"ކީއްވެ؟ އެންމެން މަތިން ހަނދާން ހުރިއިރު އަހަރެން މަތިން ހަނދާން ނެތީ؟" އަނާލްއަށް ޝަކުވާ ކޮށްލެވުނެވެ. އޭނާއަށް އަނެއްކާވެސް ރޮވެން ފެށުމާއެކު އިސްޖަހާލެވުނެވެ. ބަނޑުގައި އަތް ޖައްސާލެވުނެވެ. ދަރިފުޅު ބައްޕައެއް ގެ ލޯބިން މަހްރޫމް ވަނީހެއްޔެވެ؟. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟

އަނާލްގެ ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ފޭދިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. ރޮމުން ރޮމުން އެނދުގެ އެއްފަރާތުގައި ބޯ ޖައްސާލެވުނުއިރު ހަމަރަނގަޅަށްވެސް އޭނާއަށް ގިސްލެވި ރޮވިއްޖެއެވެ. ވޭނީ ރުއިމެކެވެ. އިޒިއަންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ހަދަންވީ އިތުރު ގޮތެއް އަނާލްއަކަށް ނޭނގުނެވެ. ބަނޑުގައިވާ ދަރިފުޅު ކެނޑި ނޭޅި ތޮޅެމުން ދިޔައީތީ ނާލް އިތުރަށް ހިތްދަތި ވާގޮތް ވިއެވެ.

އިޒިއަން ގެ އަތް މަޑުމަޑުން ހަރަކާތް ކުރިއެވެ. އަތް އުފުލާލުމަށްފަހު އަނާލްގެ ފަންއިސްތަށިގަނޑުގައި އަތް ޖައްސާލިއެވެ. އެއަށްފަހު އިޒިއަން ވާހަކަ ދެއްކިއެވެ.

"އަހަރެން ކިހިނެތް އަހަރެންގެ ނާލް މަތިން ހަނދާން ނައްތާލާނީ! އަހަރެންގެ ދަރިފުޅު މަތިން ކިހިނެތް ހަނދާން ނައްތާލާނީ..." އިޒިއަން ވާހަކަ ދެއްކިއިރު ވަރުބަލިކަން އެ އަޑުން ފާޅުވެއެވެ. އިޒިއަންގެ ޖަވާބުން އަނާލް ގެ ރުއިން ވަގުތުން މެދު ކެނޑުނެވެ. އޭނާއަށް ސިހިފައި ބޯ ހިއްލާލެވުނެވެ. އޭރު އެ ދެލޮލަށް އޭރުވެސް ވަނީ ކަރުނަތައް ބަރާވެފައެވެ.

އިޒިއަންގެ ތުންފަތުގައި ވަނީ ލުއި ލުއި ހިނިތުންވުމެކެވެ. އަނާލް ތަޅުވާލަން ވެގެންނާ އަނާލްގެ ހިތުގައި އޭނާއާ މެދުވާ އިޙްސާސްތައް ދެނެގަންނަން އެ ޑްރާމާ ކުޅުނު އިރު އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން އިޒިއަންއަށް ހާދަ އުނދަގޫވިއެވެ. އެހެންނަމަވެސް ކެތް ކުރަމުން އޭނާ އެ މޫނުމައްޗަށް އެ އަސަރުތައް ވެސް ވެރިކުރުވީއެވެ.

އަނާލް އެންމެ ފުރަތަމަ ފެނުމުން އެކަނިވެސް އެހިތަށް އެނގުން ވެގެން ދިޔައެވެ. އަނާލްގެ ބަނޑުގައި އަތް ޖައްސާލާ އެ ދަރިފުޅުގެ ތޮޅުން އިޙްސާސް ކުރަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ އަނާލްގެ އަމަލުތައްވެސް ހުންނަ ގޮތެއް ބަލާލާށެވެ.

"އިޒް" އަނާލްއަށް ގޮވާލެވުނެވެ. އަނާލްގެ އެ ގޮވާލުމުގައި ވަނީ ސުވާލުމާރކުތަކެކެވެ. އިޒިއަން ދެންމެ ބުނި އެއްޗެއް އޭނާއަށް ގަބޫލު ނުކުރެވޭ ފަދައެވެ. އަދިވެސް ދެލޯ ބޮޑުކޮށްލައިގެން އިނދެ އިޒިއަންއަށް ބަލަމުން އަނާލް ދިޔައީ އެހެންވެއެވެ. އިޒިއަން އޭނާމަތިން ހަޤީގަތުގައި ހަނދާން ހުރި ހެއްޔެވެ؟ އެހެންވެއްޖެއްޔާ ހަނދާންނެތޭ ކިޔާފައި ދޮގު ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟.

"އަހަރެން މަތިން ހަނދާން ނުނެތޭތަ؟ ހަނދާން އެބަހުރިތަ؟" އަނާލްއަށް ސުވާލުކޮށްލެވުނީ ނުހަނު މަޑުންނެވެ. އަނާލްގެ އެ ސުވާލު އަހާފައި އިޒިއަން ބޯޖަހާލިއެވެ. ހިނިތުންވެލިއެވެ. ވެވުނު ޖަޒުބާތުގައި އަނާލް އިޒިއަންގެ އަތުގައި ޖަހާލުމާއެކު އިޒިއަން އައުޗް އޭ ބުނެލިއެވެ. އެއާއެކު އަނާލް ތުންފަތުގައި ދަތް އަޅާލިއެވެ. އިޒިއަންގެ ސަބަބުން އޭނާއަށް ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދޭވިއްޔާއެވެ. އިޒިއަންއަށް ތަދުވީއޭ ހިތާ އޭނާ ކަންބޮޑު ވެސް ވިއެވެ.

"ތަދެއްނުވެޔޭ! ދެން ތިއައީތަ އަހަރެން ކައިރިއަށް.... ނޫނީ ބަލިވީމަ އައިސް އަނެއްކާ ރަނގަޅުވީމަ އަހަރެން ދޫ ކޮށްލާނީތަ؟" އިޒިއަން އަނާލްގެ ވަ އަތް ތިލައިގައި ހިފަމުން ވާހަކަދެއްކިއެވެ. އެ އަޑުގައިވި ސީރިއަސްކަމުން އެކަނިވެސް އަނާލްގެ ހިތަށް އުނދަގޫ ކުރުވިއެވެ. އިޒިއަން ހީކުރާނީވެސް އެހެންނޫންހެއްޔެވެ؟ މިވީ ހާތަކަށް އޭނާގެ އަމަލުތައް ބެހެއްޓުނީވެސް އެހެންވިއްޔާއެވެ.

"ނޫން"އެއާއެކު އަނާލް ދެފަރާތަށް ބޯ ހޫރާލަމުން އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ.

"ހީކުރީ އަހަރެން މިހާލަތަށް އައިމަ ނާލް ކަމަށް އެންމެ އުފާވާނީ. އެހެންވެ ޝަކުވާއެއް ނުކުރާނަން..... ނާލްއަށް އަހަރެންގެ ސަބަބުން ލިބުނު ދެރަ....."

"އެވާހަކަ ނުދައްކަމާ. އައި އެމް ސޮރީ. އިޒްގެ ފަރާތުން މާފަށް އެދެން. އެހެން ކަންތައް ކުރެވުނީތީ.... މާޒީގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. އިޒްއަށް އަހަރެންނަށް މާފުދެވިދާނެތަ؟ އާފެށުމަކުން އަހަރެންނާ އެކު ލައިފެއް ފެށިދާނެތަ؟ އިޒް އާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.... މާފުކުރާށޭ ބުންޏަސް....." އިޒިއަން ގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ފެށިނަމަވެސް އަނާލްއަށްވެސް ޖެހުނީ ވަކި ހިސާބަކުން ވާހަކަ މެދުކަނޑާލާށެވެ. ރޮވެން ފެށުމުން އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވުނީއެވެ. އަވަސް އަވަހަށް އިސްޖަހާލީ ކަރުނަތައް އިޒިއަންއަށް ނުދެއްކުމަށެވެ.

"އަހަރެންނަށް ކޮން ޔަގީންކަމެއް އޮތީ ނާލް މިއަދު ތިހެން ތިބުނަނީ ހަޤީގަތުގައި ވެސް އަހަރެންނާ އެކު އުޅެން ބޭނުންވެގެން ކަމެއް. ކުރިން ވެސް ނާލް ކަންތައް ކުރިން ތިހެން. އަހަރެން ބަލިވީމަ އަޅާލާފަ ރަނގަޅުވާން ވީމަ އަހަރެން އަހަރެންގެ އެކަނި ހާލަށް ދޫކޮށްލާފަ ފިލީ....." އަނާލްއަށް އެހާ އަވަހަކަށް ދޫދީ ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަން އިޒިއަން ބޭނުންނުވާފަދައެވެ. އިޒިއަންގެ އަޑުގައިވި ޝަކުވާގެ ރާގުން އެކަނިވެސް އަނާލްއަށް ހިންދިރުވާލެވުނެވެ.

"ނާލް އުޅުނީ އަހަރެން ގާތުން ވަރިނުވެވިގެން. އަހަރެން ނޫޅެން ދުވަހަކުވެސް ނާލް ވަރިކުރާކަށް. އެންމެ ފަހުން ނާލް އަހަންނަށް ބިރު ދެއްކީ ބަނޑުގައި ވި ދަރިފުޅު ބޭނުންކޮއްގެން. ވައި ޑިޑް ޔޫ ޑޫ ދެޓް.... ވައި؟ އަހަރެންގެ ހިތުގައި ޖައްސަން ނާލްއަށް ފެނުނީ އެ ގޮތްތަ؟ އަނެއްކާ ތިހެން އަހަރެން ކައިރިއަށް އައިސްލާފަ ނާލް ހިންހަމަ ޖެހޭ ވަރުވީމަ އަހަރެން ދޫކޮށްލާފަ ފިލީމަ އަހަރެންނަށް ވާނީ ކިހިނެތް؟ މިހާރު އަދި ނާލް އެކަންޏެއްވެސް ނޫން. ދަރިފުޅާ އެކީގަ.... ޝަކުވާ ކުރާކަށް ބޭނުމެއްވެސް ނޫން. އެކަމަކު ދެން ބޭނުމެއްވެސް ނޫން އާދޭސް ކުރާކަށް.... ދުވަހަކުވެސް... ނާލް އަމިއްލައަށް ބުނީ ދަރިފުޅު ބޭނުމެއް ނޫނޭ.... އެއީ ހަޤީގަތުގައިވެސް ނާލް ބުނި ތެދެއްތޯ ނޫނީ އަހަރެން ދެރަ ކުރަން ބުނި ބަހެއްތޯ ބޭނުން އެއްފަހަރު ނަމަވެސް އަހާލަން. އެންމެ ފުރަތަމަ އަހަރެން ބައްޕައަކަށް ވާން އުޅޭ ހަބަރު ލިބުނު ދުވަސްމަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ. އަދި.... އަދި.... އެ ތޫފާނީ ރޭ..... އެރޭ މަތިން ވެސް.... ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ގަބޫލުކުރަން އަހަރެމެންގެ ސަބަބުން ނިކަމެތި މައުސޫމް ކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެން ދިޔަކަން. އެކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް އަރަނީ އަހަރެންނަށާއި ނާލްއަށް އުފަލުގަ ނޫޅެވޭނޭ. އެންމެ ރަނގަޅު ވާނީ އެކަކު އަނެކަކު ނުފެންނަ ހިސާބަށްދިޔުމޭ. އެކަމަކު މިހާރު..... ދަރިފުޅު.... ނޭނގެ ހަދަންވީ ކިހިނެތްކަމެއް" ފުންނޭވާއެއް ދޫކޮށްލަމުން އިޒިއަން ދެލޯ މަރާލީ އެތައް ވާހަކައެއް ދައްކާފައެވެ. ދިރިއުޅުމުގައި ކުރިއަށް ދެން ފިޔަވަޅު އަޅަންވީ ކޮން ދިމާލަކަށް ކަން އިޒިއަން އަކަށް ނޭނގުނެވެ. ހަޔާތުގައި ދިމާވި ހުރިހާ ކަމަކަށްފަހު އިތުރަށް މީހުން ގާތު އާދޭސްކުރާނެހާ ހިތްވަރެއްވެސް ނެތެވެ.

"ބައެއްފަހަރު ހިތަށް އަރާ އަހަރެން މި ދުނިޔެ ދޫކުރީމައޭ މި ކުޅިވަރު ނިމޭނީ" އިޒިއަންގެ އަނގައިން ވައިއަޑުން އެ ލަފުޒު ތައް ބޭރު ވުމާއެކު އަނާލްއަށް އިޒިއަން ގެ އަތުގައި ހިފާލަމުން ނޫނެކޭ ބުނެވުނީ ބާރަށެވެ.

"އައި ޕްރޮމިސް ދެން އެހެނެއްނުވާނެކަމަށް. ދެން ކުރިން ވީ އެއްވެސް ކަމެއް ތަކުރާރެއް ނުވާނެ. އައި އެމް ސޮރީ..... އިޒް އެރޭ ހުރީ ހަމަހޭގައެއްނޫން. ގަބޫލުކުރަން.... މިހާރު އެވާހަކަ ކީއްވެ ތި ދައްކަނީ..." އަނާލް އަހާލިއެވެ.

އަނާލްގެ ގިސްލުމުގެ އަނެއްކާވެސް އިޒިއަންގެ ކަންފަތުގައި ޖެހުނެވެ. އޭނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއަށްފަހު އަނާލްއަށް ބަލާލިއެވެ. ގޮނޑިން ތެދުވެ އަނާލް ދުއްވައިގަންނަން އުޅުމާއެކު އަނާލްގެ ވަ އަތުގައި އިޒިއަން ހިފެއްޓިއެވެ.

"އަހަރެން ދޫކޮށްލާފަ ނުދާނަމޭ ކިޔާފަ އަނެއްކާ ކޮންތާކަށް ދަނީ؟" އިޒިއަންގެ އަޑު އަނާލްގެ ކަންފަތުގައި ޖެހުމާއެކު އޭނާ އަށް އިޒިއަންއާ ވީ ފަރާތަށް އެނބުރިވުނެވެ.

"އިށީނދެބަލަ" އިޒިއަން ގޮނޑި ދައްކާލާފައި އަނާލް އަށް ބުނެލިއެވެ. އިޒިއަން ކުޑަކޮށް ތެދުވެލަން އުޅުމުން އަނާލް އެހީތެރިވެދިނެވެ. އަނާލް އިށީނުމާއެކު އިޒިއަން މަޑުމަޑުން އަނާލްގެ ކަރުނަތައް ފުހެލިއެވެ.

"ނާލް ތިހެން ރޮންޏާ ބޭބީއަށް ގެއްލުން ވެދާނެއެއްނު. ދެން ހުއްޓާލާ. އަހަރެން ނޫޅެމޭ ނާލް ދޫކޮށްލާފަ ދާކަށް..." އަނާލްގެ ބަނޑުގައި އަތް ޖައްސާލުމާއެކު އިޒިއަން ބުނެލިއެވެ. އެވަގުތު އޭނާއަށް ވެސް އެ ދަރިފުޅުގެ ތޮޅުން ފުރަތަމަ ފަހަރަށް އިޙްސާސްވިއެވެ. ލޭގައި ދައުރުކޮށްލީ ކޮންފަދަ ލޯބިވެތި އަޖައިބެއްފަދަ އިޙްސާސްއެއްހެއްޔެވެ؟ ދަރިފުޅާ މެދު ހިތުގައި އިތް ލޯބި ދެގުނަ ވެގެން ދިޔައެވެ.

"އަހަރެން ހާދަ ގިނަ ދުވަހެއް ވެއްޖެޔޭ މިހެން އޮންނަތާ! ނާލް އަށްވެސް އެއްވެސް ކަމެއް ނުކޮށްދެވުނު. އެންމެ ބޭނުންވި ދުވަހު ދުރަށް ދާން ޖެހުނީ. އެކަމަކު.... އެކަމަކު އުފާކުރަން ތި ބޮޑު ބަނޑާއެކު އިންދަ ފެނުނީމަ... އެ ފުރުސަތު ލިބުނީމަ. " އިޒިއަން ގެ ނަޒަރު އެހެން ދިމާލަކަށް ދަތުރެއް ނުކުރިއެވެ.

"ދެން އަވަހަށް ރަނގަޅުވޭ!" އަނާލްއަށް ބުނެވުނެވެ.

"އެއީ؟ އަވަހަށް ރަނގަޅުވީމަ ނާލް ގެއްލިދާނެ..... ކުރިން ފަހަރުވެސް ވީ އެހެން... ދެން މިހެން އޮންނަ ހިތްވަނީ އޭރުން ނާލް އިންނާނެއެއްނު ކައިރީގަ؟" އިޒިއަން ސަމާސާ ގޮތަކަށް ވާހަކަދެއްކިއެވެ. އިޒިއަން އެހެންބުނީ ސަމާސާ އަކަށްވިނަމަވެސް އަނާލްގެ މޫނުމައްޗަށް ހިތްދަތި އަސަރުތަކެއް ވެރިވުމާއެކު އޭނާ މާފަށް އެދުނެވެ. އަނާލް މޫނު ހަދާލަމުން އިޒިއަންގެ އަތުގައި އަނެއްކާވެސް ޖަހާލިއެވެ.

"ނުދާނަމޭ" އޭރު އޭނާގެ އަޑު އަނެއްކާވެސް ކުރެހިއްޖެއެވެ.

"ހޭ. ނުރޮއިބަލަ. އަހަރެން މަޖަލަކަށޭ އެހެން ބުނީ. ނާލް ވިހަން ވާއިރަށް މިއައީނު ކައިރިއަށް މިހާރު. ދެން ކަމެއް ވާނީ މިތަނުން ތެދުވެވިގެންތާ؟ އޭރުންތާ އުރާލައިގެން ގެންގުޅެވޭނީ" އިޒިއަން ބުނެލިއެވެ. އިޒިއަންގެ ސަމާސާތަކުން އަނާލްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިކުރުވިއެވެ. ދެމީހުންގެ ލުއި ހުނުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދާން ނެގީ އަނެއްކާވެސް މަދު ސިކުންތުކޮޅެކެވެ.

"އެތެރޭން ނާލް ހާދަ ލަސްވެއްޖޭ. އަނެއްކާ ކަމެއް ގޯސްވެދާނެތަ؟" އަކްނިޒާ ހާސްކަމާއެކު ބުނެލިއެވެ. އެހެން އެންމެންގެ އިޒުނައާއެކު އަކްނިޒާ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އުފާވެރި މަންޒަރެކެވެ. ފަހީމްވެސް ދޮރު ކައިރިއަށް ޖެހިލިއެވެ. ކިނާންވެސް މެއެވެ. އިޒިއަންއާއި އަނާލް އާއި ދެމީހުންގެ މޫނުމަތީގައި ވަނީ ނުފިލާފަދަ ހިނިތުންވުމެކެވެ. އެކަކު އަނެކެއްގެ އަތް އޮތީ ގުޅި ލާމެހިފައެވެ.

"ހުރެބަލަ!... ދޮންބެގެ ކަންތަކޭ..... " އަކްނިޒާގެ އަތް ދަށުން އެތެރެއަށް ދެމިގަންނަމުން ކިނާން ކަރުކެހިލިއެވެ.

"ދޮންބޭ. ދިސް އިޒް ނޮޓް ފެއަރ އިނގޭ..." ކިނާން ޝަކުވާ ކުރާ ޒާތަކަށް ބުނެލިއެވެ. އިޒިއަން ބުމަ ހިއްލާލިއެވެ.

"ދޮންބެ ދައްތަ އެތެރެއަށް ވަނީމަ އެންމެން މަތިން ހަނދާންނެތިއްޖެ. ނޮޓް ފެއަރ. " ކިނާން ބުނެލިއެވެ. އަކްނިޒާވެސް ބޯ ޖަހާލަމުން އެތެރެއަށްވަނެވެ.

"އިޒް ހަނދާން ހުރިތަ؟" ފަހީމް އަހާލިއެވެ. އެއާއެކު އިޒިއަން ލާނެއްގޮތަކަށް ހީލިއެވެ. ކިނާންއަށް ބަލާލުމަށްފަހު އޭނާ އަނާލް އަށްވެސް ބަލާލިއެވެ.

"ދޮންބޭ...ކިހިނެތް ތި ބަލަނީ.... ޑޭޑްވެސް. މަންމަވެސް ތަ؟ ދޮންބެ ބުނެގެން އިނގޭ އަޅުގަނޑު މަޑުން ހުރީ...." އަނާލް އިޒިއަންގެ ޖެހި ސަކަރާތުގެ ވާހަކަ ބުނެލުމާއެކު ކިނާން އައިސް އިޒިއަންގެ ގާތަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ. އަކްނިޒާ ކިނާން އަށް ބަލާލި ގޮތުން ކިނާން އަނގަޔަށް ގޮތެއް ހަދާލިއެވެ.

"ދޮންބޭ ސޭވް މީ" ކިނާން ބުނެލިއެވެ.

"ދެން ތެދުވާނީ ކޮން އިރަކުން؟ މިހާރު ތިހެން އޮންނަތާ ކޮން އިރެއް؟" ކިނާންގެ ވާހަކަ އަހާފައި އަކްނިޒާ އައިސް ކިނާންގެ ކަންފަތުގައި ހިފިއެވެ.

"އާނ. އެހެންޏަ. ކައިވެނި ނުކުރެވިފަ ވިއްޔަ އެ ހުންނަނީ އިޒް ނައިސްގެން. ހިތަށް އަރާ މި ދަރި ރަނގަޅު ވާނީ ކޮން އިރަކުންބާއޭ" އަކްނިޒާ ކިނާންގެ ކަންފަތަށް އިތުރަށް ބާރު ކުރަމުން ބުނެލިއެވެ.

"މަންމާ ދޫކުރޭ. މަންމާ އާނ ތަދުވޭ" ކިނާން ހަޅޭއްލަވައިގަތެވެ.

"ކައިވެނި؟" އަނާލްއަށް ބަލާލަމުން އިޒިއަން ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"އާނ. ދީމްއާ ނު. " އަކްނިޒާ ކަންފަތުން ދޫކޮށްލަމުން ބުނެލުމާއެކު އިޒިއަން ގާތަށް ހިނިއައެވެ. އޭނާ ކިނާންއަށް ބަލާލަމުން ބޯ ޖަހާލިއެވެ. ކިނާންވެސް ބޯ ކަހާލިއެވެ. އިޒިއަން ބަލަން އިން ގޮތުން ކިނާން ރަނގަޅަށްވެސް ރަކިވިއެވެ.

"މަންމާ... ފުރަތަމަ ނާނު މީހަކާ އިނުމުގެ ކުރިން އޭ ބޭބީ ގޮތްގަނޑު ކަނޑުވަން ވާނެ" އިޒިއަން ދިމާކޮށްލިއެވެ.

"ދޮންބޭ...ދެން" އެވަގުތު ކިނާން އަށް ފޯނެއް އައުމާއެކު އޭނާ ބަލާލިއެވެ. ގުޅަނީ ދީމްކަމަށް ވުމާއެކު އޭނާ ވަށްކަޅިން އެކަކު އަނެކަކަށް ބަލާލުމަށްފަހު ނުކުންނަން ހިނގައިގަތެވެ.

"ޔަގީން ދީމް އެ ގުޅަނީ" އިޒިއަން ބުނެލި އަޑު އިވުނަސް ކިނާން އެއްޗެކޭ ނުބުނެ ގޮސް ރޫމުން ނުކުމެއްޖެއެވެ.

ހަފްތާއެއްގެ ތެރޭގައި އިޒިއަން ގެއަށް ދޫކޮށްލެވުނެވެ. އެއާއެކު އަނާލްވެސް އަކްނިޒާ މެންގެއަށް ބަދަލުވިއެވެ. ފިޒިއޯތެރަޕީގެ އެހީގައި އިޒިއަންގެ ހުރި އުނދަގޫތައް ދިޔައީ ހީކުރުވަރަށް ވުރެ އަވަހަށް ރަނގަޅުވަމުންނެވެ. އަދިވެސް ހަށިގަނޑުގައި ވީކްނެސް ހުރުމުގެ ސަބަބުންނާއި ވަރުބަލި ވާތީ ގިނައިރު ކޮޅަށް ހުރުން ދަތިވެއެވެ. އެހެންނަމަވެސް މަޑުމަޑުން އެކަންތައް ދާނީ ރަނގަޅުވަމުން ކަމަށް ޑޮކްޓަރު އޮތީ ބުނެފައެވެ. ރަނގަޅު ކާނާއާއި ކަސްރަތަކީ އަވަހަށް ރިކަވާ ވުމަށް ބޭނުންވާ އެއްމެ މުހިންމު ދޭއްޗެވެ.

ރޭގަނޑުގެ ގެ ވަގުތެވެ. އިޒިއަން އޮތީ އެނދުގައި އޮށޯވެއެވެ. ފާހާނާއަށް ވަދެ ފެންވަރާ ހަދާލައިގެން ނުކުމެ ރީތިވެގެން އަނާލް އައިސް އެނދުގައި ޖައްސާލަން އުޅުނީ އުނދަގޫ ގޮތަކަށެވެ. އިޒިއަން ކުޑަކޮށް ތެދުވެލާފައި އަނާލްގެ އުނަގަނޑުގައި ހިފައްޓާލިއެވެ. އަނާލްގެ ބުރަކަށިދަށަށް ބާލީހެއް ލައްވާލަދިނުމާއެކު އޭނަ ހަމަޖެހިލިއެވެ. އިޒިއަންވެސް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އޭނާ އަނާލްގެ އަތުގައި ހިފާލިއެވެ.

އަނާލް އިޒިއަންގެ އެ އަތުގައި އަނެއްއަތުން ބާރުކޮށްލިއެވެ. އެއަށްފަހު މި ދިޔަ ދުވަސްތަކުގައި ކަންތައްތައް ބަދަލުވި މިންވަރު އަނާލް ކިޔައިދިނެވެ. އެގޮތުން ދެ އާއިލާ ދޭތެރޭގައި ޖެހިފައި އޮތް މައްސަލަ ހައްލުވެއްޖެކަމަށާއި ދީމްއާއި ކިނާންގެ ގުޅުމަށްވެސް ދެ އާއިލާ ޤަބޫލުކަމުގައި ބުނެލިއެވެ. އޭނަ އެ ގުޅުމަށް ދެއާއިލާ ރުއްސަންވެގެން ވާހަކަ ދެއްކިވަރުވެސް ކިޔައިނެވެ. އަނެއްކޮޅުން ދާރިޔާ ގެ އާއިލާއާ އޮތް ގުޅުންވެސް ރަނގަޅުކަމުގައެވެ. އެހެންނަމަވެސް އަދިވެސް ދާއިން އުޅެނީ އެމީހުން އެންމެނާ ތަންކޮޅެއް ދުރުގައި ކަމުގައެވެ. މިހާރުވެސް ވީ ރާއްޖޭން ބޭރުގައި ކަމެވެ. އޭނާގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން ނުކެރި މަންމަވެސް އިޒިއަންއަށް މާފުކޮށްފިކަމަށް ބުންޏެވެ. އިޒިއަން ބުނީ އޭނާއާ ބައްދަލުކުރަން އަނާލްގެ އާއިލާ ދިޔުމުން އެކަން އެނގުނު ކަމުގައެވެ. އަނާލް އާއި ދެމީހުން އެތައް އިރަކު ވާހަކަދައްކަން ތިއްބެވެ. އަނާލް އިޒިއަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭނާއަށް މާފުކުރާނުތޯ އިޒިއަންއާ ސުވާލުކުރިއެވެ. އިޒިއަން ބުނީ އޭނަގެ ހިތުގައި އަނާލްއަށް އެއްވެސް ބުރަކަމެއް ނެތް ކަމުގައެވެ. އެހެންނަމަވެސް ދަރިފުޅު ބޭނުންކޮށްގެން އަނާލް ބަދަލު ހިފާ ވާހަކަ ދެއްކިދުވަހު ދުވަހަކު އޭނާ ދެރަނުވާވަރަށް ދެރަވިކަމުގައެވެ. އަނާލް މާފަށް އެދުނު ފުރަތަމަ ފަހަރު އިޒިއަން އަނާލްއަށް މާފުދިންކަމަށް ބުނެލިއެވެ.

"އައި އެމް ސޮރީ" އަނާލް އިޒިއަންއަށް ބަލާލިއެވެ. އިޒިއަން އަނާލްގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ހިނިތުންވެލިއެވެ.

"އަބަދު ދެމީހުން އެކަނު އަނެކަކަށް މާފަށް އެދެންޏާ ނެތެއްނު ދެން ސަލާމަތެއް... ދިރިއުޅުމުގައި ކުރިއަށް ދާނީ ކިހިނެތް؟ އެ ޗެޕްޓަރ އިސް ކްލޯޒްޑް ނައު.... އެ ވާހަކަ ދެން ނުދައްކާ އޮށޯންނަން ހިނގާ" އިޒިއަން އަނާލް ގާތު އެދުނެވެ.

"އިޒް. ނިދާލަންވީނު. ހީ ނުވޭ މިރޭ ނިދޭނެހެނެއް. ވަރަށް އުނަދަގޫ ވާރެއެއް" އަނާލް ފުންނޭނާއެއް ދޫކޮށްލަމުން އުނަގަނޑުގައި އަތް އަޅާލަމުން ބުނެލިއެވެ. އިޒިއަންވެސް ނިދާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ އަނާލް އާ އެކު ވަގުތު ކޮޅެއް ހޭދަކުރާށެވެ. ކޮންމެއަކަސް ހަތް މަސް އެ އުނދަގޫތަކާ އެކު އަނާލް ހޭދަކުރީ ފިރިއެއްގެ އެހީތެރިކަމަކާ ނުލާ އެކަނި މާ އެކަންޏެވެ. ހަމަ އެވަގުތު މަންމައަކު ދަރިއަކު އުފަންކުރުމަށް އުފުލާ ބުރައިގެ ކޮންމެވެސް މިންވަރެއް އިޒިއަންއަށް އިޙްސާސްކުރެވުނެވެ. އަނެއްކޮޅުން މާދަމާ އަކީ އަނެއްކާވެސް އެމް.އެޗް.ޑީ.ސީގެ ހަޔާތުގައި ވަރަށް ވެސް އުފާވެރި ދުވަހެކެވެ. އެމް.އެޗް.ޑީ.ސީގައި އަލަށް ހެދި ފަސްބުރީގެ އިމާރާތް ހުޅުވުމަށްފަހު ފުރަތަމަ ފަހަރަށް އެތަނުގައި ރަސްމީކޮށް ހިދުމަތް ދޭން ފެއްޓޭ ދުވަހެވެ. މީގެ އިތުރުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދުނިޔޭގެ އިސްޖަމިއްޔާތަކަކާއެކު މަޗްވަރާތަކެއްވެސް ވެސް ކުރެވިގެންދާނޭ ދުވަހެކެވެ.

*****

އަނާލްއަށް ވުރެ ކުރިން ހޭލެވުނީ އިޒިއަންއަށެވެ. އޭނާ އަނާލްއަށް ބަލާލަމުން އެނދުން މަޑުމަޑުން ތެދުވިއެވެ. އަދިވެސް ފައިގައި ތަދު ހުންނާތީ ހިނގަން ކޮންމެވެސް ވަރަކަށް ދަތިވި ނަމަވެސް އާއްމު ކަންތައްތަކަށް ބުރޫ އަރާ ވަރެއް ނުވެއެވެ. އިޒިއަންއަށް ފާހާނާއާ ހިސާބަށް ނުދެވެނީސް އަނާލް ގޮވާލައިފިއެވެ. އޭނަ އަނބުރިލާފައި ގަޑިން ވީ ވަރު ބުނެލިއެވެ.

ދެމީހުން ރީތިވެގެން އެމް.އެޗް.ޑީ.ސީއަށް ދިޔައީ އެ ބައްދަލުވުމުގައި އަނާލް ހުރުން ކޮންމެހެންވެސް މުހިންމު ވީތީއެވެ. އެއީ އެ މީހުންނާ މެދު މުހިންމު އެއްބަސް ވުމެއް ހެދޭތީއާވެސް އެކުގައެވެ.

އަނާލް ލާފައި އިޒިއަން ވެސް ދިޔައި ކިނާން އާއި ކައިސް އާ ބައްދަލުކޮށްލުމަށް ކޮފީއަކަށެވެ.

އަނާލް އާއި އެކު ޒައުނާވެސް ބައްދަލުވުމުގައި އިނެވެ. އަނާލް ޕްރެސެންޓޭޝަން ދައްކާފައި އެމީހުންގެ ޕްލޭން ހިއްސާކުރިއެވެ. އެއަށްފަހު ދެން ކުރިއަށް ދިޔައީ މަޝްވަރާ ހޯދުމެވެ. އޮސްޓްރޭލިއާގެ މާހިރުންގެ ޓީމުން އެތަނުގެ މަސައްކަތްތައް ދާގޮތާ ބެހޭގޮތުން އޮޅުން ފިލުވިއެވެ. އެފަދަ މަޝްވަރާތެއްކެއްގައި ތިއްބާ ކުއްލިއަކަށް އިމާރާތުގެ ތެރޭގައި ވަރަށް ބާރު އެއްޗެއް ގޮވިއެވެ. އެމީހުން ތިބީ އެމް.އެޗް.ޑީ.ސީ ގައި އަލަށް އެޅި ފަސްބުރީގެ އިމާރާތުގައި ހުރި މީޓިން ރޫމުގައެވެ. ހިސާބެއްގެ ހަމަހިމޭންކަމެއް އެތަނަށް ވެރިވެގެން ދިޔައެވެ. އެވަގުތު ވާހަކަ ދައްކަމުންދިޔަ ޒައުނާވެސް ވާހަކަ މެދުކަނޑާލިއެވެ. އިތުރު އަޑެއް ނީވުމާއެކު އަނެއްކާވެސް އަނާލްމެން މަޝްވަރާތައް ފެށިއެވެ. ދެވަނަ ފަހަރަށް ގޮވި އަޑާއެކު އިމާރާތުގެ ތެރެއިން ދުން އަރަން ފެށިއެވެ. ދުމުގެ އަސަރު އެތެރޭގައި ހުރި ބިއްލޫރިތަކުގެ ބޭރުން ފެނުމާއެކު އަނާލްއަށް ކޮޅަށް ތެދުވެވުނެވެ. ޒައުނާވެސް ބޭރު ބަލާލިއެވެ. އޭނާގެ ލޮލުގައި ލިފްޓް ގެ އެއްފަރާތުން ފެށިގެން ރޯވަމުން ދިޔަ އަލިފާން ގަނޑު އަޅައިގަތުމާއެކު ހަޅޭއްލަވައި ގަނެވުނެވެ. އަނާލް ވެސް ނުކުމެ ބަލާލިއެވެ. މީޓިން ރޫމްތެރެ ހަލަބޮލިވެގެން ދިޔައެވެ. އޭރު އިމާރާތުގެ ތެރޭގައި ދެކޮޅަށް ހަޅޭއްލަވަމުން ދުވަމުން ދިޔަ މީހުން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެކި އެކި ފަންގި ފިލާގައި ތިބި މީހުން ސިޑިން ފައިބަމުން ދިޔައެވެ. އެކަކު އަނެކަކު ކޮށްޕަމުން ނެވެ. ނޭވާނުލެވިގެން އެއްބަޔަކު އުޅެމުން ދިޔައި ދުމުގެ އުނދަގުލާ ހެދިއެވެ. އެތެރޭގައި ތިބި ހުރިހާ އެންމެންވެސް އަވަސް އަވަހަށް މީޓިންރޫމުން ނުކުންނަން އަވަސްވެގަތް އިރު ތަނުގައި ބޮޑު ނުތަނަވަސްކަމެއް ފެތުރިގެން ދިޔައެވެ. ހަޅޭއްލެވުމާއި ރުއިމުގެ އަޑުން މުޅިތަން ގުގުމާލާފައިވެއެވެ.

ވަގުތުން ސެއކިއުރިޓީ ޓީމަށް އަނާލް ގުޅިނަމަވެސް ފޯނެއް ނުނަގައެވެ. މީހުންގަނޑުގެ ތެރެއިން އަނާލް އާއި ޒައުނާއާއި ދެމީހުން ނުކުނަން އުޅުނީ ދާދި އެއްވަރަކަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން މީހުންގަނޑުގެ ތެރެއިން ޒައުނާވެސް ގެއްލުނެވެ. އޭނާއަށްވެސް ދުންގަނޑުގެ ތެރޭން ޒައުނާ ހޯދުން ފަސޭހަ ކަމަކަށް ނުވިއެވެ. އަލިފާން ގަނޑު ދިޔައީ ހުއްޓުމެއް ނެތި ފެތުރެމުންނެވެ.

އެންމެ ތިރިއަށް ގޮސް އަވަސް އަވަހަށް އޭނާ ދުއްވައިގަންނަން އުޅުމުގެ ތެރޭގައި ފައި ކަހާލައިގެން ވެއްޓުނު ގޮތަށް ބަނޑު ޖެހި ތޫނު ތަދެއް އަރައިގެން ދިޔައެވެ. ކޮންމެ މީހަކުވެސް ބެލީ އެމީހެއްހެ އަމިއްލަ ސަލާމަތަށެވެ. ވޭނީ ހަޅޭކެއް އަނާލްގެ ދުލުން ބޭރުވިއިރު ބަނޑަށް އަރައިގެން ދިތަ ތަދަށް ކެތް ކުރަން ދަތިވިއެވެ. އޭރު ދުމާ ހެދި ނޭވާއަށް އުނދަގޫ ކުރަން ފަށައިފިއެވެ.

އިމާރާތުން ބޭރަށް ނުކުމެވުނު މީހުން ނޭވާލާން ސާފުވަޔަށް އެދި ތެޅެމުން ދިޔައިރު އޭރުވެސް ބައިބަޔަށް މީހުން ނުކުންނަކުން ދިޔައެވެ. އަނާލް އޮތް ދިމާ ކުރިމަތިން އަލިފާންގަނޑު ބޮޑުވުމާއެކު އަނާލް ފެނުނު ދެ ފިރިހެނުންނަށްވެސް އެދިމާލަށް ދެވޭގޮތެއްނުވިއެވެ. އެމީހުން ނަށްވެސް ހަދާނެގޮތް ހުސްވިއެވެ. ދޫކޮށްލާފައި ދާން ބޭނުންނުވެ ތިބެފައިވެސް އެ ދެމީހުންނަށް މަޖުބޫރުވީ ބޭރަށް ދާށެވެ. އޭރު އަނާލް އޮތް ހިސާބުގައި އެކަކުވެސް ފެންނާކަށްނެތެވެ. އަނާލްގެ ރުއިމާ ހަޅޭކުގެ އަޑުން އެ އަޑު އަހާ ކޮންމެ މީހެއްގެ ހިތަށްވެސް ރަހުމު ވަންނާނެއެވެ. ބަނޑުގައި އަތް އަޅައިގެން އޮތް އިރު ބޮލަށް އެނބުރުން އަރާ އޭނާގެ ހަބަރު ހުސްވަމުން ދިޔައެވެ. ނޭވާ ލާން އުނދަގޫވެގެން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިއްކާއެކު އަނާލްގެ ދެލޯވެސް މެރިގެން ދިޔައެވެ. އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅުހެއްޔެވެ؟ ނޫނީ އޭނާ ސަލާމަތް ކުރަން މީހަކު އަންނާނެހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/121242

comment ކޮމެންޓް