އެންމެ ފަހުން ޔުވެންޓަސްއަށް ދާން ޑެ ލީޙް އެއްބަސް ވެއްޖެ

އަޔެކްސްގެ ޒުވާން ކެޕްޓަން މެތިއަސް ޑެ ލީޙް --- ފޮޓޯ/ ޖޯ ރައިޓް

ޔޫރޮޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަލަމުން އަންނަ އަޔެކްސްގެ ޒުވާން ޑިފެންޑަރު މެތިއަސް ޑެ ލީޙް އިޓަލީގެ ޔުވެންޓަސްއަށް ދާން އެއްބަސް ވެފައި ވާ ކަމަށް އޭނަގެ އެޖެންޓު މިނޯ ރައޯލާ ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔޫރޮޕުގެ "ސަމާ ޓްރާންސްފާ ސީޒަން" އެންމެ ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އަކީ ވޭތުވެ ދިޔަ ސީޒަނުގައި ފުޓުބޯޅައިން ވިދާލި އަޔެކްސްގެ ޒުވާން ކެޕްޓަންގެ ވާހަކަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޓީމު ގެންދިއުމުގައްޔާއި ހޮލެންޑުގެ ލީގާއި ލީގު ކަޕުވެސް ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޑެ ލީޙް ވަނީ މި ނިމުނު ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފަ އެވެ.

އުމުރުން 19 އަހަރުގެ ޑެ ލީޙް އަޔެކްސް ދޫކޮށްލަން ނިންމި ނިންމުމާ އެކު ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ވެސް ބޮޑެތި ހުށައެޅުންތައް ހުށައަޅަމުން ދަނިކޮށް އޭނާ ދާން އެއްބަސްވެފައި ވަނީ އިޓަލީގެ ޔުވެންޓަސްއަށް ކަމަށް އޭނަގެ އެޖެންޓް ވަނީ ބުނެފަ އެވެ.

ރަސްމީ ގޮތެއްގައި ކުޅުންތެރިޔާއާއި ކުލަބުން ވެސް މިކަން އިއުލާން ކޮށްފައި ނުވާ އިރު ޑެ ލީހްގެ އެޖެންޓް ރައޯލާ ބުނީ ދެ ކުލަބުގެ ދެމެދުގައި އެކަމުގެ އެއްބަސްވުންތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

"ޑެ ލީޙް ވަނީ އިޓަލީގެ ޔުވެންޓަސްއަށް ދާން އެއްބަސްވެފައި. ދެ ކުލަބުގެ ދެމެދުގައި ވާން ޖެހޭ އެއްބަސްވުންތަކުގެ ކަންކަން މިހާރު ކުރިއަށް ދަނީ. ވަރަށް އަވަހަށް އޭނާ މެޑިކަލް ހެދުމަށް ޔުވެންޓަސްއަށް ދާނެ." ރައޯލާ ބުންޏެވެ.

ޑެ ލީޙް ވަނީ މި ކުލަބު ސީޒަން ނިމުމަށް ފަހު ނެދަލެންޑާ އެކު ނޭޝަންސް ލީގުގައި ވެސް ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އެ ޓީމުން މުބާރާތުގެ ފައިނަލުގައި ކުޅެ ޕޯޗުގަލް އަތުން ބަލިިވި ނަމަވެސް ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ މެޗަށް ފަހު ޑެ ލީޙްއަށް ހުށައެޅުމެއް ހުށައަޅާފަ އެވެ. އޭނަގެ ހުށައެޅުމަކީ އޭނަގެ ކުލަބު ކަމަށްވާ ޔުވެންޓަސްއަށް ޑެ ލީޙް ވެސް ގުޅުމެވެ.

comment ކޮމެންޓް