އެވޯޑެއް ދިނުމަކުން ނުކުޅެދޭ މީހުންގެ އަގުވަޒަނެއް ނުކުރެވޭނެ: ޝިދާތާ

ނުކުޅެދުންތެރިކަން ހުންނަމީހުންގެ އަގުވަޒަންކޮށް ދޭ ރިވެލި އެވޯޑް ހަފްލާގައި މިނިސްޓަރު ޝިދާތާ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިވެލި އެވޯޑުގެ ނަމުގައި ގައުމީ ހާއްސަ އެވޯޑެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވުނު ކަމުގައި ވިޔަސް އެ ހިސާބުން އެ ފަރާތްތަކުން ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރެވުނީ ކަމަށް ގަބޫލުކޮށް ނިންމާލައިގެން ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަމީހުންގެ އަގުވަޒަންކޮށް ދޭ ރިވެލި އެވޯޑް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ އެ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ އާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ގާބިލުކަމާ މެދު އޮންނަ ވިސްނުން ކަމަށެވެ.

އެއަށް ފަހު މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް ދިމާވާކަމަށާއި ހުރިހާ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ އެ ފަރާތްތަކުގެ މިންނެއް މަސައްކަތުން އެ ހޯދޭ ހަނި ފުރުސަތުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ އެ ފަރާތްތަކަށް ލިބޭ ހަނި ފުރުސަތު ލިބިގެންދަނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރުތަކަކަށް ފަހުކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމައުގައި ދިރިއުޅޭކަން ރިއާޔަތްކުރެވިގެން ނޫންކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ކުދިންނަކީ މުޖުތަމައުގެ ބައެއް ކަމަށާއި އެ މީހުންނަކީ ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެހާ ހައްގުތަކެއް ތަފާތުކުރުމެއް ނެތި ފުރިހަމައަށް ލިބެން ޖެހޭ ބައެއްކަމަށް ޝިދާތާ ވިދާޅުވި އެވެ.

comment ކޮމެންޓް