ފަހުން ހަމަ ޖެހުނު 1000 ކޯޓާގެ ދެބައި ކުޅަ އެއްބައި ހައްޖު ކޯޕަރޭޝަނަށް

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން: ސައުދީން ރާއްޖެ އަށް ވަނީ 2000 މީހުން ހައްޖަށް ގެންދިއުމަށް ކޯޓާ ދޫކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް، ދާދި ފަހުން ހަމަޖެހުނު 1000 ކޯޓާގެ ތެރެއިން ދެބައިކުޅަ އެއްބައި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި އެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާއިން އާންމުކޮށް ދެނީ 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އިތުރު 1000 ކޯޓާ ރާއްޖެއަށް މިއަހަރު ވެސް ވަނީ ދެއްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓާ ބެހުމުގައި އަމަލު ކޮށްފައިވާނީ ހައްޖައް މީހުން ގެންދިއުމާބެހޭ އުސޫލުގެ 10 ވަނަ މާއްދާއަށް ކަމަށެވެ. އެންމެ ފުރަތަމަ ބަލާފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނަވެގެން ގެންދެވޭނީ ކިތައް މީހުނަށްތޯ ކަމަށެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނުން އެދުނު ގޮތައް 500 ޖާގަ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ބައެއް ކުންފުނިތަކުން ވަރަށް ގިނަ އަދަދަކަށް ކޯޓާ ދިނުމަށް އެދި ސިޓީ ފޮނުވި ނަމަވެސް ފަހުވަގުތު އެ އަދަދަށް މޫހުން ގެންދިއުމަށް އުޒުރުވެރިވެފައިވާ ކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފަހުން ހަމަ ޖެހުނު ކޯޓާ ބަހާލެވުނު ގޮތް:

1. ހައްޖު ކޯޕަރޭޝަން: 500 ކޯޓާ

2. އެކްރޯ ޕްރައިވެޓް ލިމިޓެޑް: 10 ކޯޓާ

3. އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ: 71 ކޯޓާ

4. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް: 140 ކޯޓާ

5. މިނާ ހައްޖު އުމްރާ: 279 ކޯޓާ

ހައްޖު ކޯޕަރޭޝަނައް ލިބިފައިވާ 500 ކޯޓާގެ ޖާގަ އަށް ކުރިމަތިލުމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ. މީގެ ކުރިން ހައްޖު ކޯޕަރޭޝަނަށް 550 ޖާގަދިން އިރު ދެން ހުރި ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ޖާގައެވެ.

comment ކޮމެންޓް