ރާއްޖޭގެ އިގްތިސާދީ ދުވެލި ފާހަގަކޮށްލެވޭ ވަރަށް އިތުރުވާނެ: ގަވަރުނަރު

ގަވަރުނަރު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުން ހުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ފާހަގަކޮށްލެވޭ ވަރަކަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނަސީރު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އިގްތިސާދީ ބާރުތައް ކަމަށްވާ ޗައިނާ އާއި އެމެރިކާ އާއި ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާއި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމާ ގުޅޭގުޅޭގޮތުން އަދި ވަކިގޮތެއް ނިމިފައިނުވާތީ މިއަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ފުރަތަމަ ތިންމަހު ތެރޭ މަޑު ޖެހުނު ކަމަށެވެ.

"މި ސަބަބުތަކާހުރެ އައިއެމްއެފް އިން ލަފާކުރަނީ މިއަހަރު އިގްތިސޯދީ ދުވެލި 3.3 ޕަސެންޓުގައި ހުންނާނެ ކަމަށް. 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ކުޑަކޮށް މަޑުޖެހިލާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޖުމްލަގޮތެއްގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ފާހަގަކޮށްލެވޭ ވަރަކަށް އިތުރުވާނެ ކަމަށް ބެލެވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު އަދި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެދާއިރާ އަށް އަންނަ ކުރިއެރުމާއެކު އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަހަރުގެ އިންފްލޭޝަން ހުންނާނީ 0.5 ޕަސެންޓުގައި ކަމަށާއި ބަޖެޓް ޑެފިސިޓް ހުންނާނީ ޖީޑީޕީގެ ފަސް ޕަސެންޓުގައި ހިފެހެއްޓިފައިކަމަށް ލަފާކުރެވޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒާވްގެ ހާލަތަށް އަލިއަޅުއްވާ ލައްވަމުން ގަވަރުނަރު ނަސީރު ވިދާޅުވީ، ޖޫން މަަސް ނިމުނު އިރު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 276 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.

"ސަރުކާރުން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ގައި ޖޫން މަސް ނިމުނުއިރު 158 އެމެރިކާ ޑޮލަރު އެބަހުރި،" ނަސީރު ވިދާޅުވި އެވެ. "2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 512 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން އެބަ އެނގޭ. ފާއިތުވި އަހަރާ އަޅާބަލާއިރު މިއީ 21 ޕަސެންޓުގެ ކުރިއެރުމެއް،"

ގަވަރުނަރު ވިދާޅުވީ މާލީ ދާއިރާ މޮނީޓާކޮށް ސުޕަވައިޒްކުރުމަށް އެމްއެމްއޭ އިން މަސައްކަތް ކުރާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްއޭ އަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް އެމްއެމްއޭ ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް އަޅުގަނޑުމެން މިދަނީ ގެންނަމުން. ރައްޔިތުންގެ އިތުބާރު ވަރުގަދަކުރުމަށް އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިދަނީ އަޅަމުން،" ގަވަރުނަރު ވިދާޅުވި އެވެ.

https://sun.mv/121386

comment ކޮމެންޓް