ފިއްލެވި އަނބިކަނބަލުންނާ ދެކޮޅަށް ދުބާއީގެ ވެރިޔާ ދައުވާ ކުރައްވަނީ

ދުބާއީގެ ވެރިޔާ އަނބިކަނބަލުންނާއެކު --

ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު އަލް މަޚްތޫމް އޭނާގެ އަނބިކަނބަލުން ޕްރިންސަސް ހަޔާ ބިންތު އަލް ހުސެއިންއާ ދެކޮޅަށް ދައުވާ ކުރައްވަން ނިންމަވައިފި އެވެ.

މަޚްތޫމް އާ މައްސަލަ ޖެހި އަނބިކަނބަލުން ފިއްލަވައިގެން މިހާރު ދިރިއުޅުއްވަމުން ދަނީވެސް އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.

ސީއެންއެންއިން ބުނީ އެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާ ކަމަށާއި އަދި ދެން އޮންނަ އަޑުއެހުން މިމަހު 30 ގައި ބާއްވާގޮތަށް ތާވަލްވެސްކޮށްފައިވާ ކަމަށެވެ.

ދުބާއީގެ ވެރިޔާ އަނބިކަނބަލުންނާ ދެކޮޅަށް ދައުވާ ކުރައްވަނީ ކޮން މައްސަލައެއްގައި ކަމެއް ވަނީ ނޭނގިފަ އެވެ.

އަނބިކަނބަލުން ފިލި މައްސަލައިގައި މަޚްތޫމް ދާދި ފަހުން ވަނީ އޭނާގެ އިންސްޓަގްރާމްގައި ޅެމެއްވެސް ޕޯސްޓްކޮށްފަ އެވެ. އަނބިކަނބަލުންދެކެ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންހެންނުން މަރުވިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

އަނބިކަނބަލުން ހަޔާއަކީ މުހައްމަދު ބިން ރާޝިދު ގެ ހަތަރު އަބިކަނބަލުންގެ ތެރެއިން އެންމެ ހަނގު އަނބިކަނބަލުންނެވެ. މި ހަތަރު އަނބިކަނބަލުންގެ އިތުރުން ވަރަށް ޒުވާން 2 ޖާރިއާ އިންވެސް މުހައްމަދު ބިން ރާޝިދު ގެންގުޅެއްވާކަމަށް ހަބަރުތައް ބުނެ އެވެ.

އުމުރުފުޅުން 45 އަހަރުގެ ހަޔާ ބިންތިލްޙުސައިންއަކީ އުރުދުންގެ ކުރީގެ ރަސްގެފާނު އަވަހާރަވެފައިވާ ކިންގް ޙުސައިންގެ ދަރިކަނބަލެކެވެ. އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ ދެވަނައަކީ ވެސް ކިންގް ޙުސައިންގެ ދަރިކަލެކެވެ. އެހެންކަމުން އުރުދުންގެ އަބްދުﷲ ރަސްގެފާނަކީ ހަޔާ ގެ އެއްބަފާކޮއްކޯފުޅެވެ. ހަޔާގެ މަންމާފުޅަކީ ކިންގް ހުސައިންގެ އަނބިކަނބަލެއްކަމަށްވާ އަލްޔާގެ ދަރިކަނބަލެކެވެ. އަބްދުﷲ ރަސްގެފާނުގެ މަންމާފުޅަކީ ރާނީ މުނާއެވެ. މުނާއަކީ އަރަބި ނަސްލުގެ އިނގިރޭސި އަންހެނެކެވެ.

ޚަބަރުތައް ބުނާގޮތުން ހަޔާ ދުބާއިން ސިއްރިޔާތުގައި ފިއްލަވައިގެން ދެދަރިކަލުންނާއެކު ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. ޖަރުމަނުން އެކަމަނާ ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ސަރުކާރުން ޖަރުމަނަށް ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން ހަޔާ ވަނީ އަމިއްލަފުޅަށް ޖަރުމަނު ދޫކުރައްވައި ދެދަރިކަލުންނާއެކު މިހާރު ލަންޑަނަށް ވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް