މީޑިއާތަކަށް އިންޓަނެޓް އަގުހެޔޮކޮށްދޭން އެމްއެމްސީއިން އެދިއްޖެ

އެމްއެމްސީއިން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހުއާ ބައްދަލު ކުރަނީ -- ފޮޓޯ/ އެމްއެމްސީ

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މީޑިއާ ކައުންސިލުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ހައްމަދު މަލީހު ޖަމާލުގެ އަރިހުގައި އެދިއްޖެ އެވެ.

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދުނީ މިއަދު ހެނދުނު ސައިންސް މިނިސްޓްރީގައި މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މީޑިއާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އިންޓަނެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ހުރި ދަތިތައް ހިދާޔަތުﷲ ވަނީ އެ ބައްދަލުވުމުގައި ފާހަގަ ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މަލީހު ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް މިނިސްޓަރ މަލީހު ވިދާޅުވި އެވެ.

މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެމްބަރުން ވަނީ މިނިސްޓަރާ މަޝްވަރާ ކުރައްވާފަ އެވެ.

comment ކޮމެންޓް