ޝައިމް ފޮރުވަން އެހީވި ދެ މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ، 14

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ފިލުވުމުގައި އެހީތެރިވެދިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އިދާރާތަކަށް ޝައިމް ފޮރުވައިގެން ގެންގުޅުމާއި އެކަމަށް އެހީތެރިވެދިން ކަމަށް ތުހުމަތުވާ ދެ މީހަކު ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމުގެ ގޮތުން ވިލިގނިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އޭނާ ބަހައްޓާފައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ފިލައިގެން އުޅެނިކޮށް ފުލުހުން ޝައިމް ހޯދާފައި ވަނީ، މިދިޔަ ހޯމަ ދުވަހު މާފަންނުކޮޅުގެ ގެއެއްގެ ތެރެއަށް ފުލުހުން ވަދެ އެވެ.

ޝައިމް ފެނުނީ، ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ. ފުލުހުން އެގެއަށް ވަނީވެސް ގަދަކަމުން އެވެ.

ޝައިމް ގެއްލުމާ ގުޅިގެން، ޖެންޑާ މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ވަނީކޮށްފަ އެވެ.

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.

ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

comment ކޮމެންޓް