ހިމާޔަތެއް ނެތިފައި

25 އޮކްޓޯބަރ 2011

އަޒުރާ ނަދީމާ އާއި ފޯނުން ވާހަކަދައްކަމުން ލައިބާގެ ގައިގާ ހިފަހައްޓާލިއެވެ. ނަދީމާ އަވަސް އަވަހަށް ހަދަންވީގޮތް ކިޔާދެމުންދިޔައެވެ. ހާސްވެ ކަންބޮޑުވެފައިވިއެއްކަމަކު އަޒުރާ ނަދީމާ ދައްކަމުންދިޔަ ވާހަކަތައް ހަނދާނުގައި ބަހައްޓަން މަސައްކަތްކުރަމުންދިޔައެވެ. ފޯނު ބޭއްވުމާއިއެކު އަޒުރާ އަވަސްވެގަތީ ލައިބާ އޭނަގެ އެނދުގައި ބޭއްވުމަށެވެ. ވަރަށްވެސް އުނދަގުލާއިއެކު ލައިބާ އޮށޯތެވެ.
ލައިބާގެ ބަނޑުގައި ރިއްސާތާ ކުޑައިރުކޮޅެއްފަހުން ރިހުން މަޑުވިއެވެ. އެއާއިއެކު އަޒުރާ ބޮޑުއަށިމަތި ތައްޔާރުކޮއްލީ ލައިބާ ވިއްސަންށެވެ. ނަދީމާއަށް އާދެވޭއިރު މާލަސްވެދާނެތީއެވެ. ވެހެމުންދިޔަ ބޯވާރެއާއި ލޯތަށް އަދިރިވެގެންދާހާ ގަދަ ވިދުވަރާޢިއެކު އިވޭ ގުގުރީގެ ބާރުއަޑާއިއެކު މީހަކަށް ބޭރަށް ނުކުންނަން ކެރެވޭވަރެއްނުވެއެވެ. ނަދީމާއަށްވެސް އަންނަން ނުކެރުނީ އެހެންވެއެވެ. އޭނަ ހުރީ އޭރު ހޮސްޕިޓަލް ޑިއުޓީގައެވެ. ލައިބާ ވިހަން އެއުޅެނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައެވެ. އަޒުރާ ކަންކުރަމުންދިޔައީ ނަދީމާ އިރުޝާދުދިންގޮތަށެވެ. މީގެ ކުރިން އޭނަ މީހަކު ވިއްސާފަކައި ނުވެއެވެ. އެހެންވެ ހަދަންވީ މާގިނަގޮތްތަކެއް އޭނައަކަށް ނޭގެއެވެ. ލައިބާ ހާސްވެ ކަންބޮޑުވެފައިވާއިރު އޭނަވެސް ހުރީ ހާސްވެފައެވެ. ހަރަކާތްއަވަސް ކޮއްލާފައެވެ. އަޒުރާގެ އެހީގައި ލައިބާ އެނދުން ތެދުވެގެންގޮސް ބޮޑުއަށިމަތީގައި އޮށޯތެވެ.
ތިންފަހަރު މަތިން ރިހުން އައިއިރުވެސް ލައިބާގެ ބަނޑުގައިވާ ދަރިފުޅު ނުކުންނާކަށް ތައްޔާރެއްނުވެއެވެ. އަޒުރާއަށް ދެން ހަދާނެގޮތެއް ނޭގި އަނެއްކާވެސް ނަދީމާއަށް ގުޅިއެވެ. ރިހުންއަރާ ވަގުތު ލައިބާއަށް ދަންދޮރު އޮޅޭހާވެއެވެ. އޭނަގެ ދެދަތްފިލަ ޖެހިބާރުވެފައިވާއިރު އަޑުގައިވަނީ ވޭނީއަސަރުތަކެވެ. ތަހައްމަލު ކުރަން އޭނަ ކުރާހާ މަސައްކަތް އެއަޑުންވެސް އެނގެއެވެ. ބާރަށް ހަޅޭނުލަވާ ވޭތޯއެވެ. ލައިބާގެ މުޅި މޫނުވަނީ ރަތްވެފައެވެ. މީހާއެއްކޮށް ދާހިތްލާ ފޯވެފައިވެއެވެ. އަޒުރާއަށް ހަދާނެގޮތެއް ނޭގިގެން އުޅެނިކޮށް ލައިބާ އެހެންފަހަރު ފަހަރާ ހިލާފުގޮތަކަށް ހަޅޭލަވަންފެށުމުން އޭނައާއި ގާތްވެލިއެވެ.
ދަމުނަމާދަށް ތެދުވި ހައްވަދައިތައަށް ރަނގަޅަކަށް ނިދޭވަރެއްނުވެއެވެ. މޫސުމަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. ނިދިޖެހިލާއިރަށް އިވޭ ބާރުގުގުރީގެ ސަބަބުން މޭގަނޑު އަނގަޔަށް އަންނަހާވެއެވެ. ޓިނުފުރާޅުގައި ޖެހެމުންދިޔަވާރޭގެ ތިކިތަކާއި ވަޔައިއެކު ފަޒާގައި ހަރުލާފައިވާ ބޫންއަޑުފާޑުގެ އަޑުގެތެރެއިން ކުޑަކުއްޖަކު ރޯލިއަޑުއިވުނެވެ. ހައިރާން ކަމާއިއެކު ވުލޫކުރަން ހުރެ ފާހާނައިގެ ފެންލައިޓަށް ބަލާލެވުނެވެ. އަޑުއައީ އަޒުރާމެންގެއާއި ދިމާލުންނެވެ. ހައްވަދައިތަ އިރުކޮޅަކު މަޑުކޮއްލުމަށްފަހު ދެވަނަ ފަހަރަށް އެއަޑުނީވުމުން ހީވިގޮތެއްކަމުގައި ހަދާ އަވަސް އަވަހަށް ވުލޫކޮއްލައިގެން ފާހާނާއިން ނުކުތެވެ.
ލައިބާގެ ކަންފަތުގައި ދަރިފުޅު ރޯލިއަޑުޖެހުނެވެ. ގަޔަށް ބާރުލާފައި ކުޑަކޮށް ބޯކޮޅު ހިއްލާލީ ދަރިފުޅު ބަލާލުމަށެވެ. އެހެންނަމަވެސް އަޒުރާ އެކުއްޖާ ބޭއްވީ ބޮޑުއަށީގެ ލައިބާ އޮތްދިމާނޫން އަނެއްފަރާތަށް ވާގޮތަށެވެ. ލައިބާއަށް ދަރިފުޅުގެ ގައިގާ އަތްނުލެވޭނޭ ގޮތަށެވެ. ވަގުތުން ދަރިފުޅު ދިނުމަށް ލައިބާ ބުންޏެވެ.
"ނުލިބޭނެ، އެއީ އަހަރެން ކަލެއަށް ދޭކަށް ވިއްސިކުއްޖެއްނޫނޭ، އޭނަ ދުނިޔޭގަ ހުރެއްޖެނަމަ ވާނީ ކަލޭކަހަލަ ސުންޕާއަކަށް، އަހަރެން ބުނީމެއްނު އަހަންނަށްވެގެންނެއް ތިކުއްޖާ ދުނިޔެއަށް އުފަންވިޔަކަ ނުދޭނަމޭ، އަހަރެން އަޅާނުލާ ހުރީމަ ހީނުކުރައްޗޭ ކަލޭކޮޅު މޮޅުވީކަމަށް......ދެންވެސް ތިތާ މަޑުން އޮވޭ" އަޒުރާ ހިނގައިގަތީ އެތެރެގޭދޮރާދިމާލަށެވެ.
ލައިބާއަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮވުނެވެ. ދަރިފުޅު ތުވާލިގަނޑެއްގެ ތެރޭ ދުރުގައި ހިމޭންވެފައިއޮތްއިރު އެކުއްޖާގެ ފުރާނަހުރިބާއޭ ލައިބާގެ ހިތަށްއެރިއެވެ. އޭނަ މަޑުމަޑުން ހަށިގަނޑު ތެދުކުރަން މަސައްކަތްކުރިއެވެ. އެއިންކޮންމެ ފަހަރަކު އޭނަގެ ހަށިގަނޑުގައި އަޅާވޭން އިތުރުވެ ދެލޮލުން ފައިބާ ކަރުނަ އިތުރުވެގެންދެއެވެ. ދެއަތުގެ އެހީގައި ހަށިގަނޑު ބޮޑުއަށިމަތީ ދަމަމުން ކަހަލަގޮތަކަށް ލައިބާ ދަރިފުޅުގެ ކައިރިއަށް ދިޔައެވެ.
ބޯވިއްސާރައިގެ ތެރޭ އިތުރުގޮތެއްނެތިގެން އަޒުރާ ކުޑައެއްގެ ހިޔަލުގައި ބަދިގެއަށްގޮސްވަނީ ދުވަމުންނެވެ. އޭނަގެ އަތްމަތި އަވަސްކޮއްލާފައި ހުރީ ހޫނުފެން ކެއްކުމަށެވެ. އޭނަ އެއުޅެނީ ބޮޑުތެއްޔެއްގައި ހޫނުފެންކައްކާ އެއަށް އެތުއްތު ކުއްޖާލާ މަރާލާށެވެ. ދުނިޔެއަށް އައިކަމުގެ ނިޝާންތައް ދުނިޔައަށް ފޮހެލާށެވެ. އެފަދަ ބޮޑުކަމެއް ކުރާނެހާ ހިތްވަރު އޭނައަށް ލިބުނީ ކިހިނެތް ކޮންދުވަހަކުކަމެއް ނޭގެއެވެ. އެހެންނަމަވެސް މިއަދު ހުރިހާ ކަމެއްވެސްވަނީ ބަދަލުވެފައެވެ. އަޒުރާ ދުނިޔެމަތީ އެންމެ ރުޅިއައިސް ފޫހިވާ މީހާކަމުގައި ލައިބާވަނީ ވެފައެވެ. އަނެއްކޮޅުން ހުއްދަނޫނަސް އޭނަގެ ލޯބިވެރިއެއްގެ ގޮތުގައި އަމިއްލަ ދަރިފުޅު ޔަޒާން ވަނީ ބަލައިގަނެވިފައެވެ. މަޖަލާ ސަކަރާތުގެ ތެރެއިން ފެށުނު އެގުޅުން މިހިސާބަށް އާދެވުނުއިރު ދުރުނުވެވޭހާ ގާތްވެގެންހިގައްޖެއެވެ. ކުއްލިއަކަށް އިވުނު ބާރުގުގުރީގެ އަޑަށް އަޒުރާ ސިހިގެންދިޔައެވެ. ހޫނުފެން ކެކެންދެން މަޑުކޮއްލައިގެން ހުރި އަޒުރާ އެކިއެކި ހިޔާލުކުރަމުންދިޔައެވެ. އެދަންވަރު އެކަނިމާއެކަނި ހުރިހާ ކަމެއްކުރަމުންދިޔައިރު ލައިބާ އޮތީ އެކަނިހާލައިގެން ނުތެދުވެވޭނެ ހާލަތެއްގައިކަން އޭނައަށް އެނގެއެވެ. ދަރިފުޅު ލައިބާގެ އަތުގައި ޖައްސާވެސްނުލާ އޭނަގެ ކުރިމަތީގައި ހުރިހާ ކަމެއްކުރަން އަޒުރާ ނިންމިއެވެ.
ތުރުތުރު އަޅައަޅާއޮތް ދެތުންފަތުން މަޑުއާހެއްނުކުތެވެ. ލައިބާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއްލިބުނެވެ. އެތުއްތު ތުއްތު މޫނުގައި ލޯބިން ބޮސްދިނެވެ. އެއާއިއެކު މަޑުމަޑު ކުކުރާލުމެއްގެ އަޑުއިވުނެވެ. ރުއިމުގެ ތެރެއިން ލައިބާއަށް ހީލެވުނެވެ. އެވަގުތު ލޮލުންވެއްޓުނު ކަރުނަތިކި ޖެހުނީ ދަރިފުޅުގެ ކޯތާފަތުގައެވެ. އަވަސް އަވަހަށް ލައިބާ އިނގިއްޔަކުން ފޮހެލިއެވެ. ގުގުރީގެ އަޑާއިއެކު ދަރިފުޅު ރޮއެގަތެވެ. ލައިބާ އޭނަގެ ގަޔާއި ދަރިފުޅު ކައިރިކޮއްލަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ސިހިފައި ބޭރުގޭ ދޮރާދިމާލަށް ބަލާލެވުނީ، ކުއްލިއަކަށް ދޮރުހުޅުވިގެންދިއުމުންނެވެ. ލައިބާގެ ހިތްބާރަށް ތެޅެންފެށިއެވެ. އަޒުރާ ކޮބާބާއޭ ހިތަށް އެރިއެވެ. ދަރިފުޅާއި ގާތްވެލަމުން ލައިބާ ދޮރާދިމާލަށް ބަލަހައްޓައިގެން އޮތެވެ. ވަޔާއިއެކު ވާރޭގެ ތިކިތަށް ގޭތެރެއަށްވިއްސަމުންދިޔައެވެ. ދޭތެރެދޭތެރެއިން ލައިބާ އެކަނި ހުންނަވަގުތުތަކުގައި ގޮވާލާ ރީތި ފިރިހެންވަންތަ އަޑުން ލައިބާއަށް ގޮވާލިއަޑުއިވުނެވެ. އެހެންނަމަވެސް އެކަކުވެސް ލައިބާއަށް ފެންނަހިސާބުގައެއްނެތެވެ. މިފަހަރުވެސް ދެތިންފަހަރު ގޮވާލާފައި އެމީހަކު ހުއްޓާލާނެ ކަމުގައި ލައިބާ ހީކުރިއެވެ. އެހެންނަމަވެސް ހައިރާންވީ މިއޮއްދަންވަރު މޫސުން މިހާގޯސްވެފައިވާ ވަގުތެއްގައި އެމީހަކު ލައިބާއަށް ގޮވާލުމުންނެވެ. މިހާދުވަސް ވީއިރުވެސް ލައިބާގެ ނަމުން އެގޮވަނީ ކާކުކަމެއް އެނގިފައެއްނެތެވެ. އެމީހަކު ލައިބާގެ ލޮލަށް ނުފެންނަނީއެވެ. އުމުރުން ކުޑަކުޑައިރު އެއަޑުއިވި ބިރުގަތްކަމުގައިވިޔަސް މިހާރު އާދައަކަށްވެ އެއަޑުގައި ހިތްގައިމުކަމެއް އެކުލެވިފައިވާކަން ފާހަގަކުރެވެއެވެ. ހާއްޞަކޮށް ލައިބާގެ ހިތާކުޅެލި ހަމައެކަނި ޒުވާނާކަމުގައިވި އަބިޔާލްގެ އަޑާއި އެއްވެސް ތަފާތެއްނުހުރެއެވެ.
ހީކުރިގޮތާއި ހިލާފަށް އެޒުވާނާ ލައިބާއަށް ދެވަނަފަހަރަށް ގޮވާލަމުން ވާހަކަދެއްކިއެވެ. އަޑުއަންނަނީ ދޮރާދިމާލުންކަމަށްވިޔަސް ލައިބާއަށް އަދިވެސް މީހަކުފެންނަގޮތެއްނުވެއެވެ. ބޯހިއްލާލަމުން ދޮރާދިމާލަށް އަނެއްކާވެސް އޭނަ ބަލާލިއެވެ. އަދި ކާކުތޯ ސުވާލުކުރިއެވެ.
"މިވަގުތު ކާކުތޯ ބެލުން އެހާ މުހިއްމެއްނޫން، ދަރިފުޅު ސަލާމަތްކުރަން ބޭނުންނަމަ އަހަންނާއިއެކު އާދޭ، މިއައީ ލައިބާ ބަލާ، އަޒުރާ އެއަންނަނީ ލައިބާގެ ދަރިފުޅު މަރާލަން...އަވަހަށް އާދޭ" ދޮރުމަތީގައި ހުރި ނުފެންނަ މީހާ ބުންޏެވެ.
ލައިބާ ދެވަނަ ފަހަރަށްވެސް ކާކުތޯ ސުވާލުކުރިއެވެ. އަދި ބަލައޭމިއައީ ބުނުމުން އޭނަ ހަނދާންވީ ލުބާގެ މަތިންނެވެ. އަވަހަށް ލުބާ ފޮނުވައިގެންތޯ ތިއައީ ސުވާލުކުރިއެވެ. ލުބާ ފޮނުވި މީހެއްކަމުގައިވާނަމަ ގޭތެރެއަށްވަދެ ލައިބާއަށް އެހީތެރިވުމަށް އޭނައެދުނެވެ. ލައިބާއަށް އެވަގުތު ދޮރުމަތިން ހިޔަންޏެއް ފެނުނެވެ. ކަޅުއަނދިރީގައި ކާކުކަން ވަކިނުވިޔަސް އެތަނުގައި މީހަކު ހުރިކަން ޔަގީންވިއެވެ. ލައިބާ ލުބާ ކޮބާތޯ ސުވާލުކުރިއެވެ. އޭނަ ވިހޭ ވާހަކަ ބުނެދިނުމަށްއެދުނެވެ. އަޒުރާގެ ކިބައިން އޭނަގެ ދަރިފުޅު ސަލާމަތްކޮއްދިނުމަށް ލުބާގާތު ބުނެދިނުމަށްއެދުނެވެ. ކުޑަހިނދުކޮޅަކަށް ދޮރުމަތިން ހިލަމެއްނުވުމަށްފަހު ލުބާ ގޮވާލިއަޑުއިވުނެވެ.
"ލުބާ، ތިއައީތަ؟ އަހަރެން ވިހައިފި، ލޯބި ލޯބި ފިރިހެންކުއްޖެއް، ނުވަންނާނަންތަ؟" ލައިބާއަށް ބުނެލެވުނެވެ.
"ލައި، އަވަސްކުރޭ، ވަގުތެއްނެތް، އަޒުރާ އެއަންނަނީ ތިދަރިފުޅު މަރާލަން، އަހަރެން މިއައީ ލައި ބަލައޭ، އަހަންނާއިއެކު އާދޭދާން، އެކަމަކު އަހަންނަށް ގޭތެރެއަކަށް ނުވަދެވޭނެ، ދޮރާއިހަމައަށް އާދޭ، ލައިބާ....އަވަސްކުރޭ، މިރޭގެ މިފުރުޞަތުގެއްލުވާނުލާ، މިނިވަންވާން ކިހާ ދުވަހަކު އިންތިޒާރުކޮއްފިން، އަހަންނާއިއެކު އާދޭ، ދެން ދުވަހަކުވެސް ލައިބާ ނުރުހޭކަމެއް އެކަކަށްވެސް ކުރާކަށް ނުކެރޭނެ، އަހަރެން ލައިގެ ދެމައިން ބަލާނަން، މީ ހިތްވަރުކޮއްފައި ސަލާމަތްވާންވީ ވަގުތު..." ލުބާގެ އަޑުގައިވަނީ ހާސްކަމެވެ. ލައިބާ އެހުރިހާ ވާހަކައެއް ގަބޫލުކުރިއެވެ. ހުރިހާކަމަކަށްވެސް ނިމުމެއް އޮންނާނެއެވެ. މީއޭނައަށް ލިބެމުންދިޔަ ވޭންތަކުން މިނިވަންވާން ލިބުނު ފުރުޞަތެއްކަމުގައި އޭނަ ގަބޫލުކުރިއެވެ.
ހަށިގަނޑަށް ބާރުލަމުން ލައިބާ ތެދުވަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި އަޅާވޭނުގެ ސަބަބުން ލައިބާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލިއެވެ. އަދި ދަރިފުޅު ގޮވައިގެން ދާހާ ހިތްވަރެއް އޭނަގެ ނެތްކަމުގައި ބުންޏެވެ. ގޭތެރެއަށްވަދެ އެދެމައިންނަށް އެހީތެރިވުމަށް ލުބާގެ ގާތުން އެދުނެވެ. އެހެންނަމަވެސް ލުބާ ދިނީ އޭނަ އަބަދުވެސް ދޭޖަވާބެވެ. ގޭތެރެއަށްވަދެއްޖެނަމަ ހުދުއޭނަވެސް ލައިބާގެ ދަރިފުޅުވެސް ސަލާމަތެއް ނުކުރެވޭނެކަމެވެ. އަދި މުޅިއުމުރު ދުވަހު އަޒުރާގެ ގައިދީއަކަށްވެގެން އެގޭގައި އިންނަން ޖެހިދާނެކަމުގައި ބުންޏެވެ. ލައިބާ އެކަން އެގޮތަށް ވާކަށް ބޭނުމެއްނޫނެވެ. ދަރިފުޅަށްޓަކައި އޭނަ ކޮންމެފަދަ ކަމެއްވެސް ކުރަން ހުރީ ތައްޔާރަށެވެ.
އޮށޯވެގެންއޮވެ ފައިކޮޅު ބޮޑުއަށިން ތިރިއަށް ބާލުވަން އުޅުމުގެ ތެރޭ ލައިބާ ބޮޑުއަށިމަތިން ވެއްޓުނެވެ. އިޙްތިޔާރަކާއި ނުލާ ރޮއެގަނެވުނީ ވީތަދުންނެވެ. އެހެންނަމަވެސް އަތުގެ ނުފުށުން ލޯފޮހެލުމަށްފަހު ދެއަތުން ބޮޑުއަށިމަތީ އެލިގަނެގެން ކަހަލަގޮތަކަށް ތެދުވެ އެއްއަތުން ބޮޑުއަށިމަތީ އޮތް ދަރިފުޅު މެޔާޢި ކައިރިކޮއްލިއެވެ. ބާރަށް މޭގައި ދަރިފުޅު ބޮނޑިކޮއްލައިގެން ތެދުވެ ހިނގޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފައިގައި އެހާވަރެއްނެތެވެ. އަނެއްކޮޅުން ހަށިގަނޑުގައި އަޅާވޭންވަނީ އިތުރެވެ. ފެންޑާގައި ހުރި ޓީވީ ރެކު ނޫނީ ހިފަހައްޓާލާނޭ އެއްޗެއްވެސް ނެތެވެ. ތަޅުންގަނޑުމަތީ އަރިއަކަށް މޭގައި ދަރިފުޅު ބޮނޑިކޮއްލައިގެން އޮވެ އެއްއަތުން ދޮރާދިމާލަށް ދެމެމުންކަހަލަ ގޮތަކަށްދިޔައެވެ. ދަރިފުޅުގެ ކުކުރާލުމުގެ އަޑާއިއެކު ވަކިންބޮޑަށް ދޮރާދިމާލަށް ލައިބާއަށް ދެމިގަނެވެއެވެ.
ހޫނުފެން ތެލިހިފައިގެން ގޭތެރެއަށްވަތް އަޒުރާ އެކީގަހެން ތެމިފޯވެއްޖެއެވެ. އޭނައަށް ތަޅުންގަނޑުމަތީ ދަރިފުޅު ގޮވައިގެން ހުޅުވިފައިވާ ބޭރުދޮރާދިމާލަށް ދެމެމުންކަހަލަ ގޮތަކަށް ދާ ލައިބާ ފެނި ދެލޯބޮޑުވިއެވެ.
"އޭ......ކަލޭ ކޮންތާކަށް ދާން ތިއުޅެނީ، އެހާލުގަވެސް މަޑުން ނޯވެވިގެންތަ ތިއުޅެނީ، ދާނެތަނެއް އޮތްނަމަތާ، ނޫނީ ވާރޭގެ ތެރޭ ތިކުއްޖާ މަރާލަންތަ ތިއުޅެނީ، ރަނގަޅު، ރަނގަޅު، އަހަރެން މަރާލުމުގެ ކުރިން އަމިއްލަ ދަރިމަރާލަނީދޯ، މަށަށްވެސް ތިސުންޕާ ލިބުނުތަނާ މަރާލެވުނުނަމަ" އަޒުރާއަށް ލައިބާ ފެނުމާއިއެކު ބާރުބާރަށް ބުނެލިއެވެ.
އެއްވެސް އެއްޗެއް ނުބުނެ ލައިބާ ދޮރާދިމާލަށް ދިޔައެވެ. އޭނަގެ ބޮލަށް އެނބުރުން އަރާހެންވެސް އޭރު ހީވާންފަށައިފިއެވެ. މީހާ އެއްކޮށްވަރުބަލިވެ މޫނުމައްޗަށް އަނދިރިވާހެންވެސް ހީވެއެވެ. ލައިބާއަށް ދޮރުގެ އޮޅިގަނޑުގައި ހިފާލެވުނުކަން އެނގުނެވެ. އޭނަގެ މޫނުމައްޗަށް އަނދިރިވެ މުޅިމީހާގެ ހަބަރުހުސްވީ އެވަގުތުއެވެ. އުއްޑުންޖެހިފައިވާއިރު މޭމަތީދަރިފުޅު ލޯމަރާލައިގެން އޮތެވެ. ވަށައިގެންވާ ކަންތައްތަކާއިމެދު އެއްވެސް ހިޔާލެއްފިކުރެއްނެތިއެވެ.
އަޒުރާ ހޫނުފެންތެލި ތަޅުންގަނޑުމަތީ ބެހެއްޓުމަށްފަހު ލައިބާގެ މޭމަތީއޮތް ތުއްތުކުއްޖާ ނެގުމަށްއުޅުނެވެ. އެހެންނަމަވެސް ލައިބާއާއި ގާތް ނުވެވެނިސް ދެން ފެނުނީ ދޮރުންބޭރަށް ލައިބާގެ ހަށިގަނޑު ދަމައިގަތްތަނެވެ. ކުއްލި ސިހުމަކާޢިއެކު އަޒުރާއަށް ފަހަތަށް ޖެހެވުނެވެ. އަދި ދޮރާދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލައިބާގެ އެއްވެސް ހިލަމެއްނެތެވެ.
ފަތިސްވިއިރު ރޭގައިކުރި ގަދަ ވިއްސާރައިގެ ކަޅުވިލާތައް އުޑުމަތިންފިލާ އަލިވެއްޖެވެ. ގޭގެއިން ނުކުންނަ ކޮންމެ މީހަކުވެސް ބަލާލަނީ އުޑުމައްޗަށެވެ. ހިތްހަމަޖެހުމުމުގެ ހިނިތުންވުމެއް އެއިންކޮންމެ މޫނެއްގައިވެއެވެ. ގަސްތަކުގައިވާ ޝަބްނަމްތިކިތަކާއި ފަޒާގައި ހަރުލާފައިވާ ފިނިކަމާއިއެކު ހީވަނީ މުޅިރަށްއެއްކޮށް ދޮވެސާފުކޮއްލެވިފައިވާހެނެވެ. އެހުރި ހަޑިކަމެއް ވެހުނުވާރޭގެ ތިކިތަކާއިއެކު ފައިބައިގެންގޮސް ބިމުގައި ވަޅުލެވިފައިވާކަހަލައެވެ. އެކަމަކު އަޒުރާއަކަށް އެކަމުގެ ހިތްހަމަޖެހުމެއްނުލިބުނެވެ. އޭނައަށް ޔަޒާންވީތަނެއްނޭގިގެން އުޅެނިކޮށް އަނެއްކާ ލައިބާވެސް ގެއްލުނީއެވެ. ލޯކުރިމަތީގައެވެ. ބުނާނީ ވަކިކީކޭހެއްޔެވެ. ކޮންމެވެސް މީހަކު ލައިބާގެ އަތުގައި ހިފާދަމައިގަނެގެން ގެންދިޔައްޔޭ ބުނެފިނަމަ މާހަމަޖެހޭ ކަމަކަށް އެކަން ނުވާނެއެވެ. އެހެންނަމަވެސް އަޒުރާ ކަންވީގޮތް ނަދީމާއަށް ކިޔާދިނެވެ. އެރިއިރާއިއެކު ނަދީމާ ހުރީ އަޒުރާ މެންގޭގައެވެ.
މަޑުމަޑުން ލޯހުޅުވާލި ލައިބާ ފުންމައިގެން ތެދުވަން އުޅުނެވެ. އެއާއިއެކު އޭނަގެ ގައިގާ މީހަކު ހިފެހެއްޓިއެވެ. އޭނައޮތީ ބޯކަށިކެޔޮގަސްތަކެއްކައިރީގައެވެ.
"އަބިޔާލް......." ލައިބާގެ ގައިގާ ހިފެއްޓި މީހަކު ލައިބާއަށް ފެނުމުން ބުނެލެވުނެވެ. އަބިޔާލް ލައިބާއަށް ހިނިތުންވެލަމުން އަރާމުކުރުމަށް ބުންޏެވެ. އަބިޔާލް ފެނުމުން ލައިބާ ހަމެޖެހުނެވެ. އަދި ވަށައިގެން ހޯދާލިއެވެ.
"އެކަކުވެސް ނާންނާނެ، އަހަރުމެން ދެމީހުން އެކަނި މިވަގުތު މިތިބީ..." އަބިޔާލްގެ ވާހަކަ މެދުކަނޑާލިއެވެ.
"ދަރި.......ދަރިފުޅު....." ލައިބާ އެހެންބުނަން ޖެހިލުންވިއެވެ. އަބިޔާލް އަވަސް އަވަހަށް ލައިބާގެ ދަރިފުޅު އޭނަގެ އަތުގެ ތެރެއަށް ލާދިނެވެ. ލައިބާ އަބިޔާލް އާއި ސުވާލުކުރަންފެށިއެވެ. ލުބާގެ ރަޙުމަތްތެރިއެއްތޯ އެހިއެވެ. ލުބާ މިހާރު ކޮބާތޯވެސް އެހިއެވެ. އަދި އަބިޔާލް އޭނަގެ ގާތުގައި އިނީ ކީއްވެތޯ ސުވާލުކުރިއެވެ. އަބިޔާލް ލައިބާގެ އަތުގައި މަޑުމައިތިރިކަމާއިއެކު ހިފާލިއެވެ. އަދި ލައިބާއަށް އެނގެންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަމުގައި ބުނެ ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ.
އަބިޔާލްއަކީ ދެޖިންނީންނަށް ލިބިފައިވާ ޖިންނިއެއްކަމުގައި އޭނަ ބުންޏެވެ. އަޒުރާގެ ކާފައަކީ ކަންވެރިއެއްކަމަށްވާތީ އޭނަގެ ކައިރީގައި ވަރަށް ގިނަ ޖިންނީން ގެންގުޅުނެވެ. އޭގެ ތެރޭގައި އަބިޔާލްގެ މަންމަވެސް ހިމެނެއެވެ. އަބިޔާލް ކުޑައިރު އޭނަގެ މަންމަ މަރުވުވީވެސް އަޒުރާގެ ކާފައާއި ހެދިއެވެ. އެކަމުގެ ބަދަލު އަބިޔާލްގެ ބައްޕަ ހިފިއެވެ. އެކަމުގައި އަޒުރާގެ ކާފަ އާއި އަބިޔާލްގެ ބައްޕަވެސް ނިމިގެންދިޔައީއެވެ. އެހަނދާންތަކާއިއެކު އަބިޔާލް ދިރިއުޅެމުން އައީ ލައިބާގެ އުނދޯލި އެލުވާފައިވާ ބަނބުކެޔޮގަހުގައެވެ. އެއީ އޭނަގެ ކުޑައިރުގެވެސް ގެކަމުގައި ބުންޏެވެ. ލައިބާ ފެނުނު ފުރަތަމަ ދުވަހުންފެށިގެން ލައިބާދެކެ ލޯބިވެވުނު ކަމުގައި އަބިޔާލް އެއްބަސްވިއެވެ. އެކަމަކު އެކަން ހާމަ ކުރަން ނުކެރުނީ އަޒުރާ އާއި ޔަޒާން ކަންތައްކުރަންފެށިގޮތުން ކަމުގައި ބުންޏެވެ. އެހެންވެ ލުބާގެ ނަމުގައި ލައިބާގެ ސިފަޖެހެން ޖެހުނީކަމުގައި ކިޔާދިނެވެ. އެގޭތެރެއަށް ނުވަދެވެނީ އަޒުރާގެ ކާފަމަރުވަމުން ގޭތެރެއަށް އެއްވެސް ރޫހާނީ އެއްޗަކަށް ނުވަދެވޭގޮތް ހަދާފައިވުމުންކަމުގައި އަބިޔާލް ބުންޏެވެ. ވަދެފިނަމަ ހުދު އޭނަވެސް އަނދައިގެން ދާނެކަމުގައި ބުންޏެވެ. އުމުރުގަ ފުރަތަމަ ފަހަރަށް އިންސާނަކަށް ވީނަމައޭ ހިތަށް އަރާކަމުގައި އަބިޔާލް ބުނަމުންދިޔަވެ.
"އަހަރެން ހާދަ ކެތްތެރިވަމޭ، އަހަންނަށް އަޑުއިވޭ ލައިބާ ރޯއަޑު، އެޔަޒާން ކައިރީ އާދޭސްކުރާއަޑު، އަހަރެންނަށްވެސް އަސަރުކުރޭ، އެންމެ ރެއަކުވެސް ލައިބާގެ އަޑުނީވޭހާ ދުރަށް އަހަރެން ނުދަން، އެކަމަކު އަހަރެން ގޭތެރެއަށްވަތްނަމަ މިއަދު ލައިބާ ސަލާމަތްކޮއްދޭނީ ކާކު...." އަބިޔާލް ބުނެލިއެވެ.
ލައިބާ އެއްވެސް އެއްޗެއް ނުބުނެ މައްޗަށް ބަލަހައްޓައިގެން އޮތްގޮތަށް އޮތީއެވެ. އަބިޔާލްއަށް އެގޮތް ކަމަކުނުދިޔައެވެ. އިރުކޮޅު އިނުމަށްފަހު އަނެއްކާވެސް ވާހަކަދެއްކިއެވެ.
"ލައިބާ އަހަރެން ދެކެ ބިރުގަންނާކަށް ނުޖެހޭނެ، އަހަރެން ލައިބާ މިގެނައި ލައިބާއަށް ގެއްލުމެއްދޭކަށްނޫން، އަހަރެން ލައިބާ...." އަބިޔާލްއަށް ލައިބާ ބަލާލިގޮތުން ހުއްޓުންއެރިއެވެ.
ލައިބާ ފެންކަޅިވެފައިވާ ދެލޮލުން އަބިޔާލްއަށް ބަލާލަމުން އަތްދިއްކޮއްލިއެވެ. އެއާއިއެކު ތަންކޮޅެއް ދުރުގައި އިން އަބިޔާލް ލައިބާގެ ގާތަށް ޖެހިލަމުން އެއަތުގައި ހިފިއެވެ. ލައިބާ އަބިޔާލްގެ އަތުގެ ތެރެއިން އަތްނަގާ އަބިޔާލްގެ މޫނުގެ އެއްފަރާތުގައި ފިރުމާލިއެވެ. ލައިބާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ލުއިހިނިތުންވުމެކެވެ.
"އަހަރެންގެ ދިރިއުޅުމަށް އަހަރެން ބޭނުންވީ އަބިޔާލްފަދަ މީހެއް، އެންމެ ފުރަތަމަ ލޯބިވެވުނީވެސް އަބިޔާލްދެކެ، ތިސޫރަދެކެ، ތިއަޑުދެކެ، ތިއޯގާތެރިކަންދެކެ، ތީ އިންސާނެއްނޫންކަން އެނގުމުންވެސް މިހިތްބަދަލެއްނުވި، އެދުވަހުވެވުނު ލޯބި ބަދަލެއްނުވި، ހަމަ އެންމެ ތަންފުކެއްވެސް މަދެއްނުވި، އަހަރެން ބިރުގަންނަންވީ ކޮންކަމަކާ ކަމެއް މިހާރު ނޭގޭ، މިހިތުގައި އަބަދުމެނުފިލާވާ ބިރުވެރިކަން ތިސޫރަފެނިފަވެސް ފިލައިގެން ގޮއްސި، ތިއަޑަށް އަހަންނަށް އިތުބާރުކުރެވޭ، އިތުރު ހަގީގަތްތަކެއް އަހަރެން އަބިޔާލްގެ ފަރާތުން ބޭނުމެއްނޫން، އަހަރެންކަހަލަ މީހަކަށް މިވަރުވެސް ފުދޭ، އިންސާނަކަށްވީތީއޭ ކިޔާފަ އެމީހުންގެ ރަނގަޅުއެއްވެސް ސިފައެއްނެތް، މިއޮށް ހުރިހާ ދުވަހު އަހަރެން އިންސާނުންގެ ފަރާތުން ހިމާޔަތަށްއެދުނީ، އެއްފަހަރުވެސް ހީނުކުރަން އިންސާނަކަށްނުވިނަމަވެސް އަހަންނަށް ހިމާތްތެރިވާނެ ފަރާތެއް ހުރެދާނެއެކޭ، މީގެކުރިން މިފަދަ އެއްވެސް ވާހަކައެއް އަޑެއްނާހަން، އަދި ދުވަހަކުވެސް ޖިންނިއަކާއި ބައްދަލެއްވެސް ނުވޭ، އެކަމަކު އަހަރެންވެސް އަބިޔާލް ބޭނުން، އަހަރެން އުމުރުގެ ބާކީ އޮތްދުވަސްތައް އަހަރެންގެ ދަރިފުޅާއިއެކު އަބިޔާލްއާއި ހިއްސާކުރަން އަހަރެން ބޭނުން......" ލައިބާ އަބިޔާލްގެ އަތްގެނެސް އޭނަގެ ކޯތާފަތުގައި ޖައްސާލިއެވެ. އެވަގުތު އަބިޔާލް އޭނަގެ އަތްދަމައިގަތެވެ. އަދި ލައިބާއަށް ދުރަށް ޖެހިލަމުން ފުރަގަސްދިނެވެ.
"އަހަރެން ލައިބާ އާއި ކައިވެނިކުރަން އުޅުނު މަނިކު މަރާލީ، ލައިބާގެ ބޭބެ ޔަޒާންވެސް މިހާރު މަރުވެއްޖެ، އެދެމީހުން އަހަރެން މަރާލީ.......މިދެއަތުން، އަހަންނަކީ ތިހީކުރާހާ މާތްމީހެއްނޫން، އެކަމަކު އަހަރެންވެސް ލައިބާއަށް ކަމެއް ޔަގީންކޮއްދޭން ބޭނުން، އަހަންނަކީ އިންސާނަކަށްނުވިޔަސް ލައިބާއަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނަން، ލައިބާ ބޭނުންވިފަދަ ދިރިއުޅުމެއްހޯދަދޭނަން، ލައިބާ އާއި ލައިބާގެ ދަރިފުޅު ހިމާޔަތްކޮއްދޭނަން......އެކަމަކު ލައިބާގެ ރުހުމުގަ" އަބިޔާލްއަށް ލައިބާ އާއި ކުރިމަތި ލައިގެން ހުރެ ބުނަންނުކެރުނީއެވެ. ލައިބާ އަބިޔާލްއަށް އޭނަގެ ނަމުން ގޮވާލާފައި އޭނަގެ ގާތަށްއައުމަށް އެދުނެވެ. އަބިޔާލްގެ އަތުގެ ތެރެއަށް ލައިބާގެ އަތްލަމުން އޭނަ އަބިޔާލްގެ ހިމާޔަތްތެރިކަމުގެ ދަށަށް ގެންގޮސްދިނުމަށްއެދުނެވެ. އަބިޔާލް ލައިބާ ކުޑަކުޑަކޮށް އުފުލާލަމުންގެނެސް އޭނަގެ މޭގައި ޖައްސާ ބާރުކޮއްލިއެވެ. އެއާއިއެކު ލައިބާގެ މަރާލެވިފައިވާ ދެލޮލުން ފޭދިގެންދިޔަ ކަރުނަތިކިތަށް ބީހިލީ އަބިޔާލްގެ މޭގައެވެ.
ލައިބާ އާއި ޔަޒާން ގެއްލުނުތާ ހަމަސްފުރުނުއިރު ރަށުތެރޭގައިވަނީ އެކިއެކި ވާހަކަތައް ފެތުރިފައެވެ. ރަށުގެ އެތަންމިތަން ހޯދާބެލިއްޖެއެވެ. އެދެމީހުންތުރެ އެކަކުގެވެސް ނިޝާނެއްހާ ހިސާބުވެސް ނުފެނުނެވެ. ހަގީގަތް އެނގޭ މީހަކަށް ހުރީ ހަމައެކަނި ނަދީމާއެވެ. އެވެސް ލައިބާ ގެއްލުނުގޮތާއި ބެހޭގޮތުންނެވެ. އެކަން އެހެންދިމާވާންވީ ގޮތެއް އެކަކަށްވެސް ނޭގެއެވެ. އަޒުރާގެ ޖާގައެއްކަމުގައި މިހާރު ހަމަޖެހިފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ. އަޅާލާނެ މީހަކުނެތެވެ. އެކުގައި މަޖަލުގައި ވަގުތުހޭދަކުރި މީހުންތައް ގޮވާލަން އަންނަ އުސޫލުން ދޭތެރެއަކުން އައިސް ގޮވާލާނެއެވެ. އެކަމަކު އޭނައަށް ހަމަހޭވެރިކަމެއްނުވެއެވެ. އަޒުރާއަށް އެހާލުޖެހުނީ ލައިބާ އާއި ޔަޒާން ގެއްލުނުތާ ދެހަފްތާފަހުންނެވެ. އޭނަގެ ކަރުގައި އަޅާފައިއޮތް ތަވީދު ކުއްލިއަކަށް ގެއްލުނީއެވެ. ވީގޮތެއް އަޒުރާއަކަށް ނޭގެއެވެ. އޭނަ އަލިފުތާބެ ގާތަށް އެފަދަ ތަވީދެއް ހެދުމަށްދިޔައެވެ. އެހެންނަމަވެސް އަލިފުތާބެގެ ބަލިހާލަތު ހުރިގޮތުން އެފަދަކަމެއް ކޮއްދެވެން ނެތިގެން އެކަން ނުކޮއްދިނެވެ. ދެން އަޒުރާއަށް ފާޑުފާޑުގެ އެއްޗެހި ފެންނަންފެށީއެވެ. އެކިއެކި ސިފަސިފައިގައެވެ. އެއްރޭ އިރުއޮއްސުނު ވަގުތު ގެއަށްވަނަން އައިވަގުތު އޭނަގެ ގައިގާ މީހަކު ބީހުނުހެން ހީވިއެވެ. އޭގެ ފަހުން ދެން އޭނަގެ ގައިގާ ނަގަންފެށީ ފޮޅުތަކެކެވެ. ޑޮކްޓަރުންނަށް އެފޮޅުތައް ނެގުން ކޮންޓްރޯލްއެއް ނުކުރެވުނެވެ. އަތުގައި ފައިސާ ދަތިވާންފެށީ ގައިގާ ނަގާ ފޮޅުތަކުގެ ސަބަބުން ސިފަގެއްލުނީމައެވެ. މީހާ ސިކުނޑި ހަމަނުޖެހޭ ވާހަކަ ދައްކަންވެސް ފެށީއެވެ. އިރުއޮއްސިއްޖެއްޔާ އިވޭނީ ހަޅޭލަވާ އަޑެވެ. އަހަންނަށް ތިހެންނުހަދާށޭ ކިޔާ ރޯއަޑެވެ. އޭނައަށް އެހީއެއް ފޯރުކޮއްލަދޭނެ މީހަކު މިދުނިޔަމަތީގައިނެތެވެ. މިހާރު އޮތީ ބަލިއެނދުގައެވެ. އެއީ އޭނަގެ އެންމެ ފަހުނޭވާ ދޫކުރާނެ ތަންމަތިކަންވެސް ނޭގެއެވެ.
ރަށުތެރޭގައި ވަލަށްވަދެއުޅޭ މީހުން ރީތި އަންހެން ކުއްޖަކު ބައެއްފަހަރަށް ފެންނަވާހަކަ ދައްކައެވެ. އެކަމުގައި ހަގީގަތެއް ވާކަމަކަށް އެކަކުވެސް ގަބޫލެއްނުކުރެއެވެ. އެކަމަކު އެހެންބުނާ މީހުންގެ ވާހަކަތަކުގައި އެއްގޮތް ގޮތެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ ބުރުގާއަޅާފައި ހުންނަ ކުއްޖެއްކަމާޢި ކުޑަކުޑަ ފިރިހެން ކުއްޖަކު އޭނަގެ ކައިރީ ހުންނަކަމުގައި ބުނާ ބުނުމެވެ. ދުވަހަކުވެސް މީހަކަށް ގޯނާ ނުކުރާކަމާއި ވަލަށްވަދެ މަގުއޮޅޭ ބައެއްމީހުންނަށް މަގުދައްކާދީ އެއަންހެން ކުއްޖާ ހަދާކަމުގައި މީހުން ބުނެއެވެ. ގިނަމީހުން ދެކެނީ އެއީ އަވަށްޓެހިކުއްޖެއްގެ ގޮތުގައެވެ. ދުވަހަކުވެސް ކައިރިން ނުފެންނަކަމެވެ.
ލައިބާގެ ނަން ފޮހެވިދިޔައީއެވެ. އޭނަގެ ނަން ބަޔަކު ހަނދާންނުކުރިކަމުގައިވިޔަސް އޭނައަކީ މިނިވަނެކެވެ. ފުރިހަމަ ހިމާޔަތް ލިބިފައިވާ އަންބެކެވެ. ލޯބި ލޯބި ފިރިހެންދަރިއެއްގެ މަންމައެވެ. ލޯތްބާ އޯގާތެރިކަން އޭނަ އާއިވަކިނުވެއެވެ. އެހެންނަމަވެސް އޭނަވަނީ އިންސާނުންގެ ލޯތަކަށް ފޮރުވާލެވިފައެވެ. (ނިމުނީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު