ޓްރަމްޕް އެންމެ ފަހުން ފޮކްސް ނިއުސްއާ ދެކޮޅަށްވެސް ތެދުވެއްޖެ

ޓްރަމްޕް ފޮކްސް ނިއުސްގެ އެންކަރު ސީން ހެނިޓީއާއެކު---

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެންމެ ގަޔާވާ އަދި ކަނާތުފިޔައިގެ ޓީވީ ޗެނަލް ފޮކްސް ނިއުސްއާ ދެކޮޅަށް ތެދުވެއްޖެއެވެ.

ޓްރަމްޕް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަފުތާ ބަންދުގައި ފޮކްސް ނިއުސްގައި ގެނެސްދޭ އެންކަރުންނަކީ ސީއެންއެންއަށް ވުރެވެސް ފޭކް ބައެއް ކަމަށެވެ. ޓަރަމްޕް މީގެ ކުރިން ވަނީ ސީއެންއެންއަކީ ފޭކް މީޑިއެއް ކަަމަށް ބުނެ ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އެކި މީޑިއާތަކުން އަބަދުވެސް ޓްރަމްޕްއާ ޖައްސާލައި "ފޭކް" ހަބަރުތައް ގެނެސްދޭކަމަށް ޓްރަމްޕް އަބަދުވެސް ތުހުމަތުކުރެއެވެ.

ޓްރަމްޕްއަކީ ވަރަށް ގިނައިން ފޮކްސް ނިއުސް ބައްލަވާ ބޭފުޅެކެވެ. އަދި ވަރަށް ގިނައިން އެ ޗެނަލްއަށް އިންޓަވިއުދެއްވާވެސް ހައްދަވައެވެ.

ނަމަވެސް ފަހަކަށް އައިސް ފޮކްސް ނިއުސް އިން ގެނެެސްދޭ ހަބަރުތަކާމެދު ޓްރަމްޕް ވަނީ ހިތްޕުޅާހަމަނުވެފައެވެ. އެގޮތުން 2020 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ބެލެވޭ އެހެން ކެންޑިޑޭޓުންނަށް ވުރެ ޓްރަމްޕްގެ މަގުބޫލުކަން ދައްކަމަށް ފޮކްސް ނިއުސްއިން ނެގި ޕޮލްއަކާ ޓްރަމްޕް ހިތްހަމަނުޖެހުނެވެ.

" ކޮންމެވެސް ގޮންނޭނެގޭ ގޮތެއް ފޮކްސް ނިއުސްއަށް އެބަވޭ." ޓްރަމްޕް ވިދާޅުވިއެވެ.

ފޮކްސް ނިއުސްއިން ޓްރަމްޕްގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް އެެއާޓައިމް ދިނުމަކީވެސް ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމެކެވެ.

ޓްރަމްއަކީ ފޮކްސް ނިއުސްގެ އެންކަރުންނާވެސް ވަރަށް ގުޅުން ބަދަހި ބޭފުޅެކެވެ. އެ ޗެނަލްގެ އެންކަރެއް ކަމަށްވާ ސީން ހެނިޓީ މިދިޔަ އަަހަރު ވަނީ ޓްރަމްޕްގެ ކެމްޕެއިންގައިވެސް ފެނިގެންގޮސްފަ އެވެ. ޓްރަމްޕްއެކޭ އެއްްފަދައިން އެ ކެމްޕޭންގަ ސީންވެސް ވަނީ ހުރިހާ މީޑިއާތަކަކީ ފޭކް ހަބަރު ފަތުރާ ތަންތަންކަމަށް ބުނެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ.

comment ކޮމެންޓް