އިންޓަނެޓް އަގުހެޔޮ ކުރުން ލަސްވަނީ ވީހާވެެސް ބޮޑަށް އަގު ކުޑަކުރަން

އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ރައިސް ސޯލިހް ވާހަކަ ދަްއކަވަނީ: އިންޓަނެޓް އަގުހެޔޮވުން ލަސްވަނީ ހުށަހެޅި ޕްރޮޕޯސަލް ކަމުނުދާތީ ކަމަށް ރައީސް ވިދާލުވި --- ފޮޓޯ/ ރައީސް އޮފީސް

އިންޓަނެޓްގެ އަގު ހެޔޮ ކުރުން ލަސްވަނީ އަގުތައް ހެޔޮ ކުރަން ޓެކްނޮލިޖީ މިނިސްޓްރީން އަދިވެސް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަނާޅާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ ޕްރޮޕޯސަލްއެއް އެމަނިކުފާނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ޕްރޮސަލް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގެނެސްދީފައި އެބައޮތް އޭގެ ޕްރޮޕޯސަލްއެއް. އަގު ހެޔޮކޮށްފައި އެބަހުރި އެކި ދިމަ ދިމާލުން. އެހެން ނަމަވެސް އެއީކީ އަދި އެންމެ ރަނގަޅު ގޮތް ކަމަށް އަދި އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ އެ ވާހަކަ ދެކެވެމުން ދަނީ،"އިންޓަނެޓް އަގުހެޔޮވުން ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިނިސްޓްރީން ހުށަހެޅި އަގުތަކަށް ބަދަލު ގެނެވިފައި ހުރި ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ އަދިވެސް އެ އެޕްރޮޕޯސަލްގައި ހުރި އަގުތައްކަށްވުރެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ފޮރުކޮށްދިނުން ކަމަށެވެ.

"މިހާރު އަޅުގަނޑާ ހަމައަށް އައިސްފައިވާ ލިޔުމުގައި އެބަހުރި އަގުތަކަށް ބަދަލުތަކެއް އައިސްފައި. ކުޑަ ކުރެވިފައި. އެކަމަކު އަދިވެސް އަޅުގަނޑު މަސައްކަތް މި ކުރަނީ އެޔައްވުރެ ރަނގަޅަށް އެޔަށް [އަގަށް] ބަދަލުތަކެއް ގެނެވޭތޯ،" ރައީސް ވިދާޅުވި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ އަދިވެސް އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް މަސައްކަތައްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ހަތް މަސް ވެފައިވާއިރު، އަދިވެސް އިންޓަނެޓްގެ އަގު ހެޔޮ ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް