އެފުށް މިފުށަށް އެގްރިމަންޓްތައް ޖަހާނެ ކަމަށް ޔާމީން ވިދާޅުމުން މަޖިލީހަށް މައްސަލައެއް

އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު: ރައީސް ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

އެގްރިމަންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން އެހެން ގައުމުތަކާއެެކު ހަދާ ހުރިހާ އެގްރިމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކަށް ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ މެމްބަރު، މުހައްމަދު ނިހާދެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްވީ، 54 މެމްބަރުންގެ ވޯޓުންނެވެ.

މައްސަލަ ހުށަހަޅުވަމުން ނިހާދު ވިދާޅުވީ، އެމައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކަތަކައް ވާތީ ކަމަށެވެ. ރައިސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުކޮށް، ސަރައްހައްދުގެ ހަމަނުހެގުންމަށް ބުރޫއަރާ ޒާތުގެ ކަންކަން ކޮށްފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެގްރިމަންޓްތައް ބާތިލް ކުރުމުން ދައުލަތް ދަރާފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ. ނިހާދު ވިދާޅުވީ އެފަދަ އަމަލުތައް ހިންގަވާނެ ކަމަށް އަނެއްކާވެސް ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ރައީސް ޔާމީން 2013 އިން 2018 އަށް ހިންގެވި ޖަރީމާތައް ތަކުރާރުކުރާނެ ކަމުގެ އިންޒާރުދެއްވާފައި ވާތީ، އެކަމުގެ ނުރައްކާތެރިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް،" ކުއްލި މައްސަލަ ހުށަހެޅުއްވ ސަބަބު ހާމަ ކުރައްވައި ނިހާދު ވިދާޅުވި އެވެ.

އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބެލުމަށް ވެސް ނިހާދު އެދިވަޑައިގެންނެވި އެވެ.

މައްސަލަ ހުށަހެޅެއްވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވާރީ ދާއިރާގެ މެމްބަރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ، އެ މައްސަލައަކީ ގައިވައިދުގައިވާ ގޮތުން ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅަން މުހިންމު މައްސަލައެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ޝަރީފު ވިދާޅުވީ، އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅި ނަމަވެސް އޭގައި ހުރި ކަންކަން މިއަދުގެ ސަރުކާރަށް ބެލޭނެ ކަމަށެވެ.

ޝަރީފުގެ ނިޒާމީ މައްސަލަ ރިޔާސަތުން ގަބޫލުފުޅު ނުކުރައްވަ އެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން، ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި އަމިއްލަ ކުންފުނިތަކަށް ބަދަލު ދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.

comment ކޮމެންޓް