މުންޑޫ ރައްޔިތުންގެ ޕެޓިޝަނުގެ މައްސަލާގައި ދެ މުއައްސަސާ ކޯޅެނީ!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އަދި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

މުންޑޫ ރައްޔިތުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނެއް އެ ކޮމިޝަނުން ހާމަ ނުކުރުމުން އިންފޮމޭޝަންސް ކޮމިޝަނަރުގެ އޮފީހާ އިލެކްޝަންސް ކޮމިޝަނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިއްޖެ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު، މުންޑޫގެ ރަށްވެހިންގެ ގޮތުގައި ކުރިން ތިބި 46 ރައްޔިތަކު ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ޕެޓިޝަން ހުށަހެޅީ މުންޑޫ ހިމެނޭ ދާއިރާ "ގަމު ދާއިރާ" އެހެން ދާއިރާއަކަށް ބަދަލުނުކޮށް މިހާރުވެސް އޮތް ގޮތަށް ބާއްވާށެވެ. އަދި އެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ މައުލޫމާތު ހޯދަން މުންޑޫ ކައުންސިލުން އީސީގައި ވެސް އެދުނެވެ. އަދި އީސީއިން އެ މައުލޫމާތު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް)ގެ އޮފީހަށް އެ މައްސަލަ މުންޑޫ ކައުންސިލުން ހުށަހެޅި އެވެ. އެހެން ނަމަވެސް، އީސީއިން އަންނަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދަމުން އެވެ.

އެ ޕެޓިޝަނުގެ މައްސަލާގައި މިރޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ މައްސަލައަކީ މުއާލާތްވެސް ކެނޑިފައި އޮތް މައްސަލައެއް ކަމަށެވެ.

"މިދިއަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި މުންޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޕެޓިޝަނެއް މިފޮނުވަނީ. މުންޑޫއިން ފޮނުވާފައި އޮތް ޕެޓިޝަނުގައި ހުރިހާ އެންމެންގެ އައިޑިކާޑު ނަމްބަރު ވެސް ހިމެނިފައި ހުރި. އަދި އޭގެ ބަލާލީމާ އެނގޭ އެއީ މުންޑޫގެ ރައްޔިތުން ކަން. ޕެޓިޝަނުގައި މި އޮންނަނީ ތިމަންނަމެން ބޭނުންވަނީ މުންޑޫ މިހާރުވެސް އޮތް ގޮތަށް، ގަމު ދާއިރާގައި ބާއްވާށޭ،" ޝަރީފު ވިދާޅުވި އެވެ.

އޭގެ ފަހުން މުންޑޫ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނީ މުންޑޫ އިސްދޫ ދާއިރާއަށް ބަދަލު ކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަން ކަމަށް ޝަރީފު ވިދާޅުވި އެވެ. އެގޮތަށް ނިންމީ ގަމު ދާއިރާގައި އޮތުމުން މުންޑޫގެ ތަރައްގީއަށް ހުރަސް އެޅޭ ކަމަށް ބުނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

ޝަރީފު ވިދާޅުވީ ދާއިރާތަކަށް ބަދަލު ގެންނަން އަދި ނުގެންނަން ނިންމީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި ގަމު ދާއިރާއަށް ބަދަލު ނުގެނަން ނިންމީވެސް އަދި އެހެން ދާއިރާތަކަށް ބަދަލު ގެންނަން ނިންމީވެސް ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް ޝަރީފު ވިދާޅުވި އެވެ.

މުންޑޫ ކައުންސިލުން އިލެކްޝަންސް ކޮމިޝަނުގައި އެދުނީ އެރަށުގެ ރައްޔިތުންގެ ބަޔަކު ހުށަހެޅި ޕެޓިޝަން އެ ކައުންސިލާ ހިއްސާ ކުރުމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕެޓިޝަނާއި އެ ހުށަހެޅި މީހުންގެ މައުލޫމާތު ހިއްސާ ނުކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ރާއްޖޭގައި ރަށްރަށުގެ އާބާދީ އޮންނަ ގޮތުން ވަރަށް ފަސޭހައިން މި ކަންކަމުގައި ވެރިންގެ ގޮތުގައި ތިއްބަވާ ބަޔަކު ނުރުހޭ ކަމެއް ކޮށްފި ނަމަ، ޖެއްސުން ކުރުމާއި އެކަން ކަމަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފާހަގަވާ ކަމެއް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މުންޑޫ ކަންސިލުން ނިންމި ނިންމުމަށް ލަފާ އެރުވި ބޭފުޅާ ޕެޓިޝަނުގައި ސޮއިކުރި ފަރާތްތަކަށް ފިޔަވަޅު އަޅަން ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ ރަށުގެ ތަރައްގީއަށް ހުރަސް އަޅާ ކަމަށް ބުނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މުންޑޫ ކައުންސިލުގެ ރައްޔިތުންގެ ނަމުގައި ޕެޓިޝަނެއް ހުށަހަޅާފައި އޮތުމުން އެބޭފުޅުން ވަރަށް ބޮޑަށް ބަދުނާމުވާ ކަމަށް ބުނެ އެ މައުލޫމާތު ހޯދުމަށް ކައުންސިލުން އެދޭ ކަމަށެވެ.

"ކީއްތޯ ވާނީ އެ ވިދާޅުވި ހައްސާސީ ވާހަކަތައް އަޅުގަނޑަށް އެންގެވި ނަމަ. މި ހާމަކޮށްފިއްޔާ ވަރަށް ނުރައްކާވާނެއޭ އޭގެ އެވިޑެންސާ އެއްކޮށް. އޭރުން އަޅުގަނޑުވެސް މުޖުތަމައުގެ މަސްލަހަތު ހިމާޔަތް ކުރާން ތިބޭފުޅުންނާއި އެއްވަރުގެ ޒިންމާއެއް އޮންނާނެ ކަމަށް ތިބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ." އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާލުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

އަޒީގެ މައްސަލައަކަށްވީ އިލެކްޝަންސް ކޮމިޝަނުން އެ ޕެޓިޝަނުގެ މައުލޫމާތު ސިއްރު ކުރުމެއް ނޫނެވެ. މައްސައަކީ އެ ޕެޓިޝަނުގެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހިއްސާ ނުކުރެއްވުމެވެ. ވިދާޅުވީ އޭނާއަށް އިލެކްޝަންސް ކޮމިޝަނުން އިތުބާރު ނުކުރައްވަނީ ކަމަށެވެ.

އަބްދުލްއަޒީޒު ވިދާޅުވީ އޭނާއާ މުންޑޫއަކާ އަދި މުންޑޫ ކައުންސިލާވެސް އެއްވެސް ގާތް މަސްލަހަތު ހުރި ގުޅުމެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ދުވަހަކުވެސް ސިއްރު މައުލޫމާތެއް ހާމަކޮށްފައި ނޯންނާނެ ކަމަށް އަޒީ ވިދާޅުވި އެވެ.

"މިފަހަރު ޕަބްލިކް ހިއަރިންގްއަކަށް ދާން މިޖެހުނީ. އަޅުގަނޑަށްވެސް އިތުބާރު ނުކުރެއްވިކަން މި އެނގުނީ. އަޅުގަނޑަށް އޭތި ފޮނުއްވާފައި ނުދޭށޭ ވިދާޅުވިނަމަ އަޅުގަނޑު ނުދޭނަން އިނގޭތޯ،" އަބްދުލްއަޒީޒު ވިދާޅުވި އެވެ.

މުންޑޫ ހިމެނޭ ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ މުންޑޫ ކައުންސިލުގެ ރައީސް މިހާރު އޮންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ސިޓީއެއް ފޮނުވައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެދިލައްވާފައިވާ ކަަމަށެވެ. އެހެންވީމާ އެމައްސަލަ މިހާ ހިސާބުން ނިންމަވާލާ ދެއްވުމަށް ވިސާމް އެދިލެއްވި އެވެ.

comment ކޮމެންޓް