އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމުގެ މަސައްކަތަށް މަހުލޫފާއި ޝާހިދު ސީޝެލްސްއަށް

އައިއޯއައިޖީގެ ބިޑު ކާމިޔާބު ކުރުމަށްޓަކައި މިއަދު ކުޅިވަރާ ބެެހޭ މިނިސްޓަރާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ސީޝެލްސްއަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ// ރައީސް އޮފީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހުށަހަޅާ ބިޑަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ސީޝެލްސްއަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯ އާ ބައްދަލުކުރައްވައި، ރައީސް ސީޯލިހުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުންނާވެސް އެބޭފުޅުން ބައްދަލުކުރައްވައި، ސީޝެލްސް އާއި ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުންގެ ގޮތުގައި މަހްލޫފާއި ޝާހިދުގެ މި ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޝާހިދު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަކީ ފަހަކަށް އައިސް ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު ހަރަކާތަށް ވާނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއަން އޯޝަންސް އައިލަންޑްސް ގޭމްސް އަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލް އަގްވާމީ މުބާރާތް ކަމަށާއި އެންމެ ފުރަތަމަ މެޑަލްއެއް ހޯދި މުބާރާތަކީ ވެސް އެއީ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން އިސްނަގައިގެން މިއަދު މިކުރާ މަސައްކަތަކީ، އެންމެ އިސްކަމެއްގެ ގޮތުގައި ކުޅިވަރުގެ އިންފްރާ ސްޓްރަކްޗާ (ވަސީލަތްތައް) ދިވެހި ރާއްޖޭގެ ޒުވާނުންނަށް އެތައް ޒަމާންތަކެއް ވަންދެން އެކަމުގެ ފައިދާ ލިބިގެންދާނެ ކަމެއް ކަމަށް ވާތީ" ޝާހިދު ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ރާއްޖެއިން އިންޑިއަން އޯޝަންސް އައިލަންޑުގެ ބިޑު ކާމިޔާބު ކުރުމަށް މިކުރާ މަސައްކަތަކީ މީގެ ކުރިން އެހެން ގައުމަކުން ނުކުރާހާ ބޮޑު މަސައްކަތެއް ކަމަށެވެ.

"މިކަމުން ސަރުކާރުގެ ކޮމިޓްމެންޓް ވަރަށް ބޮޑަށް އެބަ ފެނޭ،" މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ކުރަމުން މިދަނީ. އަދި ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި އަޅުގަނޑުމެން މިދަނީ ސަރުކާރުން މިކަމަށް ބޭނުންވާ ވަރު ހާމަ ކޮށްދިނުމުގެ ގޮތުން."

comment ކޮމެންޓް