ބާ ކައުންސިލް އިންތިހާބުގައި 23 ބޭފުޅުން

ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ފޯމު ހަވާލުކުރުމަށް އިލެކްޝަންސް ސެންޓަރުގައި --- ސަން ފޮޓޯ

ބާ ކައުންސިލްގެ އިންތިހާބުގައި ޖުމްލަ 23 ފަރާތަކުން ވާދަކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ދެ ފަރާތަކުން، ނައިބު ރައީސް ކަމަށް ދެ ފަރާތަކުން އަދި މެންބަރު ކަމަށް 19 ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދާއި ގާނޫނީ ވަކީލު މައުމޫނު ހަމީދު ވާދަ ކުރައްވައެވެ. ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި ސިވިލްކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވީ މިއަދު ހަވީރު 5:00 ގައެވެ. އިލެކްޝަންސް އިން ބުނީ އެ އިންތިހާބަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ބަހައްޓަން ނިންމާފައި ވަނީ ދެ ފޮށްޓެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކެއްވެސް ފުރަތަމަ ރަޖިސްޓްރީވެފައި ތިބޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށާއި، އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރީ ރެޖިސްޓްރޭޝަނަށް ހަތަރު ދުވަސް ދޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

ބާ ކައުންސިލަށް އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެކެވެ. އެ ކައުންސިލުގައި ބަންޑާރަނައިބުވެސް އިންނަވާނެއެވެ.

comment ކޮމެންޓް