ކަސެމީރޯ މެސީއަށް: އަނގައެއް އޮތިއްޔާ ބޭނުން އެއްޗެއް ބުނެވިދާނެ!

އާޖެންޓީނާގެ ފޯވާޑް ލިއޮެނެލް މެސީއާއި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ/ ޑެޔަން ކަލިނިޗް

މިއަހަރުގެ ކޮޕާ އެމެރިކާގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެެއް ހިނގާފައިވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުރި ތުހުމަތަކީ އަނގައެއް އޮތުމުން އޭނާ ދެއްކި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ބުނެފި އެވެ.

ރޭ ކޮޕާ އެމެރިކާގެ ފައިނަލުގައި ޕެރޫ ބަލިކޮށް ބްރެޒިލުން ވަނީ ނުވަ ވަނަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ނަމަވެސް މެސީ ވަނީ މީގެ ކުރިން، މިއަހަރުގެ މުބާރާތް ބްރެޒިލަށް ކާމިޔާބު ކޮށްދިނުމަށް މުބާރާތް އިންތިޒާމު ކުރާ ކޮންމެބޯލްއިން ފާޅުގައި އުސޫލުތަކުން ބޭރުން މަސައްކަތް ކޮށް ދޭ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މިއަހަރުގެ ކޮޕާ އެމެރިކާ ވަނީ ކޮރަޕްޝަނަށް ގޮސް ހުސްވެފައި ކަމަށެވެ.

މެސީގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއީދު ކޮށްފައި ވާ އިރު މުބާރާތް ބެލި އެންމެން ވެސް ފާހަގަ ކުރި އެއް ކަމަކީ މުބާރާތުގެ ރެފްރީންގެ މައްސަލަ އެވެ. ގިނަ މެޗުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ދިޔަ އިރު ރެފްރީންނަށް މެޗު ކޮންޓްރޯލް ކުރުމަށް ވަނީ ނުކުޅެދިފައި ކަން މުބާރާތުގެ ގިނަ ޓީމުތަކަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އާޖެންޓީނާއާއި ޗިލީ ބައްދަލު ކުރި މެޗުގައި ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. ދެ ޓީމުގެ ދެ ކެޕްޓަނުންނަށް ދެއްކި ރަތް ކާޑަކީ ރެފްރީ ދެވަނަ ވިސްނުމަކަށް ނުގޮސް ދެއްކި ކާޑެކެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރިކަން ނުހޯދައި ނިންމި ރެފްރީގެ އެ ނިންމުމަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދިޔަ އިރު އެ މެޗުގައި އޭރިއާ ބޭރުން ކުރި ފައުލަކަށްރެފްރީ ވަނީ ޗިލީއަށް ޕެނަލްޓީއެއް ވެސް ދީފަ އެވެ.

މެސީ ބުނީ އެ ދުވަހު ރެފްރީ އޭނައާ ދެކޮޅަށް އެޅި ފިޔަވަޅަކީ ހައްގު ބަސް އޭނާ ބުނުމުން ދިން އަދަބެއްގެ ގޮތުގައި ކުރި ކަމެއް ކަމަށެވެ. އެދުވަހުގެ މެޗުން އާޖެންޓީނާ މޮޅުވި ނަމަވެސް މެސީއާއި އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މެޑަލް ބަލައި ވެސް ގޮސްފައެއް ނުވެ އެވެ. މެސީ ބުނީ އިންސާފުން ކަންތައް ދިޔަ ނަމަ އާޖެންޓީނާ މިފަހަރުގެ ފައިނަލުގައި ކުޅޭނެ ކަމަށެވެ.

ނަމަވެސް ކުލަބު ފުޓުބޯޅައިގައި ވެސް މެސީއާއި އެންމެ އިދިކޮޅު ރެއާލް މެޑްރިޑުގެ ޑިފެންޑަރު ކަސެމީރޯ ވަނީ މެސީއަށް ރޭ ބްރެޒިލްއަށް ތަށި ލިބުމާ އެކު ރައްދު ދީފަ އެވެ.

"އަނގައެއް އޮތިއްޔާ އެމީހަކު ބޭނުން އެއްޗެއް ބުނެވިދާނެ. އަހަރެން ބުނާނެ އެއްޗެއް ނެތް. ރެފްރީންގެ މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް." މެސީއަށް އިޝާރަތް ކުރަމުން ކަސެމީރޯ ބުންޏެވެ.

މީގެ އިތުރުން މެސީގެ ވާހަކަތައް ކުށްވެރިކޮށް ކޮންމެބޯލް އިން ވެސް ވަނީ ރައްދުގައި ވާހަކަތަކެއް ދައްކާފަ އެވެ. ކޮންމެބޯލް އިން ބުނީ މެސީގެ ވާހަކަތަކުގެ ސަބަބުން އޭނާއަށް ބޮޑު އަދަބެއް ދޭން ވެސް ޖެހިދާނެ ކަމަށެވެ.

comment ކޮމެންޓް