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަން އިއްޒަތްތެރި މެންބަރު ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާ އިރުގައި އެކަން ކުރައްވަމުން ތި ގެންދަވަނީ ރަނގަޅަށް ސައްހަކޮށް އެކަން ކުރަން އޮންނަ ގޮތަށް އަދި ތަރުތީބުން ޔަގީންކަމާއި އެކުގައި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އަދި ސަލީމް އަރިހުގައި އެކަމަށް ސަމާލުވުމަށް ދަންނަވަން ޖެހުނީ އޭނާގެ ވާހަކަތައް މީގެ ކުރިން އަޑުއަހާފައިވާތީ އާއި "އިއްޒަތްތެރި މެންބަރުގެ އަރިހުގައި މިވާހަކަ ދަންނަވަން ޖެހިގެން" ކަމަށެވެ.

comment ކޮމެންޓް