ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް އެޗްޑީސީން ފައިސާ ދޭން އެދިއްޖެ

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ގަތުމަށް ޑައުންޕޭމަންޓް ފައިސާ ދެއްކި ފަރާތްތަކަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިސާ ދެއްކުމަށް ސީލައިފުން ހުށަހަޅައިފި އެވެ.

ހުޅުމާލޭގައި 3000 އެޕާޓްމަންޓް އަޅަން އިއުލާނުކޮށް، ސީލައިފުން ވަނީ އެކުންފުނިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް މީހުންގެ އަތުން ނަގާފަ އެވެ. ނަމަވެސް އެކުންފުނިން އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ ފައިސާ ދެއްކި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފައިސާ ހޯދުމަށް ދައުވާކޮށްފަ އެވެ. އެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބެލެވޭތީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެޗްޑީސީން އެގްރިމަންޓަށް އަމަލު ނުކޮށްގެން ކަމަށް ބުނެ ސީލައިފް އިން އެޗްޑީސީއާ ދެކޮޅަށް ވެސް ދައުވާ ކުރި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ސީލައިފް މައްސަލައިގައި ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކުގައި ސީ ލައިފުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުށަހަޅާފައިވާ އެއްގޮތަކީ، އެޑްވާންސްއަށް ސީލައިފުން އެޗްޑީސީއަށް ދީފައިހުރި އެތައް މިލިއަން ޑޮލަރެއް. އެ ފައިސާ ފްލެޓްގަތުމަށް ދިން ފަރާތައް އެ ފައިސާ ދީފައި، މިކަން ނިންމާފައި، އަލުން ޕްރޮޖެކްތް ކުރިއަށް ގެންދިއުމަށް ތިމަންނަމެންނަށް [ސީލައިފަށް] ފުރުސަތުދޭށޭ،" ރައީސް ވިދާޅިވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ސީލައިފްއާއެކު މަޝްވަރާ ކުރަމުންދާ ކަަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހް ވިދާޅުވީ، ސީލައިފް އިން ހުށަހެޅި އެ ހުށަހެޅުމަކީ، ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ކަމެއްތޯ މިހާރު ބަލަމުންދާ ކަމަށެވެ.

"އެޗްޑީސީއާއައެކު އަޅުގަނޑުމެން މަޝްވަރާކުރާންނަ އެއީ ކުރެވިދާނެ ކަމެއްތޯ. އެހެންވެއްޖެ ނަމަ މިހާރު ފްލެޓް ގަންނަން ސީލައިފަށް އެޑްވާންސަށް ފައިސާ ދެއްކި ފަރާތްތަކަށް އެޗްޑީސީ މެދުވެރިކޮށް އެކަން [ފައިސާ ދެއްކުން] ކުރެވިދާނެ އެއީ ގާނޫނީ ގޮތުން އެޗްޑީސީއަށް ކުރެވިދާނެ ކަމެއްތޯ ނޫންތޯ މިހާރު ބަލަމުން މިގެންދަނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ސީލައިފްގެ އެ ހުށަހެޅުމާ ގުޅޭގޮތުން އެޗްޑީސީއާއެކު ކުރަން ޖެހޭ މަޝަވަރާތައް މި ފެށޭ ހަފްތާގައި ކުރާނެ އެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި ކޮންމެ މީހަކު 50،000 ރުފިޔާ ދެއްކި އިރު އެއަށް ވުރެ ގިނައިން ފައިސާ ދެއްކި މީހުން ވެސް އެބަތިއްބެވެ.

ބޮޑު އަދަކުން އާންމުންގެ އަތުން ފައިސާ ނެގުމަށްފަހު އެކުންފުނީގެ ވެރިން ފިލާފައިވާ ކަމަށް ފްލެޓް ގަތް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމާ ގުޅިގެން މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން މިދިޔަ އެޕްރީލް މަހު ރެޑް ނޯޓިސްވެސް ނެރުނެވެ.

https://sun.mv/118611

comment ކޮމެންޓް