އަނިޔާކުރި ފުލުހުންނާ ސީޕީ ހަމީދު ބައްދަލު ކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

މާފަންނުކޮޅުގެއަކަށް ވަދެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބަޔަކަށް އަނިޔާކުރި ފުލުހުންނާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލު ކުރައްވައިފި އެވެ.

މާލޭ ގެއެއްގެ ތެރޭ ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހަކު ވެގެން މީހަކަށް އަނިޔާ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެއާއެކު އަނިޔާކުރި ފުލުހުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލާގައި އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އޭގެ އިތުރުން ހިއުމަރައިޓްސް ކޮމިޝަނުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލައިގެން ތަހުގީގެއް ހިންގަމުން ދާ ކަމަށާއި އެ ތަހުގީގަށް މުޅި ޓީމުގެ ސަޕޯޓް ލިބޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

އެއްވެސް ހާލެއްގައި އަނިޔާ ތަހައްމަލު ނުކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން ވެގެން އަތުންނާ ކޮޅުފައިން ތަޅައި މީހަކަށް އަނިޔާ ކުރާތަން ފެނެ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅަ އެވެ.

comment ކޮމެންޓް