ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ދަތުރުތަކުގައި ޗައިނާއަށް ފޮނުވާ ސަބަބު ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޕީޖީ އައިޝަތު ބިޝާމްއަށް ސިޓީއެއް ފޮނުވައިފި އެވެ.
އެކި ދަތުރުތަކުގައި ޕީޖީ އޮފީހުގެ ވަކީލުން ޗައިނާއަށް ދަތުރު ކުރެ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވީ 2017ވަނަ އަހަރުން ފެށިގެން އެމްއޯޔޫއެއްގައި ސޮއިކޮށްގެން ޕްރޮސެކިއުޓަރުން ތަމްރީން ކުރަން ފޮނުވާތީ އެ ފޮނުވަނީ ކޮން ކަމެއްގަތޯ އަދި ބައިވެރިވަނީ ކޮން ތަމްރީނު ތަކެއްގައިތޯ ސާފުކުރުމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޕްރޮސެކިއުޓަރުން ތަމްރީނު ކުރުމަށް ފޮނުވާ ގައުމުތަކާއި ތަމްރީނު ތަކުގެ މައުލޫމާތު ސާފުކުރަންވެސް ބޭނުންވާ ކަމަށެވެ.
ޕީޖީގެ ވަކީލުން ތަމްރީނުތަކަށް ޗައިނާއަށް ފޮނުވާ ސަބަބާއި، ދެން ފޮނުވާ ގައުމުތަކުގެ މައުލޫމާތު ސާފު ކުރުމަށް ޕީޖީ އޮފީހަށް ސިޓީ ފޮނުވަން ޖުޑިޝަރީ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ތާއީދުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ ވަކީލުން ޗައިނާއަށް ފޮނުވާ ސަބަބު ސާފުކޮށްދޭން ޖުޑިޝަރީ ކޮމިޓީއިން އެދިފައިވާއިރު މިހާރުވެސް ޕީޖީ އޮފީހުގެ 20 ވަކީލުން ޗައިނާގައި ތަމްރީނުތަކެއް ފުރިހަމަ ކުރަމުން އެބަދެ އެވެ.