އަނިޔާކުރި ވީޑިއޯ ނެގިކަމުގެ ތުހުމަތުގައި ފުލުހުން ގެޔަކަށް ވަދެ ބިރުދައްކައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. -- ސަން ފޮޓޯ

މާފަންނުކޮޅުގެއަކަށް ވަދެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން ބަޔަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތުގައި އެހެން ގެޔަކަށް ވަދެ، އެގޭގެ މީހުންނަށް ފުލުހުން ބިރު ދައްކައިފި އެވެ.

ފުލުހުން ވަދެފައި ވަނީ، އޮޕަރޭޝަން ހިންގި ގޭގެ ކުރިމަތީގައި ހުރި، އިހުސާން ފިހާރަ ހުންނަ، މ. ބަޑިކުޅިގެއަށެވެ. އެއީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްއަބްދުއްސައްތާރުގެ ގެ އެވެ.

އެ ހާދިސާގެ ތަފްސީލް ދެއްވަމުން އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަންގައި އުޅުނު ފުލުހުންތަކެއް އެގެއަށް ވަދެ ސުވާލު ކުރީ އަނިޔާކުރި ވަގުތު ވީޑިއޯ ނެގީ ބަޑިކުޅިގޭގައި ތިބި ބަޔަކު ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ މެދު ކަމަށެވެ. އަދި އެގޭގެ ދެ ފްލޯއަކަށް ފުލުހުން ވަތް ކަމަށާއި ފޯން ފާސްކޮށް، ވީޑިއޯ ޑިލީޓް ކުރުމަށް ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އަނަސް ވަނީ ވިދާޅުވެފަ އެވެ.

އެ މީހުން އެގެއަށް ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުމުން އެއީ ފުލުހުން ހިންގާ އޮޕަރޭޝަނެއް ކަމަށް އެގެެއަށް ވަތް ފުލުހުން ބުނެފައިވާ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"މި އަމަލު ހިންގި ފުލުހުންނާ މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވީތީ ކޮމިޝަނަރަށް ޝުކުރިއްޔާ،" ހާދިސާ ހިނގިގޮތް ހާމަކުުރައްވަމުން އަނަސް ވިދާޅުވެފައިވެ އެވެ.

މާފަންނު ގެއަކަށް ފުލުހުން ރޭ ވަދެ އޮޕަރޭޝަނެއް ހިންގީ، ކޯޓު އަމުރަކާ އެކު އެވެ. އަދި އެއީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުވެގެން ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެފައިވެ އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ބައެއްގެ ގައިގާ ފުލުހުން ކޮޅުފައިން ތަޅައި މޫނުމަތީގައި ޖަހާ މަންޒަރުވެސް އާންމުވި ވީޑިއޯއިން ފެނެ އެވެ. އެ ވީޑިއޯ އާންމުވުމާ އެކު ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު ރޭ ޓްވީޓް ކުރައްވައި ވިދާޅުވީ އެކަމުގައި ތުހުމަތުވާ ފުލުސް އޮފިސަރުން ވަގުތީ ގޮތުން ސަސްޕެންޑްކޮށް މައްސަލަ ތަހުގީގު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޗްއާރުސީއެމްއަށް ވެސް ފުލުހުން ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުން އާންމުންނަށް އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް